Roadha Mihaaru
ވެލެންސިއާ ބަލިކޮށް އީގަލްސް އިން ފަރަގު ކުޑަކޮށްފި

ވެލެންސިއާ ބަލިކޮށް އީގަލްސް އިން ފަރަގު ކުޑަކޮށްފި

17 އޮކްޓޯބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ވެލެންސިއާ ބަލިކޮށް އީގަލްސް އިން ލީގު ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ވެލެންސިއާ ބަލިކޮށް އީގަލްސް އިން ލީގު ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

އީގަލްސް މިރޭގެ މެޗަށް ނުކުތްއިރު މިއަދު ހަވީރު 4-3 އިން މާޒިޔާ ބަލިކޮށް ޓީސީ ވަނީ ލީގު ދެ ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެހެން ނަަމަވެސް ވެލެންސިއާ އަތުން މޮޅުވެ އީގަލްސް އިން ވަނީ ޓީސީއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ.

ދެ ޓީމަށް ވެސް ބާކީ އެއް މެޗު އޮތްއިރު ޓީސީ ދެ ވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ. މިރޭގެ މޮޅާ އެކު އީގަލްސް އިން ވަނީ 38 ޕޮއިންޓް ހަމަކޮށްފަ އެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ވެލެންސިއާ އިން ވަނީ ކެންސަރު ބަލީގައި މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވި މަޝްހޫރު މިއުޒީޝަން އަދި ވެލެންސިއާގެ ސަޕޯޓަރެއް ކަަމަށްވާ ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ ހަނދާން އާކޮށް އޭނާގެ އާއިލާ އަށް ޖާޒީއެއް ހަދިޔާ ކޮށްފަ އެވެ. މެޗު ފެށުމުގެ ކުރިން ނާޝިދުގެ ހަނދާނުގައި ސުކޫތެއް ގެނައިރު، ދެ ޓީމުގެ ކުޅުންތެރިން ކުޅުނީ ކަޅު ބޭންޑް އަޅައިގެންނެވެ.

މެޗުގެ ބޮޑުބައި ވިއްސާރައިގެ ތެރޭގައި ކުޅުނުއިރު ފުރަތަމަ ހާފްގައި ވެލެންސިއާ އިން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ހަސަން އަދުހަމް (ސަޑޭ) އާއި އަހުމަދު ރިލްވާން އަދި ހަންސްލޭ އަވީލޯ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ވެލެންސިއާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އިން މި ހާފްގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ހުސެއިން ނިހާން އެވެ. އޭރިއާ ބޭރުން ނިހާން ފޮނުވާލި ބާރު ބޯޅަ އީގަލްސް އަށް ކުޅޭ ސްރީލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެެރޭރާ ވަނީ މަތަކޮށްފަ އެވެ.

މި ހާފްގައި އީގަލްސްގެ ރިސްޓޭ ނައުމޯވް އާއި މުސްތަފާ ސެޑިކް ވެސް ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ސެޑިކާއި ރިސްޓޭ ފޮނުވާލި ދެ ހަމަލާ ވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ކާމިޔާބުކުރީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ވެލެންސިއާގެ ހާފްގެ ތެރެއިން އެ ޓީމުގެ ރިލްވާން އަތުން ބޯޅަ ހޯދުމަށް ފަހު އީގަލްސްގެ ރިސްޓޭ ހުސްކޮށްލާފައި ރިޒޭ އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ރިޒޭ ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ.

މި މެޗުގެ ނަތީޖާ ހަމަހަމަކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ވެލެންސިއާގެ ކެޕްޓަންކަން މި މެޗުގައި ކުރި އަކުރަމް އަބްދުލް ގަނީ އަށެވެ. މެޗުގެ 63 ވަނަ މިނިޓްގައި އަކުރަމް ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. މި ޕެނަލްޓީ އަކީ އީގަލްސް އޭރިއާ ތެރެއިން ވެލެންސިއާގެ ސަޑޭ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.