26 ފެބުރުއަރީ 2018
ފަހު ހަ މިނިޓުގެ ތެރޭގައި ވައްދާލި ދެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސް އިން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
ފަހު ހަ މިނިޓުގެ ތެރޭގައި ވައްދާލި ދެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސް އިން ޗެމްޕިއަން މާޒިޔާއާ 2-2 އިން އެއްވަރުކޮށްފި އެވެ.
އާ ސީޒަނުގައި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ފަސޭހަކަމާ އެކު މޮޅުވާން ދަނިކޮށް ގްރީންސްޓްރީޓްސް އިން މިވަނީ ގިނަ ބަޔަކު ހައިރާންކޮށްލައި ޕޮއިންޓެއް ހޯދައިފަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަަހަމަ ކުޅުމެކެވެ. މާޒިޔާ އިން މެދުތެރެއިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން މަސައްކަތް ކުރި ނަމަވެސް ލިބޭ ބޯޅަތަކުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. އެޓޭކުގައި އެ ޓީމު އަތުން ވެސް ގިނަ ބޯޅަތަކެއް ވަނީ ގެއްލިފަ އެވެ.
މާޒިޔާ އިން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި، މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ޖެހި ގޯލުންނެވެ. ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ސަމްދޫހު މުހައްމަދު އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ސްޓެވާޓް ވަނީ ތިރިތިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މާޒިޔާ އިން ވަނީ މެޗުގެ ކުރީކޮޅު މޫސާ ޔާމީން (ޔާމްބެ) އަށް އަނިޔާވުމުން ވަނީ އޭނާގެ ބަދަލުގައި ގާސިމް ސައްމާމު (ސައްމެ) ކުޅެން އަރުވައިފަ އެވެ.
މެޗުގެ ފުރަތަމަ 20 މިނިޓަށް ފަހު ގްރީން ސްޓްރީޓްސް އިން ކުޅުން ރަނގަޅު ކުރި އެވެ. އެހެން ނަމަވެސް އެ ޓީމުގެ ކުރިއަށް ކުޅޭ މުހައްމަދު ރިސްވާން (ފުކޭ) އާއި އިބްރާހިމް ޝަފްރާޒް އަށް ލިބޭ ބޯޅަތަކުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުހިފެ އެވެ. މި ހާފުގައި އެ ޓީމުގެ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ އަށް ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 32 ވަނަ މިނިޓްގައި ސްޓެވާޓް އަށް ފުރުސަތެއް ލިބުނެވެ. އޭރިއާ ރޮނގުކައިރިން ސްޓެވާޓް ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސް އަށް ކުޅޭ އުޒްބެކިސްތާންގެ ކީޕަރު ސާގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދަން ގްރީން ސްޓްރީޓްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭރިއާ ބޭރުން ފުކޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ދެ ވަނަ ހާފް ފަަށައިގެން ދެ މިނިޓް ތެރޭގައި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ ފޮނުވާލުން ލަސްކޮށްލުމުންނެވެ. އޭގެ ފަހުން އެ ޓީމުގެ ނާއިޒު ހަސަން (ދާދު) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ޔަސްފާދު ހަބީބު (މުލަކޭ) އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މުލަކޭ ފޮނުވާލި ބޯޅަ ކީޕަރު ސާގޭ ވަނީ މަތަކޮށްފަ އެވެ.
މާޒިޔާގެ ދެ ވަނަ ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ސްޓެވާޓް އެވެ. ހާފުގެ މެދުތެރެއިން މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން ދާދު އަވަހަށް ކުޅުން ފަށާ އެ ޓީމުގެ އިސްމާއިލް އީސާ އަށް ދިނުމުން އޭނާ ވަނީ އޭރިއާ ތެރެއިން ހުސްކޮށްލާފައި ސްޓެވާޓަށް ދީފަ އެވެ. ސްޓެވާޓް ވަނީ ހަމަޖެހިލާފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސްގެ ފަހަތަށް ކުޅޭ އޮލޭ މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ފަހަތަށް ކުޅޭ ޔޫކްރޭނުގެ އޮލޭ ޔެފިމްޔަކް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފަ އެވެ. ކައުންޓަ އެޓޭކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ރިލްވާން (ރިލޭ) ހުރަސްކޮށްލި ބޯޅަ އޮލޭ ވަނީ އޭރިއާ ތެރެއިން ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސްގެ ލަނޑާ އެކު ކުޅުން ރަނގަޅުކުރި އެވެ. އަދި މާޒިޔާ އަށް ޕްރެޝަރު ބޮޑުކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 90 ވަނަ މިނިޓްގައި އިލިއާ ވަނީ ގްރީން ސްޓްރީޓްސް އަށް އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ހާފުގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން އިލިއާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.
މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ އެ ޓީމަށް ދަށް ދުވަހެއް ކަމަށާއި އެހެން ނަމަވެސް ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
"ޖުމްލަކޮށް ބުނާއިރު ގްރީން ސްޓްރީޓްސްގެ ވަރަށް ދަށް ދުވަހެއް. ވަރަށް ގޯސްގޮތަކަށް ކުޅެން އުޅުނު. ހުހަށް އޮތް މީހާ އަށް ކުޅެވެން އޮއްވައި ގޯސް ޕާސްތަކެއް ކުޅުނު. ގްރީން ސްޓްރީޓްސްގެ ގޯސް ދުވަހަކު ޕޮއިންޓެއް ލިބުނީމަ ވަރަށް ރަނގަޅު އެޑްވާންޓޭޖެއް މިއީ ކުރިއަށް ހުރި މެޗުތަކަށް،" ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗު ގެއްލިގެންދިޔައީ ކުޅުންތެރިން ރުޅި އައިސްގެން ސަމާލުކަން ގެއްލިގެންދިއުމުން ކަމަށެވެ.
"މި ކަހަަލަ ކަންތައް ވެސް ބޯޅައިގައި ދިމާވާނެ. އަޅުގަނޑުމެން އަތުގައި އޮތް ގޭމެއް ޕޮއިންޓް ޝެއާ ކޮށްގެން ނިންމާލަން މި ޖެހުނީ. މިއީ ތަޖުރިބާއެއް ހަގީގަތުގައި. މެޗު ގެއްލުނު އެންމެ ބޮޑު އެއް ސަބަބަކީ ރުޅި އިސްކޮށްގެން ފަހު ވަގުތު ކުޅެން ޖެހުމުން ކުޅުންތެރިން އަތުން މެޗުގެ ކޮންސެންޓްރޭޝަން ދިޔައީ،" އިންމަ ބުންޏެވެ.
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
މާޒިޔާއާ އެއްވަރުކޮށް ގްރީން ދިވެހި ލީގާ ގާތަށް
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
މާޒިޔާ ބަލިކޮށް އީގަލްސް ދެ ވަނަ އަށް
އަސަދުﷲއާ އެކު މާޒިޔާ އިން ތަފާތު ފެންނާނެ
ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި
ފަހު ވަގުތު ޔޫވީ އަތުން ގްރީން އަށް ޕޮއިންޓެއް
އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން