Roadha Mihaaru
ދުވަސްވީ މީހުންނަށް އެހީވާން ރޮބަޓް

ދުވަސްވީ މީހުންނަށް އެހީވާން ރޮބަޓް

09 ފެބުރުއަރީ 2018

ޖަޕާނުގައި، ދުވަސްވީ މީހުންގެ އާބާދީ ބޮޑުކަމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހުންނެއް ނުލިބެ އެވެ. އެހެންވެ ޖަޕާނުގެ ދުވަސްވީ މީހުންނަށް އެހީތެރިވުމަށް ރޮބަޓް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޖަޕާނުގައި، ދުވަސްވީ މީހުންގެ އާބާދީ ބޮޑުކަމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހުންނެއް ނުލިބެ އެވެ. އެހެންވެ ޖަޕާނުގެ ދުވަސްވީ މީހުންނަށް އެހީތެރިވުމަށް ރޮބަޓް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ލަފާ ކުރެވެނީ 2025 އާ ހަމައަށް ދާއިރު، ދުވަސްވީމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް ވުރެ 370،000 މީހުން މަދުވާނެ ކަމަށެވެ. އެހެންވެ ޖަޕާން ސަރުކާރުން ބޭނުންވަނީ ޓެކްނޮލޮޖީގެ ފަސޭހަތައް ދުވަސްވީ މީހުން ބަލައިގަނެ އެ އެއްޗެހީގެ ބޭނުން ހިފަން އާދަކުރުމަށެވެ. އެއީ މަސައްކަތުގައި އުޅޭ ނަރުހުން މަދުކަމުންނެވެ.

ދުވަސްވީ މީހުންނަށް މިހާރު ތައްޔާރުކުރަމުންދާ ރޮބޮޓިކް ޑިވައިސްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ އަމިއްލަ ހާލާއިގެން ނޫޅެވޭ ވަރުގެ ބަލި މީހުން އެނދުން ނަގައި ފުރޮޅުލީގޮނޑީގައި ބޭންދުމާއި ފެންވަރަން ބާތު ޓަބަށް ލުން ކަހަލަ ކަންކަމަށެވެ.

ނަމަވެސް މިފަދަ ރޮބޮޓްތަކުގައި އިތުރު އެޕްލިކޭޝަންތަކެއް ހިމެނުމަށް ވެސް ސަރުކާރުން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ދުވަސްވީ މީހާ ފާޚާނާއަށް ދާން ބޭނުންވީމާ ދެނެގަނެވޭ ކަހަލަ ގޮތަކަށް ރޮބަޓް ފަރުމާ ކުރުމުން ހިމެނެ އެވެ.

ޖަޕާންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް އިންޑަސްޓްރިއަލް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑައިރެކްޓަ އޮފް ރޮބަޓް އިނޮވޭޝަން ރިސާޗް، ޑރ. ހީރޯހިސާ ހިރުކާވާ ވިދާޅުވީ މި ރޮބަޓްތައް އުފެއްދުމުގެ މަގްސަދުތަކުގެ ތެރޭގައި ނާސިން ސްޓާފުންގެ ބުރަ ލުއިކޮށްދީ ގޭގައި އެކަނި ދިރިއުޅޭ ދުވަސްވީ މީހުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ހިމެނޭ ކަމަށެވެ.

"ދުވަސްވީ މީހުންނަށް ދިމާވާ ހުރިހާ މައްސަލަތަކެއް ރޮބަޓް ތަކަަކަށް ހައްލެއް ނުކޮށްދެވޭނެ. ނަމަވެސް އެމީހުންނަށް ދިމާވާ އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި ރޮބަޓްތަކަށް އެހީތެރި ވެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ހިރުކާވާ ރިސާޗް ސެންޓަރުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން މިހާރު އަންނަނީ މިފަދަ ނާސިން-ކެއާ ރޮބަޓްތަކެއް އުފައްދާ ޓެސްޓް ކުރަމުންނެވެ. މިއިން ބައެއް އެއްޗެހި ވިޔަފާރީގެ ބޭނުމުގައި ވެސް އުފައްދާނެ އެވެ.

މި ރޮބަޓްތަކުގެ އަގުހެޔޮކޮށް އަދި ފަސޭހައިން އޮޕަރޭޓްކުރެވޭ ގޮތް ހެދުމަށްޓަކައި މި ތަކެތި އުފައްދަނީ އިންސާނެއް ސިފަވާ ގޮތަކަށް ނޫނެވެ. އަދި މި ރޮބަޓްތައް ވާހަކައެއް ވެސް ނުދައްކާނެ އެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި މި ތަކެތިން ކޮށްދޭނެ ކަމަކީ ޚާއްސަ ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ މިހުންނަށް އެހީތެރިވުމެވެ.

މިފަދަ އެއް މިސާލަކީ އިލެކްޓްރިކް-ބޫސްޓަޑް މޮބިލިޓީ އެއިޑް އެވެ. މަގުމަތީގައި ހިނގާފައިދާއިރު މި ފަދަ ރޮބަޓެއްގައި ހިފަހައްޓައިގެން ހުންނަ މީހާއަށް އެއްވެސް އުނދަގުލަކާ ނުލައި ހިނގާބިނގާވެ އުޅެވެ އެވެ. އުސް ތަންތަނަށް އަރާއިރު ސެންސާ އިން މިކަން އަންގައިދޭނެ އެވެ. އަދި ތިރިއަށް ފައިބާއިރު އެކަން އަންގައިދީ އޮޓޮމެޓިކުން ބުރަކި ޖެހި، ވެއްޓުމުން ސަލާމަތް ކޮށްދޭނެ އެވެ.

ޖަޕާން ސަރުކާރުން އުންމިދުކުރަނީ 2020 އާ ހަމައަށް ދާއިރު މި ތައްޔާރުކުރާ ރޮބަޓްތަކުގެ އެހީ އެ ގައުމުގެ ދުވަސްވީ މީހުންގެ ތެރެއިން ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ކޮންމެ ފަސް މީހަކުން ހަތަރު މީހަކު ހޯދާނެ ކަމަށެވެ.