Roadha Mihaaru
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ

ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިންމާލައިފި

27 އޯގަސްޓް 2017

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންޓްރެކްޓަރު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންޓްރެކްޓަރު ބުނެފި އެވެ.

ރާއްޖޭގައި އަމިއްލަ ފަރާތަކުން ހެދި އެންމެ ބޮޑު ހޮސްޕިޓަލުގެ މަސައްކަތް ކުރީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ ޓާމާކްސް އިންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު ފެށި 180 އެނދުގެ ހޮސްޕިޓަލާއި ހޮޓަލާ އެކު ހެދި ތަނަކީ ދެކުނު އިރުމަތީ އޭޝިއާގައި ހުރި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ މަހުޖަނުންތަކެއް ހިއްސާވެގެން ތަރައްގީކުރި ހޮސްޕިޓަލް މި އަހަރުގެ ފަހުކޮޅު ހުޅުވާނެ ކަމަށް ކަމަށް ޓްރީ ޓޮޕް އިން ކުރިން ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލް އިމާރާތްކުރި ކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ ކެމަލޮކްލު ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ހަ ތިއޭޓަރު ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން އެއް ތިއޭޓަރު ހާއްސަކޮށްފައި ވަނީ ހިތުގެ އޮޕަރޭޝަންތައް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރުން އިންޓެންސިވް ކެއާ ޔުނިޓާއި ވިއްސާ ކޮޓަރިތަކާއި އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދޭނެ ޔުނިޓާއި ދިހަ މެޝިން ހިމެނޭ ޑައިލިސިސް ޔުނިޓެއް ވެސް ހިމެނޭ،" އަލީ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭން ރޭޑިއޮލޮޖީ އާއި އެމްއާރު އަދި ސީޓީ ސްކޭން، މެމޮގްރަފީ ޔުނިޓްތަކާއި ކީމޯ ތެރެޕީ ޔުނިޓްތަކެއްގެ އިތުރުން އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ލެބޯޓަރީއެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

ތުރުކީގެ ޓާމާކްސް ކުންފުންޏަކީ މޮބައިލް ހޮސްޕިޓަލްތަކާއި އެކި އެކި ތަކެތި އުފައްދާ ވަރުގަދަ ކުންފުންޏެކެވެ.

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަ ބުރީގެ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގެއް ހިމެނެ އެވެ. ހޮސްޕިޓަލް ބިލްޑިންގުގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާ މީހުންނަށް ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ އަަށް ބުރީގެ ހޮޓަލެއް ހިމެނެ އެވެ.

ޓްރީ ޓޮޕް އިން ތަރައްގީކުރާ ހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ. އެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ރޫމް ހުރެ އެވެ. އެގޮތުން ބަލި ދެ މީހަކަށް 30 ކޮޓަރިއާއި އެކަކަށް ހިދުމަތް ދެވޭ ގޮތަށް ހަދާ 57 ކޮޓަރިއާއި ހަތަރު ޖޫނިއާ ސުއިޓާއި ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ވެސް އެތަނުގައި ހުރެ އެވެ.