Roadha Mihaaru
ޖަޕާނުގެ ދުވަސްވީ މީހުންގެ އާބާދީއަށް ރެކޯޑް އުފުލުމެއް

ދުވަސްވީ މީހުންގެ އާބާދީ ޖަޕާނުގައި ރެކޯޑް މިންވަރަކަށް އުފުލިއްޖެ

17 ސެޕްޓެމްބަރ 2024

މި އަހަރު ޖަޕާނުގައި 65 އަހަރުން މަތީގެ މީހުންގެ އަދަދު 36.25 މިލިއަނަށް އަރާފައިވާ ކަމަށާއި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ރެކޯޑު އިތުރު އަދަދެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

މި އަހަރު ޖަޕާނުގައި 65 އަހަރުން މަތީގެ މީހުންގެ އަދަދު 36.25 މިލިއަނަށް އަރާފައިވާ ކަމަށާއި ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ރެކޯޑު އިތުރު އަދަދެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބާރަށް އިތުރުވަމުން އަންނަ އެއް ގައުމު ކަމަށްވާ ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަނުން އާދީއްތަ ދުވަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މިހާރު ޖަޕާނުގެ މުޅި އާބާދީގެ 29.3 ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުންނެވެ. މިއީ ވެސް ރެކޯޑް އިތުރުވުމެކެވެ.

މިނިސްޓްރީން ބުނީ 100،000 އަށްވުރެ ބޮޑު އާބާދީއެއް އޮތް 200 ގައުމާއި ސަރަޙައްދަށް ބަލާއިރު، ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑީ ޖަޕާނުގައި ކަމަށެވެ.

ޔޫރަޕްގައި، އުމުރުން ދުވަސްވީ އާބާދީ އެންމެ ބޮޑީ އިޓަލީ، ޕޯޗުގަލް، ގްރީސް، ފިންލެންޑް، ޖަރުމަނު އަދި ކްރޮއޭޝިއާގަ އެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު 10 ގައުމުގެ ތެރޭގައި އެ ގައުމުތައް ހިމެނޭއިރު އެ އާބާދީގެ ނިސްބަތް ހުރީ 20 ޕަސެންޓަށް ވުރެ މަތީގަ އެވެ.

ދެކުނު ކޮރެއާގައި މި ނިސްބަތު ހުރީ 19.3 ޕަސެންޓުގަ އެވެ. އަދި ޗައިނާގައި 14.7 ޕަސެންޓުގަ އެވެ.

ޖަޕާނުގެ ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން ދާއިރު ސިއްހީ އަދި ވެލްފެއާގެ ހަރަދުތައް ބޮޑުވެ އަދި އެ ޚަރަދުތައް ހަމަޖެއްސުމަށް މަސައްކަތްކުރާ އާބާދީ ދަނީ މަދުވަމުންނެވެ. އެހެންވެ ޖަޕާނުގެ އާބާދީގެ މައްސަލަ ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ.

ކުރީގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖަޕާނުގެ އާބާދީން 595،000 މަދުވެ 124 މިލިއަނަށް ވަނީ ކުޑަވެފަ އެވެ. އާދީއްތަ ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އުމުރުން ދުވަސްވީ 9.14 މިލިއަން ދުވަސްވީ މީހުން 2023 ވަނަ އަހަރު ވަޒީފާ އަދާކުރި އެވެ. މިއީ ވެސް ރެކޯޑު އަދަދެކެވެ. މިއީ މުޅި މަސައްކަތު އާބާދީގެ 13.5 ޕަސެންޓެވެ. ނުވަތަ ކޮންމެ 7 މުވައްޒަފުންގެ ތެރެއިން އެކަކެވެ.

އާބާދީ ދަށަށް ދާތީ ޖަޕާނުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނެ އެވެ. -- އޭއެފްޕީ