28 ސެޕްޓެމްބަރ 2017
ހުޅުމާލޭގައި އަލަށް ހެދި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އަލަށް ހެދި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަފާރިވެރިންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ތަރައްގީކުރި ހޮސްޕިޓަލް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދަ ލިބޭއިރު ދިވެހިންނަށް ރާއްޖޭގެ ހޮސްޕިޓަލަކުން އާސަންދަ ނުލިބޭނެ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އާސަދައިން ކަވަރުކުރާނީ އެ ތަނުން ދޭ ހިދުމަތްތަކުގެ ކިތައް ޕަސެންޓް ކަމެއް ދަންނަވަން އަދި ނޭނގޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލް: މިތަނުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި. --ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
"އަޅުގަނޑުމެން އާސަންދަ އެބަދެން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް، އެހެންވީމަ ކީއްވެތޯ މި ހޮސްޕިޓަލުން ނުލިބެންވީ ކީއްވެތޯ؟ މި ހޮސްޕިޓަލް ހުޅުވުމާއެކު މި ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކަށް އަޅުގަނޑުމެން ރިފާކުރާނީ މި ހޮސްޕިޓަލަށް. އާސަންދައިގެ އެންމެ ބޭސިކް އެއް ޕްރިންސިޕަލްއަކީ ރާއްޖެއިން ލިބޭ ހިދުމަތްތަކަށް އާސަންދައިން ބޭރަކަށް ނުފޮނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި ހޮސްޕިޓަލް ހުޅުވުމުން، ރާއްޖެއިން ލިބެން ނެތް ވަރަށް ގިނަ ފަރުވާތައް ލިބެން ހުންނާނެ ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި ހިތް ބަދަލުކުރުން ފިޔަވައި އެހެން ހުރިހާ ފަރުވާއެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭނެ އެވެ.
"ހާޓްގެ ކަންތައްތަކުގައި އަޅުގަނޑުމެން ދެން [މި ހޮސްޕިޓަލް ހުޅުވުމާއެކު] ބޭރަށް ފޮނުވާކަށް ނުޖެހޭނެ. ކެންސަރަށް ފަރުވާ ދިނުމާއި ޑައިލެސިސްގެ ހިދުމަތް ވެސް ލިބޭނެ. އެ ހުރިހާ ހިދުމަތަކާއެކު މިތަން ހުޅުވިގެން މިދަނީ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓްރީ ޓޮޮޕް ހޮސްޕިޓަލް ހުޅުވުމާއެކު ދިވެހިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ.
ހުޅުމާލޭގައި އަލަށް ހެދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހިތުގެ އޮޕަރޭޝަންތައްކުރާ ތިއޭޓަރު: މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައި. --ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
"މި ހޮސްޕިޓަލް ބަލާލުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމެޖުމެއް ލިބިއްޖެ. މި ހޮސްޕިޓަލް ވަރަށް ހިތްގައިމު ވަރަށް ފުރިހަމަ ހޮސްޕިޓަލެއް މިއީ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ހޮސްޕިޓަލް ފުރަތަމަ ހުޅުވާއިރު ވެސް ހިތު އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ. އަދި އެމްއާރުއައި އާއި ސީޓީ ސްކޭންގެ އިތުރުން އެންމެ ޒަމާނީ ހޮސްޕިޓަލްތަކުން ލިބެން ހުންނަ ހުރިހާ ފަރުވާއެއް ލިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެންމެ ހާއްސަ ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މިތަނަށް ޕޭޝަންޓުން [ބަލިމީހުން]ގެ ކޭޓަރިންގެ ކަންތައް އަދި އިމަޖެންސީގެ ހިދުމަތްތަކާއި އައުޓް ޕޭޝަން އަދި އިން ޕޭޝަންޓަށް ހިދުމަތް ދިނުމަށް ވެސް މިތަން ތައްޔާރުވެފައިވަނީ. މިތަނަށް އައުމުން އަޅުގަނޑަށް ފެނުނީ ބައިވަރު ދިވެހި ޒުވާނުންތަކެއް ތަމްރީނުވަމުން އަންނަ ތަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ތިރީހަކަށް ގައުމުގެ ޑޮކްޓަރުން މަސައްކަތްކުރައްވާނެ ކަމަށެވެ. އެއީ ވެސް ރާއްޖޭގެ ސިއްހީ ހިދުމަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލި މީހުންނަށް ހާއްސަކޮށްފައިވާ ފްލޯގެ ކޮރިޑޯ. -- ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
"މި ހޮސްޕިޓަލް ހުޅުވުމުން އައިޖީއެމްއެޗްގައި އޮންނަ ބޮޑު ކިއުއަށް ލުއިކަމެއް ލިބިގެންދާނެ. އެހެން ގޮތަކަށް ދަންނަވާނަމަ މިއީ ޓްރާންސްފޮމޭޝަނަލް ޗޭންޖެއް މި ހޮސްޕިޓަލުގެ ސަބަބުން ސިއްހީ ނިޒާމަށް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލާއެކު، ގަބޫލުކުރަން ދަތި ހެޔޮ ބަދަލުތަކެއް ރާއްޖޭގެ ސިއްހީ ނިޒާމަށް އަންނާނެ ކަމަށެވެ.
