Roadha Mihaaru

ދައުރުގައި ބާކީ 18 މަސް އޮތް ނަމަ ބައިއިލެކްޝަން ނުބާއްވަން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބައި-އިލެކްޝަންތައް މަދުކުރުމުގެ ބިލު ފާސްކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 މެއި 2025

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ އަދަދު އިތުރަށް މަދުކުރަން، އެ މެންބަރެއްގެ ގޮނޑި ހުސްވާއިރު، ދައުރު ހަމަވާން ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބިލް ފާސްކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބިލް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. އިބްތިދާއީ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްކުރުމާ ދެކޮޅަށެވެ.

ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ބައި އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު އިތުރުވަމުންދާތީ، ހަރަދު ކުޑަކުރުމާ އެކު، މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާން ގާތްވެފައިވާތީ އިތުރު ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށެވެ.

ބިލްގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށް ވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވިޔަސް، ދައުރުގެ ބާކީގައި ހަމަ އެ މުއްދަތު އޮތް ނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮތީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް އޮތް ނަމަ ބާއްވަން ނުޖެހޭ ގޮތަށެވެ.

މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީން ބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެސް އެވެ. ބިލު ފާސްކުރުމަށް ކޮމިޓީ ބާއްވާފައިވަނީ ވެސް ރޭ ދަންވަރު 12:30 ގަ އެވެ.