Roadha Mihaaru
ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު

ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު

28 ފެބުރުއަރީ 2018

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުންޏަސް އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުންޏަސް އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ވާހަކަތައް ދޮގުކޮށް، ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މަނާ މުއާމަލާތްތަކެއް ހިންގީ ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަމަށް ވާހަކަ ފެތުރިއަސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ.

ޓްރާންސްޕޯޓުން ބުނި ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައިވާ ޝިން ޔުއާން 18 އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ. އަދި ރާއްޖެ އަކީ ބޭރު ގައުމުތަކުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ގައުމަކަށް ނުވާތީވެ، އެ އުޅަނދުގައި ދިވެހި ދިދަ ބޭނުން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެހެންވެ، އެއްވެސް މީޑިއާއަކުން ދޮގު މައުލޫމާތު ނުފަތުރަން ޓްރާންސްޕޯޓުން ވަނީ އެދިފަ އެވެ.

ބޯޓުގެ މައުލޫމާތުތައް ހާމަކޮށްފައި ވަނީ ޖަޕާނުގެ ފޮރިން މިނިސްޓްރީން ނޫންތޯ ޓްރާންސްޕޯޓުގެ އިސް އޮފިޝަލަކާ "މިހާރު" އިން ސުވާލު ދެންނެވުމުން ވިދާޅުވީ "އެއީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ބޯޓެއް ނޫން ކަމަށް މިހާރު ހާމަ ކުރަނީ ރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ނޫންތޯ" ކަމަށެވެ. އެއްވެސް ޒަމާނެއްގައި، އެ ނަން ކިޔާ ބޯޓެއް ރާއްޖޭގައި ރަޖިސްޓްރީ ކުރަން އެދިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އިރެއްގައި ރާއްޖޭގައި ރަޖިސްޓްރީ ކުރަން އެޕްލައިކޮށްފައެއް ވެސް ނުވޭ. އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މަނާ މުއާމަލާތްތައް ހިންގި ކަމަށް ބުނާ ދެ އުޅަނދުގެ ފޮޓޯތައް ވެސް ޖަޕާނުގެ ފޮރިން މިނިސްޓްރީން ވަނީ އާއްމުކޮށްފަ އެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ އެ ގޮތަށް ކަނޑުމަތީގައި މުއާމަލާތު ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގެ ޓޭންކަރުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާ އިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އުތުރު ކޮރެއާގެ އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ އަސްލު ނަން ފޮހެލައިފަ އެވެ.

މައްސަލަ އިތުރަށް ބެލުމުން، މި ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ޚިލާފު އަމަލެއްކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުންޏެވެ.