09 މާޗް 2018
ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނާ ވާދަވެރިކަން އޮންނަ ކަމަށާއި އެކަމަކު އެއީ ޕްރޮފެޝަނަލް ކަމެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނާ ވާދަވެރިކަން އޮންނަ ކަމަށާއި އެކަމަކު އެއީ ޕްރޮފެޝަނަލް ކަމެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
ސުޒޭން އާއި މޯހަން އަކީ ދިވެހި ލީގު ކާމިޔާބު ކުރި މަދު ދިވެހި ކޯޗުންގެ ތެރޭގައި ހިމެނޭ ދެ ކޯޗުންނެވެ.
"އަޅުގަނޑުމެން ދެ ކޯޗުންގެ އޮވޭ ވާދަވެރިކަން. އެކަން ކުރިއަށްދާނެ. އެ ދަނޑުމަތީގައި މެޗަށް އޮންނަ ވާދަވެރިކަން. އަޅުގަނޑު ބަލިކުރަން ސުޒޭން ވެސް ބޭނުންވާނެ. ހަމައެގޮތަށް ސުޒޭންގެ މައްޗަށް ކުރިހޯދަން ހުރި މަސައްކަތެއް އަޅުގަނޑު ވެސް ކުރާނަން. މިއީ ޕްރޮފެޝަނަލް ވާދަވެރިކަމެއް. ފަހު ކަށިގަނޑާ އެކު މެޗު ނިމޭއިރު ދެން ނޯންނާނެ މި ފަދަ ކަމެއް،" ސުޒޭންއާ އޮންނަ ވާދަވެރިކަމާ ގުޅޭގޮތުން ކުރި ސުވާލަށް މޯހަން ޖަވާބު ދިނެވެ.
އެ ސުވާލު ސުޒޭންއާ ކުރުމުން އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ކޮންމެ ކޯޗަކާ ވެސް ވާދަކުރަން ޖެހޭނެ ކަމަށެވެ.
"މީގެ ދެން މޯހަން އަކާ އަޅުގަނޑު ވާދައެއް ނުކުރަން ކަންނޭނގެ. އަޅުގަނޑު މި އުޅެނީ ފޭސް ސޭވިން މިޝަން އެއްގައި. އުޅޭއިރު އޭގެ އިދިކޮޅަށް ނުކުންނަ ކޮންމެ ކޯޗަކާ ވެސް ވާދަކުރަން ޖެހޭނެ. އަދި މޯހަން ވިޔަސް އެހެން މީހެއް ވިޔަސް. އެހެން އުޅޭއިރު މޯހަންއާ ވެސް ދިމާވެފައި ހުރެދާނެ. މީގެ ވިސްނަން ޖެހޭ ކަމަކީ މޯހަން ހުރެގެން އަޅުގަނޑަށް ލިބޭނެ ފަސޭހައެއް ނެތް. އަދި މޮޅެއް ހޯދުން ނޫން ގޮތަކަށް ލިބޭނެ ހިތްހަމަ ޖެހުމެއް ވެސް ނެތް،" ސުޒޭން ބުންޏެވެ.
އީގަލްސް ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ އަތުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ވެލެންސިއާއާ އެއްވަރުވެފަ އެވެ. ގްރީންއާ ދެކޮޅަށް ކުޅޭއިރު އަލުން މޮޅެއް ހޯދައި ޓީމު އަލުން ފޯމަކަށް ގެނައުން މުހިއްމުކަމަށް މޯހަން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންނަށް މުހިއްމުވާ ސަބަބަކީ އަދި މި އަހަރު ބަލިވެފައެއް ނުވޭ. ދެން އެމީހުން ބަލިކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރުން. ދެން އޭގެ އިތުރުން އަޅުގަނޑުމެން ކުރިއަށްދާން މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓް. ދެން ގްރީން އަށް އަދި މި ސީޒަނުގައި މޮޅެއް ނުލިބުނަސް އެ ޓީމު ވަރަށް މުހިއްމު ދެ ޓީމު އަތުން ވަރަށް ރަނގަޅު ދެ ޕޮއިންޓް ނަގާފައި އޮތީ،" ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން މޯހަން ބުންޏެވެ.
