Roadha Mihaaru
ފާރިސްގެ އަޑުއެހުން ފަސްކޮށްދޭން ވަކީލުން އެދެފި

މިއަދު ބާއްވާ ފާރިސްގެ ޝަރީއަތް އަންނަ ހަފުތާ އަށް ފަސްކޮށްދޭން ވަކީލުން އެދެފި

12 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ހަމަޖައްސާފައިވާތީ، އެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްދޭން ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ހަމަޖައްސާފައިވާތީ، އެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްދޭން ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

ފާރިސަށް އެ ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހެކި ހުށަހެޅިއިރު، މިއަދު މެންދުރު ބާއްވާ އަޑުއެހުމަކީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގަން ބާއްވާ އަޑުއެހުމެކެވެ.

މިއަދު އަޑުއެހުމެއް ބާއްވާތީ، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ފާރިސްގެ ވަކީލުން ފޮނުއްވި ސިޓީގައިވަނީ މިއަދު އަޑުއެހުމެއް ބާއްވާ ކަން ވަކީލުންނަށް އެނގުނީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށެވެ. އަދި ފާރިސް މި ވަގުތު ބަންދުގައި ހުންނެވުމުން ވަކީލުންނަށް ފާރިސްއާ ބައްދަލުކުރަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެކަން އިއްޔެ އަޑުއެހުމުގައި ވެސް ފާހަގަ ކޮށްފައިވާނެ ކަމަށް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ފާރިސްގެ ފަރާތުން އެ މައްސަލައިގައި ހޯދަން އެދިފައިވާ ބައެއް ލިޔުންތައް ފޯރުކޮށްދޭނެ ކަމަށް ދައުލަތުން ބުނެފައިވާ އިރު، އެ ލިޔުންތައް ނުލިބެނީސް ހެކިންގެ ހެކިބަސް މިއަދު ނެގުމަކީ އެ ލިޔުންތަކުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ގެއްލޭނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެހެންވެ، އެ ސިޓީގައި އެދިފައިވަނީ ހެކިބަސް ނަގާ އަޑުއެހުން އަންނަ ހަފުތާގެ ދުވަހަކަށް ފަސްކޮށް ދިނުމަށާއި އެ މުއްދަތުގައި ފާރިސްއާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގައި ދައުލަތުން 10 ހެއްކެއް ހުށަހެޅި އިރު ފާރިސްގެ ފަރާތުން ވަނީ 62 މީހުންނާއި ބައެއް ލިޔުންތައް ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.

ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަލީ އާދަމާ ބެހޭ ގޮތުން ފާރިސްގެ ފަރާތުން ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ މިހާރު ވަނީ އެހެން ގާޒީއަކާ ހަވާލުކޮށްފަ އެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ފާރިސްގެ ވަކީލުން ރޭ ވިދާޅުވީ އެއީ ފާރިސްގެ ޝަކުވާއާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