Roadha Mihaaru
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟

ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟

21 އޮކްޓޯބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު ހަތަރު މެޗާ ކުރިމަތިލާއިރު ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ވަނީ ޔަގީންވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗަށް ފަހު ބީޖީ ރެލިގޭޓްވެފައިވާއިރު، މިވަގުތު ފޯރިގަދަވެފައިވަނީ ގަދަ ހައެއް ކަށަވަރުކުރުމުގަ އެވެ. ގަދަ ހައެއްގައި ނުހިމެނި ހަތް ވަނަ އަށްދާ ޓީމެއް ޖެހޭނީ ދެ ލެގު އުސޫލުން ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ. އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ މި މެޗުން މޮޅުވާ ޓީމެކެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލީގު ތާވަލަށް ބަލާއިރު މި ވަގުތު ޕްލޭއޮފް ކުޅެން ޖެހޭ މަގާމުގައި އޮތީ ވިކްޓަރީ އެވެ. ވިކްޓަރީ ލީގުގެ ހަތް ވަނައިގައި އޮތީ 20 މެޗުން 19 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ފަސް ވަނައިގައި އޮތް ވެލެންސިއާ އަށް 20 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އެކަމަކު މި ތިން ޓީމަށް ވެސް ޕްލޭއޮފުގައި ކުޅެން ޖެހުމުގެ ބިރު އެބައޮތެވެ.

މިއަދު ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ނުކުންނާނީ ބީޖީއާ ދެކޮޅަށެވެ. މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭއިރު، ވެލެންސިއާ މާދަމާ ހަވީރު ބައްދަލުކުރާނީ ޓީސީއާ އެވެ. ފަހު މެޗުތަކުން ވެލެންސިއާ އާއި ވިކްޓަރީ އަދި ނިއު އަށް ވަނީ މޮޅުވުން މަޖުބޫރުވެފަ އެވެ. ތިން ޓީމު ވެސް މޮޅުވެއްޖެނަމަ ޕްލޭއޮފް ކުޅެން ޖެހޭނީ ވިކްޓަރީ އެވެ. އެކަމަކު މިއަދު ހަވީރު ބީޖީ އަތުން ވިކްޓަރީ މޮޅުނުވެއްޖެ ނަމަ ވިކްޓަރީ ޕްލޭއޮފުގައި ކުޅެން ޖެހި ވެލެންސިއާ އާއި ނިއު ސަލާމަތްވާނެ އެވެ. ވިކްޓަރީ މޮޅުވި ނަމަވެސް ފުރުސަތެއް ލިބޭނީ ނިއު އާއި ވެލެންސިއާ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ވިކްޓަރީގެ ރިލްވާން (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އަކުރަމް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ރިލްވާން (ކ) އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އަކުރަމް މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ތިން ޓީމަށް ބަލާއިރު ފަހު މެޗަށް ނުކުންނައިރު އެންމެ ރަނގަޅު ފޯމެއްގައި އޮތީ ވިކްޓަރީ އެވެ. ލީގުގެ ދެ ވަނަ ބުރުގައި ލާސްލޯ ކިސް ހަވާލުވިފަހުން އެ ޓީމުގެ ކުޅުން ރަނގަޅުވެފައިވާއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ވިކްޓަރީ ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަދި ފަހު މެޗުގައި ބީޖީއާ ދެކޮޅަށް ނުކުންނައިރު ކުރިން މި ދެ ޓީމު ވާދަކުރި ދެ މެޗުން ވެސް މޮޅުވީ ވިކްޓަރީ އެވެ.

ފަހު މެޗަށް ނުކުންނައިރު ނިއު އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. ސީޒަނުގައި އެކި ހިސާބުން މައްސަލަތަކެއް ދިމާވި ނިއު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ބީޖީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ނިއު މި ފަހަރުގެ ލީގު ފަހު މެޗަށް ނުކުންނައިރު، އެ ޓީމަށް ހިތްހަމަ ޖެހުމެއް އެބައޮތެވެ. އެއީ ފަހު މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ޔުނައިޓެޑް ވިކްޓަރީ އަތުން ނިއު ދެ މެޗުން ވެސް މޮޅުވެފައި އޮތުމެވެ.

ތިން ޓީމަށް ބަލާއިރު އެންމެ ބޮޑަށް ފޯމު ގެއްލިފައިވަނީ ވެލެންސިއާ އެވެ. ލީގުގެ ތިން ވަނަ ބުރުގައި އެންމެ ދަށް ނަތީޖާތަކެއް ފެނުނީ އެ ޓީމުގެ ފަރާތުންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުވެ އެވެ. ފަހު މެޗަށް ނުކުންނައިރު އެ ޓީމަށް އޮތް ހިތްހަމަޖެހުމަކީ ލީގުގެ ފުރަތަމަ ބުރުގައި 3-2 އިން ޓީސީ އަުތން މޮޅުވެފައި އޮތުމެވެ. އެހެން ނަމަވެސް ދެ ވަނަ ބުރުގައި ޓީސީ ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. އަދި ފޯމަށް ބަލާއިރު ޓީސީ އަކީ މިވަގުތު އެންމެ ރަނގަޅު ޓީމެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ވަނީ ފަހަތުން އަރައި ލީގު ޗެމްޕިއަން މާޒިޔާ ބަލިކޮށްފަ އެވެ.