ކާން ދޭ އަތުގައި ދަތް އެޅި ކަމަށް އެއްބަސްވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ރައްދު ދެއްވައިފި އެވެ.
05 ފެބުރުއަރީ 2018
ކާން ދޭ އަތުގައި ދަތް އެޅި ކަމަށް އެއްބަސްވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ރައްދު ދެއްވައިފި އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ގާސިމްގެ ނަން ފާހަގަ ނުކުރައްވައި، ސައީދު ވިދާޅުވީ އޭނާއާ ދިމާލަށް ރައްދުކޮށް ކާން ދިން އަތުގައި ދަތް އެޅި ކަމަށް ބުނެ ބަޔަކު ފާޑު ކިޔަމުން އަންނަ ކަމަށެވެ. އެކަމަކު، އިދިކޮޅު ހަތަރު ލީޑަރުން ދަތް އެޅީ ކޮން އެއްޗެއްގައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑާ ދިމާލަށް ރައްދުކޮށް ބުނާނެ ކާން ދިން އަތުގައި ދަތް އެޅިއްޔޭ. ވަރަށް ބާރަށް ބުނާ ވާހަކައެއް އެއީ، އަޅުގަނޑު ދަތް އެޅީ،" މިހާރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ކުރިއަށް ގެންދާ ޖަލްސާ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ގާސިމްގެ ބޮޑު ރިސޯޓު ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސައީދު ގާސިމަށް އިޝާރާތް ކުރައްވައި ކުރިން ވިދާޅުވެފައި ވަނީ އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށެވެ. ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހެއް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީގައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަމުގެ މަގާމަށް ސައީދު ވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީއަށް ކަނޑައެޅި ސްލޮޓެއްގަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ސައީދުގެ ވާހަކަތަކާ ގުޅިގެން ގާސިމް ކުރިން ވިދާޅުވީ ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށެވެ. ބައެއް މީހުން ބުނެފައި ވަނީ ގާސިމް ކިޔަވައިދީ އަދި އޭނާގެ ވަޒީފާގައި އުޅުއްވަނިކޮށް، މިނިސްޓަރުކަން ހޯދައި ދެއްވާފައިވާއިރު ދެން ގާސިމަށް ސައީދު ފާޑުވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ސައީދު ވިދާޅުވީ ގައުމަކީ "މަންމަ" ކަމަށްވާއިރު، ގައުމު ބޭނުންކޮށްގެން ފޭރޭ ކަމުގައި ވާނަމަ، އެ ދަތް އެޅެނީ މަންމަގެ މުޅި ގައިގައި ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ މައުމޫނަށް 30 އަހަރު ވަންދެން ރަން ތަބަކަކަށްލާފައި ވެރިކަން ދިނީމަ، އެމަނިކުފާނަކީ ރާއްޖެ ތަރައްގީ ކުރުމަށް ފައިސާ ގެންނަން ނޭނގުނު ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަޑާންގެއެއް ހިންގަން ނޭނގުނު ބޭފުޅެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ހުންނެވި މަގާމުގައި އިދިކޮޅު ކޮންމެ ލީޑަރެއް ހުރި ނަމަ، ހައެއްކަ ފަހަރު އިސްތިއުފާ ދެއްވާނެ ކަމަށާއި ރައީސް ޔާމީނާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަކީ މުހައްމަދު ތަކުރުފާނު ފަދަ ދިރި ހުރި ބަތޮލެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ރާއްޖެ ދައުލަތަކަށް ވާނަމަ، ދައުލަތުގެ ވަލީއުލްއަމުރަކީ ޖުމްހޫރިއްޔާގެ ރައީސް ކަމަށާއި އެކަމާ ޝައްކު ކުރެވޭނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ގާނޫނުއަސާސީއާ ހިލާފުވި އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި
65 އަހަރުގެ އިސްލާހާ މެދު އޮތީ ޚިޔާލު ތަފާތުވެފައި
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"
ސައީދުގެ ބަސް: މިއީ "ގައުމީ ވެރިކަމެއް"!
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ރައީސްގެ ވާހަކަފުޅު އަމާޒުވަނީ އެމަނިކުފާނަށް: މާރިޔާ
ގާސިމްގެ ގިނަ މައްސަލަތައް ހުރީ މަޑުޖެހިފައި: ވަކީލުން
ގާސިމަކީ ކުރު މަގުން އިންސާފު ހޯދާ ބޭފުޅެއް: ރައީސް