ހޮސްޕިޓަލް މިއަދު ނޫސްވެރިންނަށް ދައްކާލިއިރު އެތަނުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން ދަނީ އެތަނުގައި ބައެއް މެޝިނަރީތައް ބެހެއްޓުމަށްފަހު ޓެސްޓްކުރުމާއި ބައެއް ތަކެތި ބެހެއްޓުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަސައްކަތެވެ.
ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޮސްޕިޓަލުގައި އެންމެ ޒަމާނީ ފެންވަރުގެ އެމްއާރުއައި މެޝިނަކާއި ސީޓީ ސްކޭން މެޝިނާއި އެކްސްރޭ މެޝިންތައް ބަހައްޓާފައިވެ އެވެ. އަދި މުވައްޒަފުންނަށާއި ބަލި މީހުން ބޭތިއްބުމަށް ހާއްސަ ޕްރައިވެޓް ވޯޑުތަކެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އޭގެ އިތުރުން ކެންސަރަށް ފަރުވާ ދިނުމަށް ކީމޯ ތެރަޕީގެ ހިދުމަތާއި ކިޑްނީ ޑައިލިސިސް ހެދޭ މެޝިންތަކާއި އޯޕަން ހާޓް ސާޖަރީ ހެދޭނެ ތިއޭޓަރު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލި މީހުންނަށް ހާއްސަ ކޮޓަރިއެއް ހެލްތު މިނިސްޓަރަށާއި ނޫސްވެރިންނަށް މިއަދު ދައްކާލަނީ. -- ފޮޓޯ: އަބްދުﷲ ޖަމީލު /މިހާރު
ޓްރީޓޮޕް އިންވެސްޓްމަންޓްގެ ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވީ އެ ކުންފުނި މަސައްކަތްކުރަނީ މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލް ހުޅުވުމަށް ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ އެތަނުގެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ މެދެއްހާ ހިސާބުގައި ފަސް ބުރިއަށް ތަރައްގީކުރި 152 އެނދުގެ ހޮސްޕިޓަލް ހިންގާނީ މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާއި އޮސްޓްރޭލިއާ ރަމްޒޭ ހެލްތު ކެއާ ގްރޫޕު ގުޅިގެންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި
ޓްރީ ޓޮޕް ހޮސްޕިޓަލް މި މަހު ހުޅުވަނީ
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ޓްރީ ޓޮޕަށް ފުރަތަމަ ފަހަރަށް ފައިދާވާން ފަށައިފި
ކޮވިޑް-19:ޓްރީޓޮޕުން މުހިއްމު ފިޔަވަޅުތަކެއް އަޅައިފި
"އާސަންދައަކީ ވިޔަފާރިއެއް ކަމަށް ދެކިގެން ނުވާނެ"
ބަދަލުތަކާ އެކު 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަނީ
ޓްރީ ޓޮޕްގެ މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކޮށްފި