Roadha Mihaaru
ވެލެންސިއާ ބަލިކޮށް މާޒިޔާ އަށް ހަމަޖެހުމެއް

ވެލެންސިއާ ބަލިކޮށް މާޒިޔާ އަށް ހަމަޖެހުމެއް

11 މާޗް 2018

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓަކާ އެކު އޮތް މާޒިޔާ އިން މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓަކާ އެކު އޮތް މާޒިޔާ އިން މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.

މި މޮޅާ އެކު މާޒިޔާ އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ވެލެންސިއާ އޮތީ އެއް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މާޒިޔާ އިން ވަނީ ގޭމް ކޮންޓްރޯލްކޮށްގެން ކުޅެ ލަނޑު ޖަހާނެ ދެ ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ފުރުސަތުގައި 32 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ) ނެގި ހުރަސް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ނާއިޒް ހަސަން (ދާދު) އެރި ނަމަވެސް ދެ ކުޅުންތެރިންގެ ފަޔަށް ވެސް އެ ބޯޅަ ރަނގަޅަށް ނޭރި އެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި ދާދު ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ދާދު އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ކޯނޭ ފޮނުވާލުމުން ދިޔައީ މަތީ ދަނޑިއާ ދިމާލުން ބޭރަށެވެ.

މާޒިޔާ އަށް 62 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް އީސަ އެވެ. މާޒިޔާ ގޯލަށް ފޮނުވާލަން އުޅުނު ބޯޅައެއް ވެލެންސިއާގެ ގޯލްކީޕަރު ޖުން ކޮޗީ ހޯދުމަށް ފަހު ކުރިއަށް ފޮނުވާލި ވެލެންސިއާ ކުޅުންތެރިންނަށް ކުރިއަށް ނޭރެނީހެވެ. އޭގެ ފައިދާ ނަގައި މާޒިޔާ އިން ބޯޅަ ހޯދައިން ދިނީ ހުސްކޮށް ހުރީ އީސަ އަށެވެ. އޭނާ ވަނީ ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު މަޑުމަޑުން ގޯލަށް ތިރީ ކަނަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ދެ ވަނަ ގޯލް ޖެހީ އޭގެ މިނެޓެއް ފަހުން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. މި ފަހަރު ވެލެންސިއާގެ ޑިފެންޑަރު އިބްރާހިމް ރިޒްވާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޒިޔާގެ ކޯނޭ އުފެއްދި ހަމަލައެއްގައި އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުލަކޭ ވަނީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) މެޗަށް ފަހު ބުނީ ކުރީ ދެ މެޗުން ވީ ގޮތުން މިއަދު ނުކުތީ އެހެން ހުރިހާ ކަމެއް ބަހައްޓާފައި ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް ޕްރެޝަރުގައި މެޗަށް ނުކުތީ. އެއީ ކުރިން ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެފައި ނަތީޖާ ނުނެރެވުމުން. އެހެންވެ މިއަދު ނުކުތީ ސީދާ ތިން ޕޮއިންޓަށް އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި. މި މޮޅާ އެކު ވަރަށް ބޮޑު ކުރިއެރުމެއް މިއީ. މިއަދު ހަމަ ކޮމްބިނޭޝަން ކުޅުމެއް ފެނުނީ ވެސް،" އިންމަ ބުންޏެވެ.

ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ބަލިވި އެންމެ ބޮޑު ސަބަބަކީ ޑިފެންސުން ކޮންސެންޓްރޭޝަން ގެއްލި ގޯސްތަކެއް ހެދިގެން ކަމަށާއި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"އެކަމަކު އަދިވެސް އަޅުގަނޑުމެން އުއްމީދު ކަނޑައެއްނުލަން. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު އަތުގައި ނެތް ނެޝަނަލް ޓީމުގެ ހަތް ޕްލެޔަރުންނެއް. އަޅުގަނޑަށް ކުރިން ވެސް އެނގޭ ނުކުމެ ކޮންމެ ޓީމެއްގެ އަތުން މޮޅެއް ނުހޯދޭނެކަން. ހަމަ ނުކެފައި ނިއު ރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމެއް ބަލިނުކުރެވިދާނެ. އެކަމަކު އެބަހުރި އަޅުގަނޑުމެންނަށް ވެސް ވާދަކުރެވޭނެ، ޕޮއިންޓް ހޯދޭނެ ޓީމުތައް. އެހެންވެ އަދި ގިވްއަޕެއް ނުކުރަން،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި އަނިޔާގެ މައްސަލަ ވެސް ބޮޑު ކަމަށާއި މިވަރުގެ ޓީމަކަށް އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެއްޖެ ނަމަ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.