Roadha Mihaaru
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް

ބޭނުމަކީ ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނޫން، ހިދުމަތް ރަނގަޅުކުރުން: އަފީފް

27 ފެބުރުއަރީ 2018

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތިދުވަހު ހުޅުވާއިރު އެ ތަނުން އެއްވެސް ބަޔަކާ ވާދަނުކުރާނެ ކަމަށް، ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ޑައިރެކްޓަރު ޗަމްޕާ ހުސެން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ ބުރާސްފަތިދުވަހު ހުޅުވާއިރު އެ ތަނުން އެއްވެސް ބަޔަކާ ވާދަނުކުރާނެ ކަމަށް، ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ޑައިރެކްޓަރު ޗަމްޕާ ހުސެން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވާ ތާރީހު އިއުލާންކުރަން އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ވިދާޅުވީ މިއީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ޚިދުމަތެއް ދޭން ކުރާ ކަމެއް ކަމަށެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން އަބަދުވެސް މަސައްކަތްކުރާނީ ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާ ގުޅިގެން، ސިއްހީ ދާއިރާ އިތުރަށް ކުރިއަރުވަން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ އަފީފް ވިދާޅުވީ އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި އެހެނިހެން ފަރާތްތަކާ އެކު ޓްރީ ޓޮޕުން އަބަދުވެސް ޓްރެއިނިން ޕްރޮގްރާމްތައް ބާއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހޮސްޕިޓަލެއްގައި ހުންނަ ރަނގަޅު ކަންކަން ޓްރީ ޓޮޕަށް ވެސް ގެނެސް، ޓްރީ ޓޮޕުގައި ހުރި ރަނގަޅު ކަންކަން އެހެން ހޮސްޕިޓަލްތަކަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަފީފު ވިދާޅުވި ގޮތުގައި ޓްރީ ޓޮޕުން އެހެން ހޮސްޕިޓަލްތަކާ އެކު މަސައްކަތް ކުރާނީ "ޕާޓްނާޝިޕެއް"ގެ ގޮތުގައި، ގުޅިގެންނެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިން ބޭރަށް ގޮސްގެން ހޯދާ ހިދުމަތްތައް ރާއްޖޭގައި ތިބެގެން، ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އެގޮތުން މާލޭން ބޭރުން ހޮސްޕިޓަލަށް އަންނަ ފަރާތްތަކަށް އެ ތަނުގައި ތިބެގެން ފަރުވާ ހޯދަން، 80 ވަރަކަށް ކޮޓަރި ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"މުޅި ޖުމްލަ އަޅުގަނޑުމެންނަށް މިތަނަށް ހަރަދުކުރެވިފައި ގާތްގަނޑަކަށް އެބަ އުޅޭ އެންމެ މަދުވެގެން ވެސް 110 މިލިޔަން ޑޮލަރު. ވަރަށް ބޮޑު އަދަދެއް، އަޅުގަނޑުމެންނަށް އެ ފައިސާ [އަނބުރާ] ލިބޭނެ ދުވަހެއް ނޭނގޭ ބުނާކަށް،" އަފީފު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން އެންމެ އުފާވާ ކަމަކީ، އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނަށް މިވަރު ކަމެއް ކޮށްދެވުނީމަ. އެއީ އަޅުގަނޑުމެންގެ އެއް އުފަލަކީ. ދެން އަޅުގަނޑު ހިތަށްއަރާ މިކަމުން ރާއްޖޭގެ ބޭފުޅުންނަށް ކޮން ފަދަ ބޮޑު ފައިދާއެއް ވާނެބާއޭ؟"

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އިސް ވެރިން.-- ފޮޓޯ: މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ އިސް ވެރިން.-- ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ އެންމެ ބޮޑު ހުވަފެނަކީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހުރިހާ މަގާމެއްގައި ވެސް ދިވެހިން ތިބޭތަން ދެކެވަޑައިގަތުން ކަމަށެވެ. ފަތުރުވެރި ކަމުގެ ދާއިރާގައި ވެސް އެ މޮޑަލް ބޭނުން ކުރެއްވި ކަމަށާއި، އެކަން ވަރަށް ކާމިޔާބު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުވަފެނެއް އެއީ ހުސް ދިވެހިން މިތާ މަސައްކަތް ކުރާތަން ފެނުމަކީ. އެއީ ކުރިއަށް އޮތް 10-15 ވަރަކަށް އަހަރުގެ އުންމީދެއް. [ޓްރީ ޓޮޕްގައި] މަސައްކަތް ކުރާ ބޭރު ބޭފުޅުން ދިވެހި ބޭފުޅުންނަށް އަބަދުވެސް އިރުޝާދު ދެއްވާނެ ކޮން ދާއިރާއަކުން ކަން ސްޕެޝަލައިޒް ވާންވީ،" އަފީފު ވިދާޅުވި އެވެ.

ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ ހިއްސާދާރުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، ޓްރީ ޓޮޕް ހޮސްޕިޓަލާ އެކު މެޑިކަލް ޓޫރިޒަމް ތައާރަފްކުރަން ވަކި ހާއްސަ އިސްކަމެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގައި ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެ ގޮތް ހައްދަވަން ކަމަށެވެ. ނަމަވެސް މި ހޮސްޕިޓަލްގެ ސަބަބުން ޓޫރިޒަމަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މިދޭތެރެއިން ވަޑައިގެންނެވި ވަރަށް މަތީ ބޭފުޅަކު ހޮސްޕިޓަލެއް ހިފައިގެން ވެސް އަތުވެއްޖެ ރާއްޖެ އަށް. [އެކަމަކު] މިހާރު އެހެން ހަދާކަށް ނުޖެހޭނެ. ހުރިހާ ޚިދުމަތެއް މިތަނުން ލިބެން އެބަހުރި،" އަފީފް ވިދާޅުވި އެވެ.

"ޓޫރިސްޓް މީހުންނަށް ވެސް އެ ކޮންފިޑެންސް ލިބޭނެ. ރާއްޖެ [ގޮސް އުޅެނިކޮށް] އަހަންނަށް ހާޓް އެޓޭކެއް ޖެހިއްޖެއްޔާ [މިހާރު އެނގޭނެ] ރަނގަޅު ފަރުވާ ލިބޭނެކަން. ނޫނީ އެހެން ކަމެއް ވިޔަސް ރަނގަޅު ކެއާ ލިބޭނޭ،" އަފީފު ވިދާޅުވި އެވެ.