Roadha Mihaaru
އެއްކޮށް ފިޓް ނޫނަސް ދަގަނޑޭ މުހިއްމު: އޮސްކާ

އެއްކޮށް ފިޓް ނޫނަސް ދަގަނޑޭ މުހިއްމު: އޮސްކާ

16 އޮކްޓޯބަރ 2017

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިއްޔެ ށ. މިލަންދޫއާ ދެކޮޅަށް އަރައި މޮޅު ކުޅުމެއް ދެއްކި ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެއްކޮށް ފިޓް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމަށް މުހިއްމު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އިއްޔެ ށ. މިލަންދޫއާ ދެކޮޅަށް އަރައި މޮޅު ކުޅުމެއް ދެއްކި ނިއު ރޭޑިއަންޓްގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެއްކޮށް ފިޓް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމަށް މުހިއްމު ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ ނުކުޅެ އެވެ. އެ އަނިޔާއިން ރަނގަޅުވާން އަރާްމްކުރުމަށް ޑޮކްޓަރު ލަފާދީފައިވާ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިލަންދޫއާ ދެކޮޅަށް އިއްޔެގެ މެޗުގައި ދަގަނޑޭ ކުޅެން އެރީ މެޗުގެ 53 ވަނަ މިނިޓްގަ އެވެ. ދަގަނޑޭ ވަނީ މި މެޗުގައި ދެ ލަނޑު ޖަހައި އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"އަޝްފާގަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް ހަމައެކަނި އަހަރެމެން ޓީމަކަށް ނޫން. ގައުމީ ޓީމަށް ވެސް. ވަރަށް ގިނަ އަނިޔާގެ މައްސަލަތަކެއް ކުރިން ދިމާވެފައި ހުރީ. އެއީ ކުދި އިންޖަރީތަކެއް. މާ ބޮޑެތި އިންޖަރީއެއް ނޫން. ފިޓް ނޫނަސް އޭނާ މުހިއްމު،" އިއްޔެގެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުންޏެވެ.

އިއްޔެގެ މެޗުން މޮޅުވެ ނިއު ވަނީ ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފަ އެވެ. ނިއު އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން އެންމެ އަވަހަށް ނިއު ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

އޮސްކާ ބުނީ ދަގަނޑޭ ފިޓްކޮށް ބަހައްޓަން އޭނާ އަށް މެޗުތަކުގައި ފުރުސަތު ދިނުމުގެ ކުރިން ވިސްނާނެ ކަމަށެވެ.

"އަހަރެން ބޭނުން އޭނާ (ދަގަނޑޭ) ފިޓްކޮށް ބަހައްޓަން. މި މެޗުގައި (މިލަންދޫ މެޗު) އަހަރެން އޭނާ ފުރަތަމަ އެގާރަ އަށް ނުލީ 60 މިނިޓާ ހަމައިން އޭނާ އަށް ކުރިއަށް ނުގެއްދެވޭނެތީ. މި މެޗުގައި އޭނާ އެ ކުޅުނީ އެންމެ ފުރިހަމަ 35 މިނިޓް. ދެން ބަލަންވީ އޭނާ އަށް ކިހާ ވަގުތެއްތޯ ދެވޭނީ ކުރިއަށް ގްރީން ސްޓްރީޓްސް މެޗުގައި،" އޮސްކާ ބުންޏެވެ.

ލީގުގެ މިހާތަނަށް ދަގަނޑޭ ވަނީ އަށް ލަނޑު ކާމިޔާބު ކޮށްފަ އެވެ.