Roadha Mihaaru
އިތުރު ބޯޓެއް ގެނެސް މޯލްޑިވިއަންގެ ފްލީޓް 23 އަށް

އިތުރު ބޯޓެއް ގެނެސް މޯލްޑިވިއަންގެ ފްލީޓް 23 އަށް

11 މާޗް 2018

މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓެއް ގެނެސް، އެ އެއާލައިންގައި ބޭނުންކުރާ މަތިންދާބޯޓުގެ އަދަދު 23 އަށް އިތުރު ކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓެއް ގެނެސް، އެ އެއާލައިންގައި ބޭނުންކުރާ މަތިންދާބޯޓުގެ އަދަދު 23 އަށް އިތުރު ކޮށްފި އެވެ.

ނިއު ޒީލެންޑުން ފުރައިގެން ރާއްޖެ އައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން އެ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ހަފްލާއެއް ވެސް ބޭއްވި އެވެ.

މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން މިއަދު ގެނައި މަތިންދާބޯޓަކީ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ، 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ. މި ބޯޓާއި އެކު އެެތެރޭގެ އުދުުހުންތަކުގައި އެ ކުންފުނިން ބޭނުންކުރާ ބޯޓްތަކުގެ އަދަދު 10 އިތުރުވެގެން ދާނެ އެވެ.

އެ ކުންފުނިން ބޭރުގެ ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަކާއި، އެއާބަސް 320 މަރުކާގެ، 150 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން އުދުހެމުން އަންނަނީ، ޗައިނާގެ ހަތް މަންޒިލަކަށާއި، އިންޑިއާގެ ދެ މަންޒިލް އަދި ތައިލޭންޑްގެ ބެންކޮކްގެ އިތުރުން ބަނގްލަދޭޝްގެ ޑާކާ އަށެވެ.

މޯލްޑިވިއަން އިން މިއަދު ގެނައ މަތިންދާބޯޓު.

މޯލްޑިވިއަން އިން މިއަދު ގެނައ މަތިންދާބޯޓު.

މޯލްޑިވިއަން އިން ބުނީ، މިއަދު އަލަށް ގެނައި މަތިންދާބޯޓު އާންމުކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރި ނަމަވެސް، އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރަން ވެސް ބޭނުން ކުރާނެ ކަމަށެވެ.

މަތިންދާބޯޓުގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ދެން ހިމެނެނީ 11 ސީޕްލޭނެވެ. ސީޕްލޭން އިން ރާއްޖޭގެ 14 ރިސޯޓަކަށް ދަތުރު ކުރެ އެވެ.

ގައުމީ އެއާލައިނުން އަންނަނީ ސީޕްލޭންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިތުރު ސީޕްލޭންތައް ގެނައުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ކުންފުނީގެ މަތިންދާބޯޓުތައް އިތުރުކޮށް، ރާއްޖޭން ބޭރުގެ އިތުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަށް ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވިއަން އިން ބޭރު ގައުމުތަކަށް ކުރާ ދަތުރުތަައް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ދެކުނު އެފްރިކާ އަށް ދަތުރުތަައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.