Roadha Mihaaru
ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް

ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް

07 އޯގަސްޓް 2016

ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ލަނޑާ އެކު 2-0 އިން ނިއު ރޭޑިއަންޓް އަތުން މޮޅުވެ، މާޒިޔާ އަލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ ލަނޑާ އެކު 2-0 އިން ނިއު ރޭޑިއަންޓް އަތުން މޮޅުވެ، މާޒިޔާ އަލުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

މިއީ މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ މާޒިޔާ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗަކީ މި ފަހަރުގެ ޓްރާންސްފާގައި މާޒިޔާ އަށް ބަދަލުވި ފަހުން ދަގަނޑޭގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނުނު މެޗެވެ.

މިރޭގެ މެޗަށް މާޒިޔާ ނުކުތްއިރު، މިއަދު ހަވީރު ވިކްޓަރީ އަތުން މޮޅުވި އީގަލްސް ވަނީ ލީގުގެ އެއް ވަނަ އަށް އަރައިފަ އެވެ. މާޒިޔާ އެއް ވަނަ އަށް އަލުން އެރީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވި ނިއު އޮތީ 11 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

މިރޭގެ މެޗަށް މާޒިޔާ އިން ނުކުތީ އަނިޔާގެ ސަބަބުން، އެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ގެއްލުނު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ފުރަތަމަ 11 ގައި ހިމަނައިގެންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ. އޭރިއާ ބޭރުން ނިޔާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ އެއް މިނިޓް ފަހުން މާޒިޔާގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފަ އެވެ. އޭރިއާ ބޭރުން ދަގަނޑޭ ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ނިއުގެ ޖަޕާން ކީޕަރު ޖުން ކޯޗީ ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އަށް މެޗުގެ 21 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އަރިމަތިން ހުސެން ނިޔާޒް (ބޮކުރީ) ނަގައިދިން ހުރަހަކުން އަސަދުﷲ ފުރަތަމަ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ކޯޗީ މަތަކުރި ނަމަވެސް އެ ބޯޅަ ދެވަނަ ފަހަރަށް ލިބުމުން އަސަދުﷲ ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުގެ ކަރަމް (ކ) ކައިިރިން މާޒިޔާގެ ބޮކުރީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއުގެ ކަރަމް (ކ) ކައިިރިން މާޒިޔާގެ ބޮކުރީ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ ކޮސޯވޯ ފޯވާޑް އަޑިސް ސަލީހީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަހުމަދު ނުހާދު އަރިމަތިން ނަގައިދިން ހުރަހަކުން މާޒިޔާ އޭރިއާ ތެރެއިން ސަލީހީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދަގަނޑޭ މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ދެ ވަނަ ހާފް ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ނިއުގެ މުހައްމަދު ކަރަމް ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ލިބުނީ ދަގަނޑޭ އަށެވެ. ދަގަނޑޭ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ނިއުގެ ކީޕަރު ކޮޗީ ބޯމަތިންނެވެ.

މާޒިޔާ އިން ދެ ލަނޑުގެ ލީޑެއް ނެގުމުން ނިއު އިން ކުރިއަށް ޖެހިގެން ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. ސަލީހީ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިކައިިރިިން ދިޔައިރު، އޭރިއާ ބޭރުން ނިޔާ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ދަގަނޑޭ ވަނީ ނިއުގެ ދެ ކުޅުންތެރިން ކައިިރިން ދެމިގަތުމަށް ފަހު ބާރު ބޯޅައެއް ނިއުގެ ގޯލަށް ފޮނުވާލައިފަ އެވެ. އެ ހަމަލާ ކީޕަރު ކޯޗީ ވަނީ މަތަކޮށްފަ އެވެ. ތިން ވަނަ ލަނޑެއް ޖެހުމަށް މާޒިޔާގެ މުހައްމަދު އުމެއިރު އާއި އަސަދުﷲ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 87 ވަނަ މިނިޓްގައި މާޒިޔާގެ އަހުމަދު ނާޝިދު (ނައްޓޭ) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނައްޓޭ އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ނިއުގެ ނިޔާ އަށް ހަމަލާ ދިނުމުންނެވެ. ނައްޓޭ އަށް ފައުލުކުރުމުން ނިޔާ އަށް ވެސް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސްއާ އެވެ.