Roadha Mihaaru
ނާޝިދުގެ ހަނދާންތައް ވެލެންސިއާ އިން މިރޭ އާކުރަނީ

ފުލޫ ނާޝިދުގެ ހަނދާންތައް ވެލެންސިއާ އިން މިރޭ އާކުރަނީ

16 އޮކްޓޯބަރ 2016

ކެންސަރު ބަލީގައި މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވި، މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ގެ ހަނދާނުގައި، ކްލަބް ވެލެންސިއާ އިން މިރޭ ކަޅު ބޭންޑް އަޅައިގެން މެޗު ކުޅޭ ގޮތަށް ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކެންސަރު ބަލީގައި މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވި، މަޝްހޫރު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) ގެ ހަނދާނުގައި، ކްލަބް ވެލެންސިއާ އިން މިރޭ ކަޅު ބޭންޑް އަޅައިގެން މެޗު ކުޅޭ ގޮތަށް ނިންމައިފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި، ނާޝިދުގެ ހަނދާންތައް އާކުރަން ވެލެންސިއާ އިން ނިންމީ ނާޝިދަކީ އެ ކްލަބުގެ ސަޕޯޓަރަކަށްވެފައި އަދި ކްލަބަށް ގިނަ ހިދުމަތްތަކެއްކޮށްދީފައިވާތީ އެވެ.

ވެލެންސިއާގެ އޮފިޝަލަކު ނާޝިދުގެ އާއިލީ ބޭފުޅުން ޝަރަފްވެރިކޮށްދެއްވާ މި މެޗު ފެށުމުގެ ކުރިން އެއް މިނެޓުގެ ސުކޫތެއް ގެންނާނެ ކަމަށެވެ.

"ނާޝިދަކީ މި ކްލަބުގެ އިސް ސަޕޯޓަރެއް އަދި ކްލަބަށް ވަރަށް ގިނަ ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި. ނާޝިދު އަވަހާރުވުމުގެ ހިތާމައި އަޅުގަނޑުމެންގެ ކުޅުންތެރިން މެޗު ކުޅޭނީ ކަޅު ބޭންޑް އަޅައިގެން،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.

ދިވެހި މިއުޒިކީ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ނާޝިދު ވަނީ ވެލެންސިއާ އިން 90ގެ އަހަރުތަކުގައި ބޭއްވި މަޝްހޫރު "ދަ ހެޕަނިން ޝޯ" އިންތިޒާމްކޮށް އެ ޝޯގައި މިއުޒިކް ކުޅުއްވައިފަ އެވެ.

ނާޝިދަކީ ވަރަށް ގިނަ ޒުވާން ލަވަކިޔުންތެރިންނަށް ނަމޫނާ އެކެވެ. ނާޝިދު އިސްކޮށް ހުންނަވައި 1987 ވަނަ އަހަރު އުފެއްދި ޒީރޯ ޑިގްރީ އެޓޯލް ބޭންޑުގެ "ދޯނި" އަލްބަމަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވިކިފައިވާ، އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ވެސް އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި މިއުޒިކީ އަލްބަމެވެ. އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއްހެން ވަރަށް ބޮޑަށް މަޝްހޫރުވެ، އޭގެ 25 އަހަރު ފަހުން، މިއަދު ވެސް އެ އަލްބަމްގެ ލަވަތައް އިވެމުން ދެ އެވެ.