މިދިޔަ އަހަރު އީގަލްސް އަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނީ އެންމެ ފަހު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވުމުންނެވެ. އެ މެޗަށް ފަހު އީގަލްސްގެ ގިނަ ކުޅުންތެރިން ދަނޑުމަތީގައި ވަރަށް ބޮޑަށް މާޔޫސްވެފައިތިބި މަންޒަރު ވެސް ފެނުނެވެ.
މޯހަން ބުނީ އެ ކަންތައްތައް ކުޅުންތެރިން ބޮލުގައި ހުއްޓަސް ކުރިއަށް އޮތީ އެ ވަރުގެ ޕްރެޝަރު މެޗެއް ނޫން ކަމަށެވެ.
"މީގެ އެއް ކަމަކީ މި މެޗު ސީޒަންގެ ކުރީކޮޅުގައި ޖެހުން. އެހެންވީމަ އެ ހިސާބަކުން އެ ޕްރެޝަރަށް ދިއުމުގެ ޖާގައެއް ނެތް. އެއީ ބޮޑު ހިތްހަމަ ޖެހުމެއް. އެއީ ސިކުނޑީގައި އިންނާނެ ކަމެއް. އެ ފިލުވައެއް ނުލެވޭނެ. އެކަމު މި މެޗު ކުރީކޮޅުގައި އޮތީމަ އެ ވަރުގެ ޕްރެޝަރެއް ނެތި ކުޅުންތެރިންނަށް ހިތްހަމަ ޖެހިލައިގެން ކުޅެވޭނެ،" މޯހަން ބުންޏެވެ.
އޭނާ ބުނީ މާލޭ ލީގުގެ ގަދަ ހަައެއްގެ ތެރޭގައި ހިމެނުމަކީ އަދި މި ސީޒަނުގެ ޓާގެޓް ކަމަށާއި އެ އަށް ވާސިލްވާއިރު ކުރަން ޖެހޭ އެހެން ކަންތައްތައްތަކެއް ވެސް ފުރިހަމަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީގަލްސް މެޗަށް ނުކުންނައިރު ސުޒޭން ބުނީ މީގެ ކުރިން ދިޔަ ދެ މެޗުން ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި މި މެޗަށް ތައްޔާރުވާނީ އެކަންތައްތަކަށް ވިސްނައިގެން ކަމަށެވެ.
"ބައިވަރު ކަންތައް ރަނގަޅު ކުރަން ހުރިކަން ދެ މެޗުން ވެސް އެނގިއްޖެ. އީގަލްސްއާ އެކު ނުކުންނައިރު ވަރަށް ގިނަ ކަންތައް ރަނގަޅު ކުރެވޭނެ. ދުވާލު މެޗަކަށްވީމަ ގްރީން ތައްޔާރުވާ ގޮތް ވެސް އާންމުކޮށް ކުޅޭ މެޗުތަކާ ތަފާތު. ގްރީން އެންމެ ބޮޑަށް ޑިޕެންޑް މި ވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނަށް ކަމަށްވާތީ ޔޫރަޕް ކުޅުންތެރިން ހޫނުގައި ކުޅެން ޖެހޭތީ ބޭނުން ކުރުމުގައި ވިސްނަން ޖެހޭ. އެ ކުޅުންތެރިންގެ މެކްސިމަމް ދައްކަން،" ސުޒޭން ބުންޏެވެ.
މިދިޔަ އަހަރު ގްރީން އަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބޮލް އިލިއާ އެވެ. މިދިޔަ ސީޒަނުގައި ލިބުނު އަނިޔާއަކުން ރަނގަޅުވުމަށް އިލިއާ ވަނީ ވަރަށް ފަހުން އޮޕަރޭޝަނެއް ކޮށްފަ އެވެ. ސުޒޭން ބުނީ އޭނާ ކުރީގެ ލެވެލަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިލިއާގެ ފިޓްނަސް އެހާ ރަނގަޅެއް ނޫން. އިންޖަރީ ވައިސް ބައިވަރު ކަންތައްތަކެއް އެބަހުރި. މިދިޔަ އަހަރުގެ އޮކްޓޫބަރު ފަހު ކޮޅުގައި ލިބުނު އިންޖަރީ އަކަށް އޮޕަރޭޝަން ކޮށްގެން ގާތްގަނޑަކަށް 12 ވަރަކަށް ކިލޯ ހުރީ ބަރުވެފައި. އެކަމު އޭނާ އެ ކަންތައް ރަނގަޅު ކުރަމުން އަންނަނީ. ދެން މިއީ މި ވަގުތު ގްރީން އަށް އޮތް އެހާ ބޮޑު މައްސަލައެއް ގޮތުގައި ނުދެކެން،" ސުޒޭން ބުންޏެވެ.
މި ފަހަރު ލީގުގައި ގްރީން ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުން ޕޮއިންޓް ހޯދީ ފަހު ވަގުތު ޖެހި ގޯލުތަކުންނެވެ. ފުރަތަމަ މެޗުގައި މާޒިޔާ ދެ ލަނޑު ޖަހާފައި އޮއްވައި ފަހު ހަ މިނިޓް ތެރޭ ދެ ގޯލު ކާމިޔާބު ކުރިއިރު، އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ އެއްވަރުކުރީ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލުންނެވެ.
ސުޒޭން ބުނީ ގްރީން އިން ފަހު ވަގުތު ނަތީޖާ ނެރެނީ ކުޅުންތެރިން ކުރާ މަސައްކަތުން ކަމަށާއި މިއީ އޭނާ ވެސް މެޗަށްދޭ ސަމާލުކަން ދޭތީ ހާސިލްކުރެވޭ ކަމެއް ކަމަށެވެ.
"ފަހު ވަގުތު ނަތީޖާ ނެރެވެނީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުން. ހަމަ އެހެން އުޅެލާފައި ގޯލެއް ޖެހެނީކީއެއް ނޫން. ކެނޑިނޭޅި 15 ވަރަކަށް މިނިޓް އެ ކުރި މަސައްކަތް ފެނިގެންދިޔައީ. ދެން މީގައި ބަލަންވީ އަޅުގަނޑު ބެންޗެއްގައި ހުރެގެން މި ކަހަލަ ކިތަށް ދުވަސްތޯ އައީ ތި ބޭފުޅުން ސުވާލުކޮށްލާ އަޑޭ (އަސްހަދު އަލީ) ކަހަލަ ކުޅުންތެރިޔަކާ،" ސުޒޭން ބުންޏެވެ.
ފަހު ވަގުތު ނަތީޖާ ނެރުމުގައި ނަސީބުގެ އެހީ ލިބޭތޯ ސުވާލުކުރުމުން ސުޒޭން ބުނީ ނަސީބު އެހީވަނީ ކުރާ މަސައްކަތާ ވެސް ގުޅިގެން ކަމަށެވެ.
"ނަސީބަކީ ކޮންމެ ކަމެއްގައި ވެސް ބޭނުންވާނެ އެއްޗެއް. ފަހު ވަގުތު ގޯލު ޖެހިޔަސް ފުރަތަމަ މިނިޓްގައި ގޯލު ޖެހިޔަސް ނަސީބު ބޭނުންވާނެ. ނަސީބު އަޅުގަނޑުމެން މި ކިޔަނީ ކަމެއް ކުރަން އުޅުމުގެ ތެރޭގައި ފަހިވެގެން އަންނަ ކަމަކަށް. ނަސީބަކީ އެއްގޮތަކަށް ވެސް ގޭގައި އޮއްވާ އަންނާނެ އެއްޗެއް ނޫން. މިސާލަކަށް އެ ދުވަހު 15 މިނިޓަށް ވެފައި ހުއްޓާ ހުރިހާ ކުދިން ފައިބާ އިށީދެލައިގެން ތިބި ނަމަ ނަސީބެއް ނާންނާނެ. ގްރީން ސްޓްރީޓްސް މޮޅުވާކަށް. މިއީ ވަރަށް ބައިވަރު މަސައްކަތް،" ސުޒޭން ބުންޏެވެ.
ގްރީން އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.
މައްސަލަ އަށް ހައްލެއް، މޯހަން އަށް ހިތްހަމަޖެހުން
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން
ތަޖުރިބާކާރު ދެ މިޑްފީލްޑަރުންގެ ކުރިމަތިލުމެއް
ގްރީން ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
ލުއިޒް އެޑުއާޑޯ: ލަނޑަކަށް ފަހު ލަނޑެއް!