15 ސެޕްޓެމްބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 5-1 އިން ވެލެންސިއާ އަތުން ހޯދި ބޮޑު މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 5-1 އިން ވެލެންސިއާ އަތުން ހޯދި ބޮޑު މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އާއި ތިން ވަނައިގައި އޮތް ޓީސީ މާދަމާރޭ ކުޅޭއިރު، މި މެޗުން އީގަލްސް މޮޅުވެއްޖެނަމަ މާޒިޔާގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ. އަދި ޓީސީ މޮޅުވެއްޖެނަމަ މާޒިޔާގެ ލީޑު ހަތް ޕޮއިންޓަށް ކުޑަވާނެ އެވެ.
އީގަލްސް ދެ ވަނައިގައި އޮތީ 15 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 15 މެޗުން 27 ޕޮއިންޓެވެ.
ވެލެންސިއާ ކޮޅަށް މާޒިޔާގެ ފަސް ލަނޑުގެ ތެރެއިން އަސަދުﷲ އަބްދުﷲ އާއި އަލީ އަޝްފާގު (ދަގަނޑޭ) ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑަކީ ވެލެންސިއާގެ ޔޫސުފް ރަމީޒް އަތުން ބައިކޮޅަށް ވަން ލަނޑެެކެވެ.
މެޗު ފަށައިގެން ފުރަތަމަ ހަތް މިނިޓް ތެރޭގައި މާޒިޔާ އިން ދެ ލަނޑު ޖެހި އެވެ. ދެ ވަނަ މިނިޓްގައި ދަގަނޑޭ މާޒިޔާ އަށް ލީޑު ނަގައިދިންއިރު، ހަތް ވަނަ މިނިޓްގައި ދަގަނޑޭ ދިން ބޯޅައަކުން ލީޑުފުޅާކޮށްދިނީ އަސަދުﷲ އެވެ.
ވެލެންސިއާގެ ކަކާ (ކ) ކައިރިން މާޒިޔާގެ އަސަދުﷲ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހަން އަސަދުﷲ އާއި ދަގަނޑޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އަސަދުﷲ ބޮލުން ފޮނުވާލި ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް މަތަކުރިއިރު، ދަގަނޑޭ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ.
ވެލެންސިއާ މެޗުގެ ތެރެއަށް އެނބުރި އައީ 22 ވަނަ މިނިޓްގައި ޗިޒީ ކަކާ ޖެހި ލަނޑުންނެވެ. އޭރިއާ ބޭރުން ކަކާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު އިމްރާން މުހައްމަދު އަތުގައި ޖެހިފަ އެވެ.
އޭގެ ތިން މިނިޓް ފަހުން ނަތީޖާ ހަމަހަމަކުރަން ވެލެންސިއާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ އަހުމަދު ރިލްވާން (ރިލޭ) ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ މުހައްމަދު ފުހެއިދު އަށް ލިބުމުގެ ކުރިން މާޒިޔާ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ހަތް މިނިޓް ތެރޭގައި ދަގަނޑޭ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ލިބުނު ބޯޅަ ދަގަނޑޭ ވަނީ ގޯލުގެ ދުރުކަނުގައި ތަތްކޮށްލައިފަ އެވެ.
އޭގެ 10 މިނިޓް ފަހުން މާޒިޔާ އިން ޖެހި ހަތަރު ވަނަ ލަނޑަކީ ވެލެންސިއާގެ ރަމީޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ނާޝިދު (ނައްޓޭ) ނަގައިދިން ކޯނަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ވެލެންސިއާ އޭރިއާ ތެރެއިން ނައްޓޭ ފޮނުވާލި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ލިބުމުން އަސަދުﷲ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މިރޭގެ ދެ ލަނޑާ އެކު އަަސަދުﷲ ވަނީ ލަނޑު ލިސްޓުގެ ކުރީގައި ޓީސީގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ)އާ ހަމަކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ސީޒަނުގެ މިހާތަނަށް 18 ލަނޑު ޖަހައިފަ އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ ބީޖީއާ އެވެ. މާދަމާރޭ ޓީސީ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އެއް ވަނަ އަށް
ވެލެންސިއާއާ އެއްވަރުވެ މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ
ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް
ހަނި މޮޅަކާ އެކު މާޒިޔާ ލީޑު ފުޅާކޮށްފި
މާޒިޔާގެ ޖާޒީގައި ދަގަނޑޭ ކުޅޭ ފުރަތަމަ މެޗު މިރޭ
ވެލެންސިއާ ބަލިކޮށް މާޒިޔާ ހަމަޖެހިލައިފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު