Roadha Mihaaru
އެންމެ ދުވަސްވީ ޑީޖޭ 96 އަަހަރުގައި ރިޓަޔާކޮށްފި

އެންމެ ދުވަސްވީ ޑީޖޭ 96 އަަހަރުގައި ރިޓަޔާކޮށްފި

17 މެއި 2021

މީގެ 21 އަހަރު ކުރިން "މޯސްޓް ޑިއުރަބަލް ޑީޖޭ" ގެ ރެކޯޑް ލިބުނު ހޮންކޮންގުގެ ރޭ ކޯޑީރޯ މަސައްކަތުން ރިޓަޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 21 އަހަރު ކުރިން "މޯސްޓް ޑިއުރަބަލް ޑީޖޭ" ގެ ރެކޯޑް ލިބުނު ހޮންކޮންގުގެ ރޭ ކޯޑީރޯ މަސައްކަތުން ރިޓަޔާކޮށްފި އެވެ.

އުމުރުން 96 އަހަރުގައި ރިޓަޔާކުރީ 1970 އިން ފެށިގެން ހޮންކޮންގްގެ ދައުލަތުގެ މީޑިއާ އާރްޓީއެޗްކޭ އިން ގެނެސްދެމުން ގެންދިޔަ އޭނާގެ "އޯލް ދަ ވޭ ވިތު ރޭ" ގެ ފަހު ޕްރޮގްރާމާ އެކީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭގައި ރޭ ބުނީ އެހުންތެރިން މިހާތަނަށް ދިން ލޯތްބާއި ސަޕޯޓަށްޓަކައި ޝުކުރު އަދާކުރާ ކަމަށާއި މިއީ އޭނާ ދެން އެންމެންނާ އަލްވަދާއު ކިޔަންވީ ވަގުތު ކަމަށެވެ.

ރޭ ބުނީ ގޮތުގައި އޭނާ އަކީ ވަރަށް ނަސީބު ގަދަ މީހެކެވެ. ސަބަބަކީ އޭނާ އެންމެ ކުރަން ބޭނުންވި މަސައްކަތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރަން ލިބުމެވެ.

"އެހެންވީމަ އަހަރެން ރިގްރެޓްކުރާ އެއްވެސް ކަމެއް ނެތް." 72 އަހަރުވީ ކެރިއަރުން ރިޓަޔާކުރި ފަންނާނު ބުންޏެވެ.

ހޮންކޮންގަށް އުފަން އެކަމަކު ޕޯޗްގީޒް ދަރިކޮޅަށް ނިސްބަތްވާ އަދި "އަންކަލް ރޭ" ގެ ނަމުން މަޝްހޫރުވި ރޭ އަކީ މިއުޒިކް ދުނިޔޭގެ ވަރަށް ނުފޫޒު ގަދަ ފަރާތްތަކާ ވަރަށް ގާތް ގުޅުމެއް ވެސް އުފެދުނު ފަންނާނެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ބޭންޑް "ދަ ބީޓްލްސް" އާއި އިނގިރޭސި މިއުޒިޝަން ކްލިފް ރިޗަޑް އަދި އެމެރިކާގެ މިއުޒިޝަން ޓޯނީ ބެނެޓް ފަދަ ފަންނާނުން ހިމެނެ އެވެ.