04 މާޗް 2018
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ފުރަތަމަ ދުވަހު ވެސް 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ފުރަތަމަ ދުވަހު ވެސް 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ ފުރަތަމަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދިންއިރު އިމަޖެންސީ ރޫމް (އީއާރު) އަށް ވެސް ފަރުވާ ހޯދަން މީހުން ދިޔަ ކަމަށެވެ. އަދި މިހާރު ވެސް ވަރަށް ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން އެޕޮއިންޓް ހޯދަން ގުޅަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ފީޑްބެކް ލިބެނީ ވަރަށް ރަނގަޅު ކަމަށް. ފުރަތަމަ ދުވަހު މިތަނަށް އައި ކޮންމެ މީހަކާ ވަކިވަކިން އަޅުގަނޑުމެން އިންޓަވިއު ކުރިން ހިދުމަތް ހޯދި ގޮތާ ބެހޭ ގޮތުން. ވަރަށް ގިނަ މީހުން ބުނި ވަރަށް ރަނގަޅޭ،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރިސެޕްޝަންގައި މުވައްޒަފުން މަސައްކަތް ކުރަނީ: މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް.
އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ ހޮސްޕިޓަލުން އެންމެ ގިނައިން ފަރުވާ ހޯދީ ދިވެހިން ކަމަށެވެ. އަދި މަދުމަދުން ބިދޭސީން ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދި މީހަކު އެތަނުގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވަނީ ލިބުނު ހިދުމަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބަލިމީހާ ގޮވައިގެން ތަނުގެ މުވައްޒަފުން ޑޮކްޓަރާ ހަމައަށް ގެންދިއުމަކީ މީގެ ކުރިން ރާއްޖެ އިން ދެކެފައި ނުވާ މަންޒަރެއް ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑުގެ ބައްޕަ އެތަނަށް ފަރުވާ ހޯދަން ދިޔަ. އަދި އެނބުރި ގެ އަށް އައީ ވެސް ވަރަށް ހިތްހަމަޖެހިގެން. އެ ހޮސްޕިޓަލުގެ ރަނގަޅު ވާހަކަ އެންމެން ކައިރީ ދައްކާ. ބައްޕައަށް އެތަނަށް ދެވުނީ ދިން ގަޑިއަށް ވުރެ ތަންކޮޅެއް ލަހުން. ނަމަވެސް އެތަނުން ގުޅާފައި ހަނދާން ކޮށްދިން،" އެ ހޮސްޕިޓަލާ ބެހޭ ގޮތުން ލިޔެފައިވެ އެވެ.
އެހެން މީހަކު ލިޔެފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުރަތަމަ ދުވަހު ވެސް ތިން ފަހަރު ދިޔަ ކަމަށާއި އެތަނުން ދިމާވި އެންމެން ވެސް ފެންނަނީ ވަރަށް ހިނިތުންވުމާ އެކު ހިދުމަތް ދޭތަން ކަމަށް ވެސް ބުނެފައިވެ އެވެ.
"ހުރިހާ މުވައްޒަފުންނަށް ވަރަށް ޝުކުރުވެރިވަން. އަދި ސެކިއުރިޓީންނަށް ވެސް ޝުކުރިއްޔާ. އެ މީހުން އަޅުގަނޑު ނުކުންނަންދެން ދަރިފުޅު ގޮވައިގެން އުޅުނީ. އަހަންނަށް ވަރަށް ބޮޑަށް ރައްކާތެރިކަން އިހުސާސްވި،" އެ މީހާ ލިޔެފައިވެ އެވެ.
ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 750ރ އެވެ. އެކަމަކު މި ވަގުތު ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމުން ފީ އުޅެނީ 525ރ ގަ އެވެ.
ރާއްޖެއިން މިވަގުތު ލިބެން ނެތް ވަރަށް ގިނަ ފަރުވާތަކާއި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް މިވަގުތު ލިބެނީ ހަމައެކަނި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށެވެ. ނަމަވެސް އެޑްމިޓްނުކޮށް ޑޮކްޓަރަށް ދައްކާ މީހުންނަށް ވެސް އާސަންދަ ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލްގައި 210 އެނދު ހުރެ އެވެ. އަދި 30 ގައުމެއްގެ މީހުންގެ ވަޒީފާ އަދާކުރާނެ ކަމަށް، ޓްރީ ޓޮޕުން ބުނެ އެވެ.
ޓްރީ ޓޮޕްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައިފި
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް
ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފި
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ
ޓްރީޓޮޕް ހޮސްޕިޓަލުން 500 ވަޒީފާ ހުޅުވާލައިފި