Roadha Mihaaru
ބީޖީ އަތުން ވެލެންސިއާ އަށް ޕޮއިންޓެއް

ބީޖީ އަތުން ވެލެންސިއާ އަށް ޕޮއިންޓެއް

16 ޖުލައި 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ މިއަދު ކުޅުނު މެޗުން ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، އެއް ޕޮއިންޓުން ފުއްދާލަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ މިއަދު ކުޅުނު މެޗުން ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، އެއް ޕޮއިންޓުން ފުއްދާލަން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު ވެލެންސިއާ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ އަށް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ތިން ވަނަ ލިބޭނެ އެވެ. ބީޖީ ލީގުގެ އެންމެ ފުލުގައި އޮތީ އަށް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ވެލެންސިއާ ވަނީ 3-0 އިން މޮޅުވެފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް ފެށިގެން ވެލެންސިއާ އިން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ހަސަން އަދުހަމް ދިން ބޯޅަ އަކުން ބީޖީ އޭރިއާ ތެރެއިން ހަންސްލޭ އަވިލޯ ފޮނުވާލި ބޯޅަ ބީޖީ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. އަދި ހަތް ވަނަ މިނިޓްގައި ވެލެންސިއާގެ ކަކާ ބޮލުން ފޮނުވާލި ބޯޅަ ވެސް ސާގިބް މަތަކުރި އެވެ.

މެޗުގެ 21 ވަނަ މިނިޓްގައި ބީޖީގެ އިބްރާހިމް ހަމްދާން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ތެރެއިން ހަމްދާން ފޮނުވާލި ބޯޅަ ވެލެންސިއާގެ ހިޝާމް ސަލީމް ފައިގައި ޖެހިފައި ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ބީޖީ އޭރިއާ ތެރެއިން ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް މުނޯޒް ފޮނުވާލި ބޯޅަ ބީޖީ ކީޕަރު ސާގިބް މަތަކުރި އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ބީޖީ އޭރިއާ ބޭރުން ހުސެއިން ނިހާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ބީޖީގެ ފަހަތަށް ކުޅޭ މުހައްމަދު ނިޒާމަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން ހަމްދާން ނަގައިދިން ހުރަސް ވެލެންސިއާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ނިޒާމް ފައިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ވެލެންސިއާގެ ކަކާ ބީޖީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ސާގިބް މަތަކުރިއިރު، އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކެއްގައި ވެލެންސިއާ އޭރިއާ ރޮނގުމަތިން ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އީގަލްސް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.