Roadha Mihaaru
ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި 17000 އަންހެނުން

ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި 17،000 އަންހެނުން ވާދަކުރި

11 ފެބުރުއަރީ 2018

ކޮލަމްބޯ (ފެބްރުއަރީ 11) - ގާނޫނުތަކަށް ގެނައި ބަދަލާ އެކު ލަންކާގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރެކޯޑް އަދަދެއް ކަމަށްވާ 17،000 އަންހެނުން ވާދަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ފެބްރުއަރީ 11) - ގާނޫނުތަކަށް ގެނައި ބަދަލާ އެކު ލަންކާގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ރެކޯޑް އަދަދެއް ކަމަށްވާ 17،000 އަންހެނުން ވާދަކޮށްފި އެވެ.

އާ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ 25 ޕަސެންޓަކީ އަންހެނުންނަށް ވާންޖެހެ އެވެ. އެއީ މިހާރުގެ އަދަަދަށް ވުރެ 12 ގުނަ އިތުރު އަދަދެކެވެ.

ޑިޕްލޮމެޓެއް އަދި ޕާލަމެންޓް މެންބަރެއް ކަމަށްވާ ރޯސީ ސެނަނަޔަކަ ގެންދަވަނީ ކޮލަމްބޯގެ މޭޔަރުގެ މަގާމު ހޯދަން މަސައްކަތް ކުރަމުންނެވެ. އޭނާ އަކީ މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ތަރުޖަމާން އަދި ބޮޑު ވަޒީރު އޮފީހުގެ ޑެޕިއުޓީ ހެޑް ވެސް މެ އެވެ.

"އާބާދީގެ ބޮޑު ބައެއް ތަމްސީލްކުރާ މީހުންގެ ބޭނުންތަކަށް ސަމާލުކަން ނުދެއްވިއްޖެ ނަމަ ޑިމޮކްރެސީ ފުރިހަމަ ނުވާނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. ލަންކާ އާބާދީގެ ބޮޑު ބަޔަކީ އަންހެނުން،" ކުރީގެ މިސް ވޯލްޑް ސެނަނަޔަކަ ވިދާޅުވި އެވެ.

އަނެއްކޮޅުން ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ކޯލީޝަން ސަރުކާރަށް ކުރިމަތިވި މިޑް-ޓާމް ޓެސްޓެއް ވެސް މެ އެވެ. އިންތިޚާބު ބާއްވާފައި މި ވަނީ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ބަދަލު ކުރަން ޖެނުއަރީ 2015 ގެ އިންތިޚާބުގައި ސިރިސޭނާ އަށް ވަނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ތާއީދުކޮށްފަ އެވެ. ނަމަވެސް ފަހަކަށް އައިސް ސިރިސޭނާ ވަނީ ރަނިލް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

އިންތިޚާބު ކުރާ 340 ކައުންސިލްގެ ތެރޭން އަޣުލަބިއްޔަތު ހޯދާނީ ޔޫއެންޕީން ކަމަށްވެ ބެލެވެ އެވެ. ކައުންސިލްތަކަށް 8،300 މެންބަރުން އިންތިޚާބު ކުރާނެ އެވެ.