Roadha Mihaaru
ބޯޓު މައްސަލާގައި ހައްޔަރުކުރި މީހާ އަށް ގިނަ ތުހުމަތު

ތެޔޮ ޓޭންކަރު މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ވެސް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

10 މާޗް 2018

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ އަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާ އެކު ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ އަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާ އެކު ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.

ތެޔޮ ޓޭންކަރު މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ގދ. މަޑަވެލީ، އަބްދުﷲ ފަހުމީ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ސަރުކާރު ވައްޓާލުމަށް އެކި ފަރާތްތަކަށް ފައިސާ ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެ ފަދަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުން ހިމެނެ އެވެ. އޭގެ އިތުރުން، ސައްހަ ލިޔުމަކަށް ބަދަލު ގެނެސް، އެ އެ ނަކަލު ކުރުމާއި ރިޝްވަތު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރުމާއި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ބޭނުން ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ސަރުކާރު ވައްޓާލުމަށް އެކި ފަރާތްތަކަށް ފަހުމީ ފައިސާ ދިން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހެދުމަށް ފަހު، އެ އޮތޯރިޓީގައި ކުރިން މަސައްކަތްކޮށްފައިވާ އިސް ފަރާތެއްގެ ނަމުގައި މެއިލް އެޑްރެސްއެއް ހުޅުވައި، އެ ބޭނުންކޮށްގެން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ. އަދި ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ފޮނުވަން މެއިލްކޮށް، އެ ބޯޓުގައި ދިވެހި ދިދަ ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކަށް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްބުނާ "ޝިން ޔުއާން 18" އިން މުއާމަލާތްތަކެއް ކުރިކަން ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރުމާ އެކު ދިވެހި ސަރުކާރުން ވަނީ އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެފަ އެވެ.

އެ ޓޭންކަރަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް މެރިޓައިމް ވެބްސައިޓްތަކުން ދެއްކި ނަމަވެސް ސަރުކާރުން ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށް ބުނެފަ އެވެ.

ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގަނިކޮށް ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ މި ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ.