18 މެއި 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި ވެލެންސިއާ އަތުން 2-1 އިން މޮޅުވެ މާޒިޔާ، ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި ވެލެންސިއާ އަތުން 2-1 އިން މޮޅުވެ މާޒިޔާ، ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
ލީގުގެ ކުޅުން ތިން ހަފުތާގެ ބްރޭކަކަށް ދިޔައިރު، މާޒިޔާ ލީގުގެ އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގަ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.
މިއަދުގެ މެޗު ފެށިގެން ވެލެންސިއާގެ ގޯލަށް މާޒިޔާއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި އަޝްހަދު އަލީ (އަޑުބަރޭ) ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ވެލެންސިއާ އިން މެޗުގެ ލީޑު ނެގީ 22 ވަނަ މިނިޓްގައި ހަންސްލޭ އަވީލޯ ޖެހި ލަނޑުންނެވެ. އަވީލޯ މި ލަނޑު ކާމިޔާބުކުރީ މާޒިޔާ އޭރިއާ ތެރެއިން ގާސިމް ސައްމާމު ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭގެ ހަ މިނިޓް ފަހުން ލީޑުފުޅާކުރަން ވެލެންސިއާގެ އަހުމަދު ރިލްވާނަށް ލިބުނު ފުރުސަތު އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
މާޒިޔާ އިން އެއްވަރުކުރީ މެޗުގެ 38 ވަނަ މިނިޓްގައި އަޑުބަރޭގެ ލަނޑުންނެވެ. އިސްމާއިލް އީސާ ތަނަވަސްކޮށްދިން ފުރުސަތަކުން ވެލެންސިއާ އޭރިއާ ތެރެއިން އަޑުބަރޭ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަނީ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް އަތްމަތިންނެވެ.
މާޒިޔާ މި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ 71 ވަނަ މިނިޓްގައި ފްރާންސްގެ ފޯޥާޑް ޖޯސެފް ނިކޮއިސޭ ޖެހި ލަނޑުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް ޖޯސެފް މި ލަނޑު ޖެހީ އީސަ ނަގައިދިން ހުރަހަކުން ބޮލުންނެވެ.
ވެލެންސިއާގެ ހިޝާމް (ވ) ކައިިރިން މާޒިޔާގެ އަޑުބަރޭ ބޯޅަ ހިފައިގެންދަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
ވެލެންސިއާގެ މެދުތެރެއިން ގިނަ ބޯޅަތަކެއް ހުއްޓުވުމުގައި މިއަދު މާޒިޔާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އަޑުބަރޭ އެވެ. އަޑުބަރޭ ވަނީ މެޗުގައި ލަނޑެއް ޖެހުމުގެ އިތުރުން ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް ކަރަސްކޯ ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ވެލެންސިއާގެ ހެޑް ކޯޗު މުހައްމަދު އިގުބާލް ބުނީ މިއަދު މެޗުގައި މާޒިޔާ ފަދަ ޓީމަކާ ދެކޮޅަށް ވެލެންސިއާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
"މާޒިޔާ އަކީ ލީގުގެ އެންމެ ޓޮޕް ޓީމު. އަޅުގަނޑުމެންގެ ޑިފެންސުން ފަރުވާ ނުބެހެއްޓުމުން ވަތް ލަނޑުތަކެއް އެއީ. އަނެއްހެން ބަލާއިރު ލީޑެއް ވެސް ނެގިފައި ރަނގަޅު ކުޅުމެއް ދެއްކުމުން ހިތްހަމަ ޖެހޭ. ރަނގަޅު ފޯވާޑެއް ނެތުމުގެ މައްސަލަ އޮތީ. އެކަމަކަށް ހައްލެއް ހޯދައިގެން މިއަށް ވުރެން ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އިގުބާލް ބުންޏެވެ.
މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދުގެ މެޗުގެ ތެރެއިން ޓީމަށް އިރުޝާދު ދެނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ލީގުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު މާޒިޔާ އަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނީ ވެލެންސިއާގެ ކިބައިން ކަމަށް ވެފައި އެ ޓީމު އަތުން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ލީގުގައި މިއޮތް ޓީމުތަކަށް ބަލާއިރު ވަރުގަދަ ޗެލެންޖެއް ދެވޭނެ ޓީމަކަށް މިއޮތީ ވެލެންސިއާ. މި މެޗުން ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަ ޖެހޭ. ދެން ލީގު ބޮޑު ބްރޭކަކަށްދާއިރު ޓީމު އެއް ވަނައިގައި އޮތުމަކީ އެއް ހިތްވަރެއްގައި ކުރިއަށްދާން ވެސް ފަސޭހަވާނެ ކަމެއް. ބިދޭސީ ފޯވާޑްގެ ތަފާތު މިއަދު ފެނުމުން އެއީ ވެސް އޮތް ހިތްހަމަ ޖެހުމެއް،" ސުޒޭން ބުންޏެވެ.
ލީގުގައި ދެން އެންމެ އަވަހަށް މާޒިޔާ ކުޅޭ މެޗުގައި ޖޫން 12 ވަނަ ދުވަހުގެ ރޭ ކުޅޭނީ ވިކްޓަރީއާ އެވެ. ވެލެންސިއާ ދެން ކުޅޭނީ ޖޫން 13 ވަނަ ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ހުމުގެ ރޯގާއާ ހެދި ވެލެންސިއާއަށް މެޗު ނުކުޅެވުނު،
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި