Roadha Mihaaru
އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ

އެންމެ ދުވަސްވީ ފިރިހެން މީހާ މަރުވެއްޖެ

26 ފެބުރުއަރީ 2020

އެންމެ ދުވަސްވީ ފިރިހެން މީހާގެ ގޮތުގައި ދާދި ފަހުން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު ޖަޕާނު މީހެއް ކަމަށްވާ 112 އަހަރުގެ ޗިޓެޓްސޫ ވަޓަނަބޭ އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ދުވަސްވީ ފިރިހެން މީހާގެ ގޮތުގައި ދާދި ފަހުން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނު ޖަޕާނު މީހެއް ކަމަށްވާ 112 އަހަރުގެ ޗިޓެޓްސޫ ވަޓަނަބޭ އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

ޖަޕާނުގެ ނިގާޓާގެ ނާސިން ހޯމެއްގައި ދިރިއުޅެމުން ދިޔަ ވަޓަނަބޭ މަރުވީ މުސްކުޅި ބަލީގައި ކަމަށާއި އޭނާގެ މާ ބޮޑު ސިއްހީ މައްސަލައެއް ނެތް ކަމަށް މީޑިއާތަކުން ބުންޏެވެ. މި މަހުގެ 12 ވަނަ ދުވަހު އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ރަސްމީކޮށް ލިބުނު ވަޓަނަބޭ ބުނެފައިވާ ގޮތުގައި އޭނާގެ ދިގު އުމުރުގެ ސިއްރަކީ އަބަދު ހިނިތިވުންމާއި ރުޅި ނައުމެވެ.

ވަޓަނަބޭ މަރުވެފައި ވަނީ އޭނާގެ 113 ވަނަ އުފަން ދުވަސް އަންނަ މަހުގެ 5 ގައި ފާހަގަކުރަން ވެސް ގާތްވެފައި ވަނިކޮށެވެ. އޭނާ އުފަންވީ މާޗް 5، 1907 ގަ އެވެ.

ޒުވާން އުމުރުގެ ބޮޑުބައި ޓައިވާނުގައި ހޭދަކުރި ވަޓަނަބޭ އަށް ފަސް ކުދިން ލިބުނެވެ. އޭނާ އަކީ އޭނާގެ މައިންބަފައިންނަށް ލިބުނު އަށް ކުދިންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. ވަޓަނަބޭ އަކީ އުމުރުން 104 އަހަރު ވަންދެން ވަރަށް ބުރަކޮށް ދަނޑުވެރިކަމުގެ ތެރޭގައި އުޅުނު މީހެކެވެ. އަދި ޖަޕާނުގެ އަސްކަރިއްޔާ އަށް ވެސް އޭނާ ހިދުމަތްކުރި އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ ދުވަސްވީ އަންހެނާގެ ރެކޯޑް ވެސް އޮތީ ޖަޕާނުގެ މީހަކަށެވެ. އެއީ 117 އަހަރުގެ ކޭން ޓަނާކާ އެވެ.