Roadha Mihaaru
ދިގު އުމުރުގެ ސިއްރަކީ ހިތް ހެޔޮ ސާދާ މިޒާޖު

ދިގު އުމުރުގެ ސިއްރަކީ ހިތް ހެޔޮ ސާދާ މިޒާޖު

01 އޮކްޓޯބަރ 2021

އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް މިދިޔަ ޖޫން މަހު ލިބުނު ޕޯޓެ ރިކޯގެ އެމިލިއޯ ފްލޯރެސް މާކްއެޒް 113 އަހަރުގައި އޮގަސްޓް މަހު މަރުވިތާ މަހެއްހާ ދުވަސް ފަހުން އެ ރެކޯޑް އާ މީހަކަށް ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް މިދިޔަ ޖޫން މަހު ލިބުނު ޕޯޓެ ރިކޯގެ އެމިލިއޯ ފްލޯރެސް މާކްއެޒް 113 އަހަރުގައި އޮގަސްޓް މަހު މަރުވިތާ މަހެއްހާ ދުވަސް ފަހުން އެ ރެކޯޑް އާ މީހަކަށް ކަށަވަރުކޮށް ދީފި އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނީ މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެނަކީ ސެޕްޓެމްބަރު މަހުގެ 30 އަށް އުމުރުން 112 އަހަރާއި 211 ދުވަސްވީ ސްޕެއިންގެ ސަޓަނީނޯ ޑި ލާ ފުއެންޓާ ގާޝިއާ ކަމަށެވެ. އޭނާއާ މިހާރު ވަނީ ރަސްމީކޮށް ރެކޯޑްގެ ސެޓްފިކެޓް ވެސް ހަވާލުކޮށްފަ އެވެ.

ސްޕެއިންގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ ޕުއެންޓޭ ކާސްޓްރޯ އަށް ސަޓަނީނޯ އުފަންވީ ފެބްރުއަރީ 11، 1909 ގަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި ދިގު އުމުރުގެ ސިއްރަކީ ހަމަހިމޭން ދިރިއުޅުމާ އެކު އަބަދު ވެސް ހިތްހެޔޮ، ހިތްތިރި ސާދާ މިޒާޖެވެ.

"އެއްވެސް މީހަކާ ދޭތެރޭ ދެރަކޮށް ކަންތައް ނުކުރުމަކީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ފިލޯސަފީ. އޭގެ ސަބަބުން އަހަންނަށް ލިބޭ ހިތްހަމަޖެހުމާއި އެހެން މީހުންގެ ފަރާތުން ލޯތްބާއި އިހުތިރާމު ނިކަން ބޮޑު." ދިގު އުމުރުގެ ސިއްރު ގިނިސް އަށް ކިޔައިދެމުން ސަޓަނީނޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެވްރެޖް މީހުންނާ އަޅާބަލާ އިރު އިސްކޮޅުން ކުރުވުމަކީ ވެސް ނަސީބެކެވެ. ސަބަބަކީ ކުރު އިސްކޮޅާ ހެދި އަސްކަރިއްޔާ އަށް ވަންނަން ޝަރުތު ހަމަނުވުމެވެ. ސަޓަނީނޯ ކިޔައިދިން ގޮތުގައި އޭނާ އިސްކޮޅުން ދިގު މީހަކަށްވި ނަމަ އަމިއްލަ މިޒާޖާ މުޅިން އިދިކޮޅު ސިފައާ ދެކޮޅަށް ނުކުންނަން ޖެހުނީހެވެ. އެއީ ހަނގުރާމައިގެ މައިދާންތަކަށެވެ. އިސްކޮޅުން ކުރުވުމުގެ ނަތީޖާ އަކީ އަސްކަރިއްޔާ އިން ބަލައިނުގަތުމުން، 1936 ގައި ފެށުނު ސްޕޭންގައި ހިނގި މަދަނީ ހަނގުރާމަ އިން ވެސް އޭނާ ސަލާމަތްވުމެވެ.

ބޫޓް އުފެއްދުގެ މަސައްކަތް މައިގަނޑު ގޮތަކަށް ކުރި ސަޓަނީނޯގެ އިސްކޮޅަކީ 4.92 ފޫޓެވެ. އަސްކަރިއްޔާ އަށް ވަނުމުގެ ފުރުސަތު "ނަސީބަކުން" ގެއްލުނަސް، އޭނާ އަކީ އަސްކަރިއްޔާ އަށް ވަރަށް ހިދުމަތްކުރި މީހެކެވެ. އެއީ ބޫޓް ހަދައި ދީގެންނެވެ. އެ މަސައްކަތުގައި އޭނާ މަޝްހޫރުވީ އަލް ޕެޕިނޯ (ކިއުކަމްބާ) ގެ ނަމުގަ އެވެ.

ބޫޓް އުފެއްދުމުގެ އިތުރަށް އެންމެ ޒުވާން ދުވަސްވަރު ސަޓަނީނޯ އަކީ ފުޓްބޯޅަ ވެސް ކުޅުނު މީހެކެވެ. އަދިވެސް އެ ކުޅިވަރަކީ އޭނާ އެންމެ ލޯބިކުރާ ކުޅިވަރެވެ. އުފަން އަވަށުގެ ނަން ދިން ކުލަބް ޕުއެންޓޭ ކާސްޓްރޯ އަކީ ސަޓަޓީނޯ ބާނީއެއްގެ ގޮތުގައި ހިއްސާވި އަދި ކުޅުނު ޓީމެކެވެ. އޭނާ އަކީ އަދިވެސް އެ ޓީމްގެ މެމްބަރެކެވެ. އަދި ޓީމްގެ އެންމެ ދުވަސްވީ ކުޅުންތެރިޔާ ވެސް މެ އެވެ.

ހަތް ކުދިން ލިބިނު ސަޓަނީނޯގެ އެއް ކުއްޖަކު ވަނީ ވަރަށް ކުޑައިރު މަރުވެފަ އެވެ. އޭނާ މިހާރު ދިރިއުޅުނީ އަންހެން ދަރިއަކާއި ދަނބިދަރިއަކާ އެކީގަ އެވެ. ސަޓަނީނޯ ގެ 14 ކާފަދަރިންނާއި 22 މުނިކާފަ ދަރިން އެބަތިއްބެވެ.

މި ވަގުތު ދުނިޔޭގައި އިން އެންމެ ދުވަސްވީ އަންހެނަކީ ޖަޕާންގެ ކޭން ޓަނާކާ އެވެ. ޖޫން 30، 1903 ގައި އުފަންވި މީހާގެ މިހާރުގެ އުމުރަކީ 118 އަހަރެވެ.