08 މާޗް 2018
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ފުރޮޅިދާނެ ގޮތެއް ތަސައްވަރުކޮށްލަން ވެސް ފަސޭހައެއް ނޫނެވެ؛ ގައުމު މިހާރު އޮތް ހާލަތުން، ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެ އެވެ. ޔަގީންވާ އެއް ކަމަކީ، މިއިން ކަމެއްގައި ހައްގެއް ގެއްލިއްޖެ ނަމަ، ދިފާއުގައި އެންމެ ފުރަތަމަ ނިކުންނަވާނެ އެއް ބޭފުޅަކީ ގާނޫނީ ވަކީލް ހިސާން ހުސެއިން ކަމެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ފުރޮޅިދާނެ ގޮތެއް ތަސައްވަރުކޮށްލަން ވެސް ފަސޭހައެއް ނޫނެވެ؛ ގައުމު މިހާރު އޮތް ހާލަތުން، ކޮންމެ ފަދަ ކަމެއް ވެސް ހިނގައިފާނެ އެވެ. ޔަގީންވާ އެއް ކަމަކީ، މިއިން ކަމެއްގައި ހައްގެއް ގެއްލިއްޖެ ނަމަ، ދިފާއުގައި އެންމެ ފުރަތަމަ ނިކުންނަވާނެ އެއް ބޭފުޅަކީ ގާނޫނީ ވަކީލް ހިސާން ހުސެއިން ކަމެވެ.
ދައުލަތުގެ އިސް މަގާމްތައް ފުރުއްވި އެތައް ބޭފުޅުންނެއް މިހާރު ތިއްބެވީ ޖަލުގަ އެވެ. ބޮޑެތި ތުހުމަތުތަކުގަ އެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާއި ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުންނާއި މަޖިލިސް މެމްބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނެ އެވެ.
ހިސާންގެ ހުރިހާ ވަގުތެއް ހޭދަކުރައްވަނީ، މީގެ ތެރެއިން ބައެއް ބޭފުޅުންގެ ހައްގުތަކުގެ ދިފާއު ކޮށްދެއްވުމުގަ އެވެ. އެންމެ ރައްޔިތެއްގެ ހައްގެއް ގެއްލުމަކީ ވެސް، މުޅި ގައުމު އޭގެ އަގު އަދާކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވާތީ އެވެ. ސިޔާސީ އިސް ބޭފުޅަކަށް ތުހުމަތެއް ނުވަތަ ދައުވާއެއް އުފުލައިފި ނަމަ، ދިފާއުގައި އެންމެ ކުރީ ސަފުން އޭނާ ފެންނަނީ ވެސް އެހެންވެ އެވެ. މި މަސައްކަތުގައި ދޫދިނުމެއް ނެތެވެ. "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަބަބުތައް ވެސް ވިދާޅުވި އެވެ.
ޝަރީއަތަށް ފަހު، ހިސާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"އަބަދުވެސް އަޅުގަނޑަށް ވަރަށް އުނދަގޫ މީހުންނާ މެދު ބޭއިންސާފުން ކަން ކުރާތަން، މީހުންނަށް އަނިޔާ ދޭ ތަން ބަލަހައްޓައިގެން ހުންނަން. އަޅުގަނޑަކަށް އެގޮތަކަށް ނުހުރެވޭނެ،" ހިސާން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން އިން 2005ގައި މާސްޓާސް ފުރިހަމަކުރައްވައި އޭނާ ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. އެތަނުން، 2007 ގައި ވަކިވެވަޑައިގަތީ، އެ އޮފީހާއި ސަރުކާރުގެ ތެރޭގައި އޭރު ހިނގައި ދިޔަ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. ގޯހުން ކަމެއް ދާނަމަ، އެއީ ގޯސް ކަަމަށް ވިދާޅުވުމަކީ އޭނާގެ ތޮބީއަތެވެ. އެއާ އެކު، އަމިއްލަ ލޯ ފާމެއްގައި މަސައްކަތް ކުރެއްވުމަށް ފަހު 2008 ގައި އެމްޑީޕީ ވެރިކަމަށް އައުމުން، އަނެއްކާވެސް ސަރުކާރާ ގުޅިވަޑައިގަތީ އެވެ.
އެ މުއްދަތުގެ ތެރޭގައި، ގާނޫނީ ގޮތުން ތަފާތު އެތައް މައްސަލަތަކެއް ހިސާން ތަޖުރިބާކުރެއްވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވި ދެ ހާދިސާ ހިނގިއިރު، ހިސާން ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމުގަ އެވެ. އެއީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓުގައި ތަޅުއެޅުވި މައްސަލަ އެވެ. މިއީ ގަނޫނު އަސާސީއާ ހިލާފު އަމަލްތަކެއް ކަމަށް ގާނޫނީ އެތައް ބަޔަކު ގަބޫލުކުރެ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ހިސާނަށް ވެސް އަމާޒުވި އެވެ.
