Roadha Mihaaru
ފ. އަތޮޅު ކައުންސިލުން 20 މުވައްޒަފަކު ލަންކާއަށް

ފ. އަތޮޅު ކައުންސިލްގެ ހަރަދުގައި 20 މުވައްޒަފަކު ލަންކާއަށް

05 ސެޕްޓެމްބަރ 2024

ފ. އަތޮޅު ކައުންސިލުގެ ހަރަދުގައި އެ އިދާރާގެ 20 މުވައްޒަފަކު މި މަހު ސްރީ ލަންކާއަށް ދާ ގޮތަށް ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފ. އަތޮޅު ކައުންސިލުގެ ހަރަދުގައި އެ އިދާރާގެ 20 މުވައްޒަފަކު މި މަހު ސްރީ ލަންކާއަށް ދާ ގޮތަށް ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި، ކައުންސިލްގެ ބަޖެޓުން 150،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރާ މި ދަތުރަކީ ތަޖުރިބާ ހޯދުމާއި ޗުއްޓީގެ ދަތުރެކެވެ. އަދި މި ދަތުރުގައި 35 މުވައްޒަފުން ތިބޭ އެ ކައުންސިލްގެ 20 މުވައްޒަފަކު ބައިވެރިވާކަން ވެސް ވަނީ އެނގިފަ އެވެ.

އެންމެ ހިންގުންތެރި ކައުންސިލްތަކަށް ދޭ ވަނަތައް ވެސް އެކި އަހަރު މަތިން ހޯދާފައިވާ ފ. އަތޮޅު ކައުންސިލްގެ މި ދަތުރާ ގުޅޭ ތަފްސީލު ހޯދަން ފ. އަތޮޅު ކައުންސިލްގެ ރައީސަށް އެކި ފަހަރު މަތިން "މިހާރު" އިން ގުޅުމުން ވެސް ޖަވާބު ލިބޭ ގޮތެއް އަދި ނުވެ އެވެ.

ފ. އަތޮޅު ކައުންސިލްގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލްގެ މުވައްޒަފުންތަކެއް ވެސް ތަޖުރިބާ ދަތުރެއްގައި މި މަހު ލަންކާއަށް ދާ ގޮތަށް ހަމަޖައްސާފައިވާކަން ވަނީ އެނގިފަ އެވެ.

އެކަމަކު އެ ރަށު ކައުންސިލުން ބުނި ގޮތުގައި، އެ ދަތުރަކީ ކައުންސިލުން ދުބާއީގެ ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ކުންފުނިން ފަންޑުކޮށްގެން ލަންކާއަށް ކުރާ ތަޖުރިބާގެ ދަތުރެކެވެ. ކައުންސިލްގެ ބަޖެޓުން އެ ދަތުރަށް އެއްވެސް ރުފިޔާއެއް ހަރަދެއް ނުކުރެ އެވެ.

ކައުންސިލްތަކުން މި ދަތުރުތައް ރާވާފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކައުންސިލްތަކުން ވެސް ހަރަދުތައް ކުޑަކުރުމަށްޓަކައި ދަތުރުތަކާއި ހަފްލާތަކާއި ކުޅިވަރު މުބާރާތްތައް މި ވަގުތަށް މަޑުޖައްސާލަން ސަރުކާރުން މިދިޔަ ޖުލައި މަހު އަންގާފައި ވަނިކޮށެވެ.

ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރަން އެންގިއިރު، ބައެއް އަތޮޅު ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑު ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ކުރިން ވިދާޅުވެފައިވެ އެވެ.

ފ. އަތޮޅު ކައުންސިލުން 2022 ވަނަ އަހަރު ވަނީ އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސް އިން އަތޮޅު ކައުންސިލްތަކުގެ ބައިން އެއްވަނަ ހޯދައިފަ އެވެ. އަދި ވަކިވަކި އިންޑެކްސްތަކުގެ ތެރެއިން އިފެކްޓިވްނަސް އިންޑެކްސް އާއި ސެކިއުރިޓީ އިންޑެކްސް އިން ވެސް އެއްވަނަ ލިބިފައިވެ އެވެ.