Roadha Mihaaru
ޒުވާނުން މަދުވުމުން ޖަޕާނުގެ ފިހާރަތަކަށް ރޮބޮޓް

ޒުވާނުން މަދުވުމުން ޖަޕާންގެ ފިހާރަތަކުގައި މަސައްކަތްކުރަން ރޮބޮޓް

17 ސެޕްޓެމްބަރ 2020

އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމު ކަމަށްވާ ޖަޕާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވެ، ޒުވާނުންގެ އާބާދީ ދަށްވުމެވެ. މިހާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ އާބާދީގެ ތިންބައިކުޅަ އެއް ބަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމު ކަމަށްވާ ޖަޕާނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވެ، ޒުވާނުންގެ އާބާދީ ދަށްވުމެވެ. މިހާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ އާބާދީގެ ތިންބައިކުޅަ އެއް ބަޔަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.

ޒުވާނުންގެ ނިސްބަތް އެންމެ އެކަށޭނެ މިންވަރަށް ނެތުމުން ޖަޕާނުގެ އިގުތިސާދީ ހަރަކާތްތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އޭގެ އެއް ހެކީގެ ގޮތުގައި މިކަން ވެސް ނެގިދާނެ އެވެ؛ މަސައްކަތްކުރާނެ ޒުވާނުން ނުލިބުމުން ޖަޕާނުގެ އެންމެ ބޮޑު ދެ ސުޕަމާޓް ޗެއިން ކަމަށްވާ "ފެމިލީ މާޓް" އާއި "ލޯސަން" އަށް މިހާރު ވަނީ ފިހާރައިގައި މަސައްކަތްކުރަން ރޮބޮޓް ބޭނުންކުރަން މަޖުބޫރުވެފަ އެވެ. އެ ދެ ތަނުގައި ވެސް މިހާރު ވަނީ ފިހާރަކުތަކުގައި މުދާ އެތުރުމާއި ނެގުން ފަދަ މަސައްކަތްތަކަށް ރޮބޮޓް ބޭނުންކުރަން ފަށައިފަ އެވެ.

މި ހަފުތާގެ ކުރީކޮޅު ވެރިރަށް ޓޯކިއޯގެ "ލޯސަން" ގެ އައުޓްލެޓެއްގައި ރޮބޮޓް ބޭނުންކުރަން ފަށާފައިވާ އިރު، މިދިޔަ މަހު ޓްރަޔަލްތަކެއް ހެދުމަށް ފަހު، "ފެމިލީ މާޓް" އިން ވެސް ވަނީ ރޮބޮޓް ބޭނުންކުރަން ފަށައިފަ އެވެ. އެ ކުންފުނިން ބުނީ އަމާޒަކީ 2022 އާ ހަމަށް އަންނަންވާ އިރަށް ރޮބޮޓްގެ އަދަދު 20 އަށް އިތުރު ކުރުން ކަމަށެވެ.

ދެ ކުންފުނިން ވެސް ފިހާރަތަކުގައި ބޭނުންކުރަނީ ޖަޕާނުގެ ސްޓާޓަޕެއް ކަމަށްވާ ޓެލެޒިސްޓެންސުން ތައްޔާރުކޮށްފައިވާ ހަތް ފޫޓްގެ "މޮޑެލް-ޓީ" ކިޔާ ރޮބޮޓްތަކެވެ. ފުރޮޅުލީ ޕްލެޓްފޯމްތަކެއްގެ މަތީގައި ހަރަކާތްކުރެވޭ ގޮތަށް މި ރޮބޮޓްތައް ފަރުމާކޮށްފައި ހުންނަނީ މަސައްކަތްތަކަށް ފަސޭހަވާ ގޮތަށް ކެމެރާތަކާއި މައިކްރޮފޯނާއި ސެންސާތައް ހިމަނައިގެންނެވެ. މި ރޮބޮޓްތަކުގެ ދެ އަތުގެ ކޮންމެ ތިން އިނގިއްޔެއް ބޭނުންކޮށްގެން މުދާ ނަގައި ހަރުގަނޑުތަކުގައި އެތުރުން ފަދަ މަސައްކަތްތައް ކުރެވޭނެ އެވެ.

"މި ރޮބޮޓްތަކުގެ ސަބަބުން މަސައްކަތްތަކަށް ބޮޑު ފަސޭހަކަމެއް ލިބޭނެ. ކޮންމެ ދިމާލެއްގައި ހުންނަ ކޮންމެ ސައިޒެއްގެ މުދަލެއް ވެސް ޓީ އަށް ހޭންޑްލްކުރެވޭނެ." ޓެލެޒިސްޓެންސްގެ ބިޒްނެސް ޑިވެލޮޕްމަންޓް އެންޑް އޮޕަރޭޝަންސް ހެޑް މެޓް ކޮމާޓްސޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މޮޑެލް-ޓީ" ފަރުމާކޮށްފައި ވަނީ ޓެލެޒިސްޓެންސްގެ މައި އޮފީހުގައި ހުރެގެން ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް އެ ރޮބޮޓް ވީއާރް (ވާޗުއަލް ރިއަލިޓީ) ހެޑްސެޓުން ކޮންޓްރޯލްކޮށް، އޮޕަރޭޓް ވެސް ކުރެވޭ ގޮތަށެވެ. އަދި ހެޑްފޯން މެދުވެރިކޮށް ރޮބޮޓަށް ކަސްޓަމަރުންނާ މުއާމަލާތް ވެސް ކުރެވޭނެ އެވެ.

"މި ރޮބޮޓްތައް ވިއްކުމުގެ ވިސްނުމެއް ނެތް. އަހަރެމެން މި ރޮބޮޓް ކުންފުނިތަކަށް ފޯރުކޮށް ދެނީ ފީއެއް ދައްކާ ގޮތަށް." މެޓް ވިދާޅުވި އެވެ.