Roadha Mihaaru
ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި

06 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅެން ހަމަޖެހިފައި އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ހުޅުވުމަށް މިރޭ ކުޅެން ހަމަޖެހިފައި އޮތް އެފްއޭ ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި އެވެ.

ސަރުކާރުން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ރޭ އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީޒަން އޮޕެނިން (ޗެރިޓީ ޝީލްޑް) މެޗު ދިވެހި ރާއްޖެ އަށް ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާ ކަމަށެވެ.

މި ފަހަރުގެ ޝީލްޑް މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ އަށް ޝީލްޑް މެޗުގެ ފުރުސަތު ލިބުނީ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ވާދަކޮށްފައިވުމުންނެވެ. އެ މުބާރާތުގެ ޗެމްޕިއަނަކީ ނިއު އެވެ.

ސަރުކާރުން ކުއްލި ހާލަތު 15 ދުވަހަށް އިއުލާން ކޮށްފައިވާއިރު، އަންނަ ހަފްތާގެ އަންގާރަ ދުވަހު އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި ޓީސީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ވާދަކުރާނެ އެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން އިންޑިއާ އިން ވަނީ އެ ގައުމުގެ ރައްޔިތުން ރާއްޖެ އަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފަ އެވެ.

އެފްއޭއެމުން 2009 ވަނަ އަހަރުން ފެށިގެން ކުރީގެ ކަޕް ވިނާސް ކަޕްގެ ބަދަލުގައި ސީޒަން ހުޅުވުމުގެ ގޮތުން ބާއްވާ ޗެރިޓީ ޝީލްޑް އެންމެ ގިނައިން އުފުލާލައިފައިވަނީ ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އެވެ. މި ދެ ޓީމު ވަނީ ތިން ފަހަރު ޝީލްޑް ހޯދައިފަ އެވެ. ނިއު އިން ދެ ފަހަރު ޝީލްޑް ކާމިޔާބުކުރިއިރު، ވެލެންސިއާ އިން ވަނީ އެއް ފަހަރު ޝީލްޑް ހޯދައިފަ އެވެ. މިދިޔަ އަހަރު މާޒިޔާ އިން ޝީލްޑް އުފުލާލީ ވެލެންސިއާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.