އެކަމަކު މި ދެ މައްސަލައިގައި، ނަޝީދުގެ ސަރުކާރުން ގާނޫނާ ޚިލާފު ނުވާ ކަމަށް ދެއްކޭނެ ހުއްޖަތުތައް ހުރި ކަމަށް ހިސާން ގަބޫލުކުރައްވަ އެވެ. ނަމަވެސް އޭގެ ތަފްސީލަށް ވަޑައިގަންނަވާކަށް އޭނާ މިވަގުތު ބޭނުމެއް ނުވެ އެވެ. އެއް ސަބަބަކީ، ހިސާން ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުން އުޅުއްވުމެވެ.
ހިސާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހިސާން ވިދާޅުވި ގޮތުގައި، ގައުމުގެ ކަންކަން ބޮއްސުންލައިފި ކަމަށް އޭނާ އަށް ގަބޫލުކުރެއްވުނީ، ފެބުރުއަރީ 8، 2012 ގައި ހިނގި ގާނޫނާ ޚިލާފު އަމަލުތަކުންނެވެ. އެ ދުވަހު އޭނާ ހުންނެވީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުނަށް، ފުލުހުން އަނިޔާކުރި މަންޒަރު ވަރަށް ގާތުން ފެނިވަޑައިގަތެވެ. އެއީ، ހިސާން ސިފަކުރެއްވި ގޮތުގައި، ބިރުވެރި ދުވަހެކެވެ.
"އެ ދުވަހުން ފެށިގެން މިއުޅެނީ މި މަސައްކަތުގައި. ވަރަށް މަދުވާނެ، އަޅުގަނޑު އަމިއްލަ މަސައްކަތްތައް. ގިނަވާނީ، ސިޔާސީ ދާއިރާގައި، ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކުރާ މީހުންގެ ދިފާއުގައި ކުރާ މަސައްކަތްތައް،" ހިސާން ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންގެ ދިފާއުގައި، ހިސާންގެ ފެށުމަކީ، ނަޝީދުގެ މައްޗަށް އުފުލި ދައުވާ އެވެ. ވަކީލުންގެ ޓީމަކާ އެކު ހިސާން ބުރަ މަަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. އެއީ، ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގެ އަމާޒު ވެސް ހުއްޓުނު މައްސަލައެކެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ގެންދިޔަ ގޮތާއި، މައްސަލައިގެ ސްޕީޑަށް ބަލާއިރު، ހިސާން ވިދާޅުވި ގޮތުގައި، ވަކީލުންނަށް އޮތީ، މަސައްކަތްތަކަށް 24 ގަޑިއިރު ވެސް މަދުވެފަ އެވެ.
ނަޝީދުގެ މައްސަލަ އަށް ފަހު، ދެން ކުރިއަށް ގެންދެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ އެވެ. އެއަށް ފަހު، މިހާރު "ބީޒީވެގެން" އުޅުއްވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލައިގަ އެވެ.
ވަކީލު ހިސާން ހުސައިން ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
އޭގެ އިތުރުން، ހައްޔަރުކޮށްފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ މައްސަލައިގައި ވެސް ހިސާން ގެންދަވަނީ ގާނޫނީ މަސައްކަތްތައް ކުރައްވަމުންނެވެ.
"ހުރިހާ މައްސަލަތައް ވެސް ކުރިއަށް ގެންދަނީ ވަކީލުންގެ ބޮޑު ޓީމަކުން. ބައެއް ފަހަރު ބޮޑެތި މައްސަލަތަކުގައި އުޅޭއިރު ރަނގަޅަށް ނުނިދައި، ފަސް ދުވަސް ވެސް ހޭދަ ވެދާނެ،" ދެ ކުދިންގެ މަންމަ، ހިސާން ވިދާޅުވި އެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި އުޅުއްވަން ޖެހިވަޑައިގަތަސް އާއިލާ އަށް ވަގުތު ވެސް ހުސްކުރައްވަ އެވެ. އެކަމަކު އެންމެ ބޭނުންވާ ގޮތަށް އާއިލާއާ އެކު ވަގުތު ހޭދަނުކުރެއްވޭ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާއަށް ލިބިވަޑައިގަންނަވާ އުފަލަކީ، ފިރިމީހާ އާއި އާއިލާގެ އެއްބާރުލުމެވެ.
ކިތަންމެ ބުރަކޮށް މަސައްކަތް ކުރެއްވިއަސް، ސިޔާސީ ކުށްވެރިން ނުވަތަ ސިޔާސީ އެކި ތުހުމަތުގައި ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް ގިނަ ފަހަރަށް ނިމެނީ ހިސާން ބޭނުންވާ ގޮތަކަށެއް ނޫނެވެ. އޭގެ ސަބަބަކީ ރާއްޖޭގެ ޖުޑިޝަރީ އޮތް ހާލަތު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ކޮންމެ މައްސަލައަކާ ގުޅިގެން ވެސް އޮންނަ ހިތްހަމަޖެހުމަކީ، އަޅުގަނޑުމެން ކޯޓަށް ދަނީ އެ މައްސަލައަކަށް ތައްޔާރުވެގެން. ކޯޓުގައި ދައްކާ ވާހަކަތަކަކީ ގާނޫނީ ގޮތުން ބުރަދަން ހުރި ވާހަކަތަކެއް ކަން އަޅުގަނޑުމެންނަށް ޔަގީނުން ކަށަވަރު ވާތީ. ކޮންމެ މައްސަލައެއްގައި ވެސް އަޅުގަނޑުމެންގެ ތެދުވެރިކަމާ އެކު 100 ޕަސެންޓް ދީފައި އަންނަނީ،" ހިސާން ވިދާޅުވި އެވެ.
