Roadha Mihaaru
އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހާ 17 މީހުން މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހާ 17 މީހުން މަރާލައިފި

15 ފެބުރުއަރީ 2018

ފްލޮރިޑާ (ފެބްރުއަރީ 15) - އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިޖަހާ 17 މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ފެބްރުއަރީ 15) - އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިޖަހާ 17 މީހުން މަރާލައިފި އެވެ.

ފުލުހުން ބުނީ ހައި ސްކޫލްގައި ބަޑި ޖެހި އުމުރުން 19 އަހަރުގެ ނިކޮލަސް ކްރޫޒަކީ އެ ސްކޫލުން އަޚްލާގީ މައްސަލައެއްގައި ކަނޑާލާފައިވާ ދަރިވަރެއް ކަމަށެވެ. މިއީ 2012 ވަނަ އަހަރު ކަނެކްޓިކަޓް ސްކޫލެއްގައި ބަޑިޖަހާ 26 މީހުން މަރާލި ހާދިސާ އަށް ފަހު އެމެރިކާގެ ސްކޫލެއްގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.

ފުލުހުން ބުނީ ބަޑިން ހަމަލާދީ ސްކޫލް ބޭރުން ކްރޫޒް ވަނީ ދެ މީހުން މަރާލާފައި ކަމަށެވެ. އެއަށް ފަހު ސްކޫލް ތެރެއަށް ވަދެ ހަމަލާދީ އޭނާ ވަނީ 12 މީހުން މަރާލައިފަ އެވެ. ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފަ އެވެ.

ބަޑި ޖަހަން ފެށުމާ އެކު މާގިނައިރުތަކެއް ނުވަނީސް ސްވޮޓް ޓީމުން ވަނީ ސްކޫލުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އަދި ހަމަލާދިން ކްރޫޒް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ބައެއް ދަރިވަރުން އެމެރިކާގެ މީޑިއާތަކަށް ބުނެފައި ވަނީ ބަޑީގެ އަޑުފައްގަނޑު އިވެން ފެށުމާ އެކު އެއްބައި ދަރިވަރުން ވަނީ ޑެސްކްތަކުގެ ދަށަށް ވަދެ އަނެއް ބައި ދަރިވަރުން ވަނީ ކަބަޑްތަކަށް ވަދެ ފިލައިފަ އެވެ.

ބަޑިޖެހި ސްކޫލުގައި 3،000 ދަރިވަރުން ކިޔަވަމުންދާ ކަމަށްވެ އެވެ.

ގަން ސޭފްޓީ އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ އެވްރީޓައުން ފޯ ގަން ސޭފްޓީ ސަޕޯޓް ފަންޑުން ބުނި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ވަނީ ސްކޫލްތަކުގައި ބަޑިޖެހުމުގެ 300 ހާދިސާ ހިންގައިފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ 23 އާ ހަމައަށް އެމެރިކާގައި ސްކޫލްތަކުގައި ބަޑިޖެހުމުގެ 11 ހާދިސާ ހިންގާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.