Roadha Mihaaru
ފަހު ވަގުތު ވިކްޓަރީ އަތުން ނިއު މޮޅުވެއްޖެ

ފަހު ވަގުތު ޖެހި ލަނޑުން ވިކްޓަރީ އަތުން ނިއު މޮޅުވެއްޖެ

15 ޖުލައި 2016

ފަހު ވަގުތު ބިދޭސީ ޑިފެންޑަރު ވެލިޗްކޯ މިޓްކޯފް ޖެހި ލަނޑުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ވިކްޓަރީ އަތުން 1-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފަހު ވަގުތު ބިދޭސީ ޑިފެންޑަރު ވެލިޗްކޯ މިޓްކޯފް ޖެހި ލަނޑުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ވިކްޓަރީ އަތުން 1-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ނިއު އޮތީ 10 ޕޮއިންޓާ އެކު ލީގުގެ ހަ ވަނަައިގަ އެވެ. ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަތް ވަަނައިގަ އެވެ. މިއަދުގެ މެޗުން ވިކްޓަރީ މޮޅުވި ނަމަ ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރު ކުރުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 17 ވަނަ މިނިޓްގައި ނިއުގެ އަހުމަދު ނިޔާޒް (ނިޔާ) ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ނިޔާ ފޮނުވާލި ބޯޅަ ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި ވިކްޓަރީގެ އަލީ ހަމްދާން (އައްޔަ) ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ނިއުގެ ގޯލަށް ފޮނުވާލައިފަ އެވެ. އަައްޔަ ފޮނުވާލި ދެ ބޯޅަ ވެސް ނިއުގެ ކީޕަރު އަބޫ ސުލައިމާން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފެށިގެން ނިއު އިން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ވިކްޓަރީ އޭރިއާ ތެެރެއިން ނިއުގެ އަބްދުﷲ ހަނީފް (ބެންޖޯ) ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ވިކްޓަރީގެ އާދިލް އަބްދުއްރަހްމާން މަތަކުރި ނަމަވެސް އެ ބޯޅަ ލިބުނީ ނިއުގެ މުހައްމަދު މުސްލިހު (މުއްޓި) އަށެވެ. އޭނާ ހުހަށް ހުރެ ފޮނުވާލި ބޯޅަ ދިޔާއި ހުރަސް ދަނޑިމަތިންނެވެ.

މި ހާފްގައި ލަނޑު ޖަހަން މުއްޓި އަށް އިތުރު ދެ ފުރުސަތު ލިބުނެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

މެޗުގެ 71 ވަނަ މިނިޓްގައި ނިއު އިން ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެކަމަކު ވިކްޓަރީ އޭރިއާ ތެރެއިން ބެންޖޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިއާ ތެރެއިން ނިއުގެ އިއްޒަތު އަބްދުލް ބާރީ ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ހަސަން ތޮލާލް މަތަކުރި އެވެ.

ވިކްޓަރީ އާއި ނިއު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. މިއަދުގެ މެޗު ވެސް އެ ނަތީޖާގައި ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ނިއު މޮޅުވީ ވެލިޗްކޯ ޖެހި ލަނޑުންނެވެ. ވިކްޓަރީ އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް އަހުމަދު ސުހެއިލް (ބަމްޕުޗު) ބޮލުން ހުރަސް ކޮށްލި ބޯޅަ ވެލިޗްކޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ މެޗުގެ ރެފްރީ އިސްމާއިލް އިޒުހާންގެ ނިންމުންތަކާ މެދު ހިތްހަަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މެޗު ފަށާނީ 21:00 ގަ އެވެ.