"މައްސަލަ ނިމިގެން ދާއިރު ހުކުމް އަންނަނީ އަޅުގަނޑުމެން ވަކާލާތު ކުރި ގޮތަކަށް ނޫން، އެއީ ސިޔާސީ ގޮތުން ހިންގޭ މައްސަލަތަކަކަށް ވާތީ ކަމަށް ގަބޫލުކުރެވޭ. އެކަމަކު ލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ ފަރާތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރެވުނު ކަމަށް އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން."
ހިސާން އޭނާގެ ލޯ ފާމުގައި މަސައްކަތް ކުރައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހިސާން ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތަކީ މީހަކު ބަންދުކުރުމުން އޭނާ ދިފާއުކުރަން ކުރައްވާ މަސައްކަތެއް ނޫނެވެ. އެއީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހޯދައިދޭން ކުރައްވާ މަސައްކަތްތައް ކަމަށް ވިދާޅުވި އެެވެ.
އޭރަކު ހުންނަވާ ރައީސުލް ޖުމްހޫރިއްޔާ އަކު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ހުކުމެއް ކުރުމުން ނުވަތަ އެމަނިކުފާނު ބޭނުންފުޅުވާ އަދަދަށް، މަޖިލީހުގައި މެމްބަރުންގެ އެއްބާރުލެއްވުން ނުލިބުމަކީ، މުޅި ގައުމު އޭގެ އަގު އަދާކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.
ވަކީލުންތަކެއް ސަސްޕެންޑްކުރުމުން އެ މީހުންގެ ދިފާއުގައި ހިސާން ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެ ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަތަސް އޭގެ އަގު އަދާކުރަން މިޖެހެނީ ދިވެހި ހުރިހާ ރައްޔިތުންނެވެ.
"ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މި ދައްކާ ވާހަކަތަކަކީ ސިޔާސީ ސަބަބުތަކަކަށްޓަކައި ދައްކާ ވާހަކަތަކެއް ނޫން. މިއީ، އެ ބޭފުޅާގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނާ މެދ އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހޭތީ ދައްކާ ވާހަކަތަކެއް. އެއްވެސް މީހަކަށް ނުހައްގުން އަނިޔާ ދިނުމަކީ އަޅުގަނޑަށް ގަބޫލުކުރެވޭ އުސޫލެއް ނޫން،" ހިސާން ވިދާޅުވި އެވެ.
މައްސަލައެއް ނެތެވެ؛ ހާލަތު ބަދަލުވެ، އެމްޑީޕީގެ ސަރުކާރަކުން ގާނޫނާ ޚިލާފު ކަންކަން ކުރަން ފަށައިފި ނަމަ ހިސާން ދެމިހުންނަވާނީ ހައްގުތަކުގެ ދިފާއުގައި ހެއްޔެވެ؟ ނުވަތަ އެ ހިސާބުން "ހިމޭނުން ހުންނަވާނީ" ހެއްޔެވެ؟
ހިސާން: ހައްގުތަކުގެ ދިފާއުގައި ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަަމަށް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހިސާންގެ ޖަވާބަކީ ނޫނެކެވެ. އޭނާއާ އެއް ފިކުރެއް ނުވަތަ ތަފާތު ފިކުރަކަށް ވިއަސް، އެއްވެސް މީހަކަށް ނުހައްގުން އަނިޔާ ލިބޭ ތަން ބަލަހައްޓަވައިގެން ނުހުންނަވާނެ އެވެ. އަބަދުވެސް، އޭނާ އަށް އެންމެ އިސްވާނީ، ހައްގާއި އިންސާފެވެ.
ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ޝަރުއީ ނިޒާމް ހިންގަން ފަށައިފި ނަމަ، ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރެވި އިންސާފު ކަށަވަރުވެގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ތަފާތު ހިޔާލާއެކު ވެސް ޖުޑިޝަރީ އިސްލާހު ކުރެވޭނެ"
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ފާއިޒް ތެދުވެވަޑައިގަތުމަކީ ލިބޭ ހިތްވަރެއް: ނަޝީދު
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
ޔާމީން ދޫކޮށްލަންކުރި ހުކުމަށް ނަޝީދު ފާޑު ވިދާޅުވެއްޖެ
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެއްބަސްވި: މައުމޫން
ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގަންނަވާ: ގާސިމް
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް