އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގަ އެވެ. ރިޔާސީ އިންތިޚާބަށް 44 ދުވަހަށް ވީއިރު، ރައީސް ޔާމީނާއި އިބޫއާ ދެމެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ދަނީ ބަދަލުކުރައްވަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިބޫ އަށް ކުރި ހޯއްދެވޭނެ ހެއްޔެވެ؟ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވިދާނެ ހެއްޔެވެ؟ ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދަވައިފި ނަމަ، ކޯލިޝަން ވެރިކަމެއް ކުރެވިދާނެ ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އާ ވަރަށް ދިގުކޮށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
10 އޯގަސްޓް 2018
އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދުގަ އެވެ. ރިޔާސީ އިންތިޚާބަށް 44 ދުވަހަށް ވީއިރު، ރައީސް ޔާމީނާއި އިބޫއާ ދެމެދުގައި ބަހުގެ ހޫނު ހަމަލަތަކެއް ދަނީ ބަދަލުކުރައްވަމުންނެވެ. ރައީސް ޔާމީންގެ މައްޗަށް އިބޫ އަށް ކުރި ހޯއްދެވޭނެ ހެއްޔެވެ؟ ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވިދާނެ ހެއްޔެވެ؟ ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދަވައިފި ނަމަ، ކޯލިޝަން ވެރިކަމެއް ކުރެވިދާނެ ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އާ ވަރަށް ދިގުކޮށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީން ކުރައްވާ ވެރިކަމަކީ ވަކި ޕާޓީއަކަށް، ވަކި މީހަކަށް ކުރައްވާ ވެރިކަމެއް ނޫން ކަމަށެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުން މިސާލު ނަންގަވައި ސައީދު ސިފަކުރެއްވި ގޮތުގައި، ރައީސް ޔާމީން ރައްޔިތުންނަށް ކޮށްދެއްވަނީ "ގައުމީ ވެރިކަމެކެ"ވެ. ދިވެހިންނަށް ގައުމީ ވެރިކަމެއް ކުރައްވާނެ ލީޑަރެއް ނުލިބި އޮއްވާ ދިވެހިންނާ ބައްދަލުކުރެއްވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، އެންމެ އަރިހުގައި މިނިސްޓަރު ސައީދު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
"މިއަދު އެމަނިކުފާނު އެކަން ސާބިތުކޮށްދެއްވައިފި. ރައީސް ޔާމީންގެ މަސައްކަތްޕުޅަކީ ސިޔާސީ މަސައްކަތްޕުޅެއް ނޫން. ކުރައްވަނީ ގައުމު އިމާރާތް ކުރުމުގެ މަސައްކަތް،" މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ ތަރައްގީ އާއި ހުޅުމާލޭގައި ކުރިއަށްދާ ހައުސިން ޕްރޮޖެކްޓުތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ ވަރުގެ ހައުސިން ޕްރޮޖެކްޓުތަކެއް ހުޅުމާލޭގައި ކުރިއަށް ދަނީ. އެހާ ގިނަ އަދަދެއްގެ ކްރޭންތައް ފެނުނުތޯ މިއިން އެއްވެސް ޒަމާނަކު؟"
ސައީދު ވިދާޅުވި ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ވުރެ އިސްވާން ޖެހޭނީ ގައުމެވެ. ރައީސް ޔާމީންގެ މަސައްކަތްޕުޅަކަށް ވީ ދިވެހިންނަށް މީގެ ކުރިން ލިބިފައި ނެތް ފުރުސަތުތައް ހޯދައިދީ، ގައުމުގައި އުފެދިފައި ހުރި މައްސަލަތައް ހައްލުކޮށް ދެއްވުން ކަމަށާއި އެކަން ކާމިޔާބުކޮށް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިކަންކަމަށް ކިޔާނީ "ގައުމީ ވެރިކަން" ނޫން ދެން ކޮން ވެރިކަމެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"އެއް ޕާޓީއަށް 40 ޕަސަންޓު. އަނެއް ޕާޓީއަށް 30 ޕަސަންޓު. އަނެއް ޕާޓީއަށް 20-10 ޕަސަންޓު ބަހައިގެން ދައުލަތުގެ މިލްކިއްޔާތުން ބައި އަޅައިގެން، މިހާ ކުޑަކުޑަ އިގްތިސާދެއްގައި ހިންދެމިލެވޭކަށް ފުރުސަތެއް ނުލިބޭނެ،" - ސައީދު
- ސަރުކާރުން ކުރިމަގު އުޖާލާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިން.
- އިސް ރަށްވެހިންނަށް ޒަމާންތަކަކަށް ވަންދެން އޮތް ހައްގު ރުޖޫއަކޮށްދިން.
- އަންހެނުންގެ ކުރިއެރުމާއި ތަނަވަސްކަން އިތުރު ކުރެވޭނެ މަގުފަހިކޮށްދިން.
- ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އާއިލާތަކަށް ހިތަށް ފިނިކަން ގެނެސްދިން.
އިބޫ، ރާއްޖޭގެ ރަށަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި، އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ސެލްފީއެއް ނަންގަވަނީ. - ފޮޓޯ: އެމްޑީޕީ
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިބޫ ނުކުންނަވަނީ ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅުންނާ އެކުގަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ. ރައީސް ޔާމީން، 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ މައުމޫނާއި ގާސިމާއި އިމްރާންގެ އެހީއާ އެކުގަ އެވެ. އެކަމަކު، ހާލަތު ބަދަލުވެ، ލީޑަރުން މިފަހަރު ތިއްބެވީ ރައީސް ޔާމީނާ ދެކޮޅަށެވެ.
"ކޮކްޓެއިލް ވެރިކަމެއް" ނުހިނގާނެ ސަބަބުތައް ތަފްސީލްކޮށް ދެއްވައި، ސައީދު ވިދާޅުވީ ކުންފުންޏެއް ހިންގާ ގޮތަށް، ޝެއާހޯލްޑަރުން ތިބެގެން ހިންދެމިލެވޭނެ ފުރުސަތު ނޯންނާނެ ކަމަށެވެ.
"ދެމިގެންދާ ގެއްލުމެއް ރާއްޖެއަށް ވާނެ އެމްޑީޕީ ފިކުރުގެ ވެރިކަމެއް ބިނާކޮށް، ކޮކްޓެއިލް ވެރިކަން ކުރަން އުޅޭނަމަ، އެކަމުން ގައުމު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ، --ސައީދު
"އެއް ޕާޓީއަށް 40 ޕަސަންޓް. އަނެއް ޕާޓީއަށް 30 ޕަސަންޓް. އަނެއް ޕާޓީއަށް 20-10 ޕަސަންޓް ބަހައިގެން ދައުލަތުގެ މިލްކިއްޔާތުން ބައި އަޅައިގެން، މިހާ ކުޑަކުޑަ އިގްތިސާދެއްގައި ހިންދެމިލެވޭކަށް ފުރުސަތެއް ނުލިބޭނެ،" އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔައި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް ފެނުނު ކޮންމެ ކޯލިޝަނެއްގެ ތެރޭގައި އުފެދުނީ ތަޅާފޮޅުމެވެ. އެކަމަކު މިއަދުގެ ހަގީގަތަކީ ގައުމު ބިނާކުރުމުގެ ހުވަފެނެއް އޮތް، އެކަން ތަންފީޒުކުރަން ކެރުނު ވެރިއެއް ރައީސް ޔާމީން ފިޔަވައި ނެތުން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރައްޔިތުން ތިބީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ފަހަތްޕުޅުގަ އެވެ.
ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސްގެ ދެކަނބަލުން. --މިހާރު ފޮޓޯ/ނިޝާން އަލީ
ސައީދު ވިދާޅުވީ "ކޮކްޓެއިލް ވެރިކަމެއް"ގެ ދޮޅު އަހަރުގެ ތެރޭގައި ގައުމަށް ހޯދޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު "ހެޑަށް" އޮޅުވާލައި، ދެމިގެންދާ ވަރުގެ ގެއްލުމެއް ރާއްޖެއަށް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެމިގެންދާ ގެއްލުމެއް ރާއްޖެއަށް ވެގެންދާނެ އެމްޑީޕީ ފިކުރުގެ ވެރިކަމެއް ބިނާކޮށް، ކޮކްޓެއިލް ވެރިކަން ކުރަން އުޅޭ ނަމަ، މި ގައުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އާ ރަންވޭއަކާއި އާ ޓާމިނަލެއް ވެސް ހަދާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މަޝްރޫއު ނިމުމުން، އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އެވެ. އެއާޕޯޓުގެ އާ ރަންވޭ ހުޅުވަން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
ސައީދު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ ނަތީޖާއަކަށް ވާނީ އެތައް ހާސް ޓޫރިސްޓް އެނދަކާއި އެތައް ސަތޭކަ ރިސޯޓުތައް އިތުރުވުމާއި ރާއްޖެއަށް އެތެރެވާ ކާގޯ އާއި ބޭރުވާ ކާގޯ އާއި ރާއްޖޭގައި އުފެދިގެންދާ އެކި ވިޔަފާރީގެ ހަރަކާތްތައް ފުޅާވުން ކަމަށެވެ. މިއިން ކޮންމެ ކަމަކާ ގުޅުވާލަދޭ އެއްޗަކީ އެއާޕޯޓު ކަމަށްވާއިރު، އެއާޕޯޓަށް އިންވެސްޓް ކުރެވިގެން ނޫނީ އިގްތިސާދު ފުޅާނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެއާޕޯޓު ބޮޑުކުރުން. އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުން ޓާމިނަލް އެޅުން. ތެޔޮ ރައްކާކުރެވޭ ނިޒާމު ގާއިމްކުރުން. އެއާޕޯޓަށް ބޭނުންވާ މީހުން ތަމްރީން ކުރުން. މިކަން އަމަލީ ގޮތުން ކުރަން ކެރުނު ސަރުކާރެއް ފެނިގެން ހިނގައްޖެތޯ ރައީސް ޔާމީންގެ ސަރުކާރު ފިޔަވައި؟" ސައީދު ވިދާޅުވި އެވެ.
"އެންމެ ރަންވޭއެއްގައި ވަކި އަދަދަކަށް މަތިންދާބޯޓު ގެނެވެނީ. ވަކި ސައިޒެއްގެ މަތިންދާބޯޓު ޖެއްސެނީ. އެކަމަކު ބާރު ސްޕީޑެއްގައި ކުރިއަށް އެބަދޭ ރާއްޖޭގެ ޓޫރިޒަމް. އެހެންވީމަ އިތުރު ރިސޯޓެއް ނެތް ހުޅުވޭކަށް އެންމެ ރަންވޭއެއް އޮވެގެން. އެހެންވެ އިތުރު ރިސޯޓެއް ނުހުޅެވޭ ކަމަށްވާ ނަމަ، އިތުރު އާމްދަނީއެއް ވެސް ނުލިބޭނެ. ޝައްކެއް ނެތި ގަބޫލްކުރެވޭ އެއް ކަމަކީ އިތުރު ރަންވޭ އަޅަން ޖެހޭ. ޓާމިނަލް ކެޕޭސިޓީ އިތުރު ކުރަން ޖެހޭ. މަތިންދާބޯޓުތަކަށް ތެޔޮ އެޅޭނެ އިންތިޒާމުތައް މިހާރަށް ވުރެ ބޮޑަށް ފަހިކުރަން ޖެހޭ. ހަމައެއާ އެކު، ރާއްޖެ އަންނަ ކާގޯ އިތުރު ވާން ޖެހޭ. މި ކަންކަން ކުރަން ހަރަދު ބޮޑުވާނެ."
ސައީދު ވިދާޅުވި ގޮތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އެއް ބިލިއަން ޑޮލަރު ހަރަދު ކުރަން ޖެހުނީ މީގެ ކުރިން، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނުކުރީމަ އެވެ. އެ ލޯނު އަނބުރާ ދައްކަން 25 އަހަރުގެ މުއްދަތެއް ދީފައި އޮތަސް، 15 އަހަރު ތެރޭގައި ދަރަނި ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާޕޯޓަށް ލިބޭ އާމްދަނީއަށް ބެލިޔަސް، އެ މުއްދަތުގައި ލޯން ދެއްކޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ އާއި މިހާރު ބޭނުން ކުރަމުން އަންނަ ރަންވޭ.
އެއާޕޯޓު ތަރައްގީއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ "ދެ ކޮމްޕިއުޓަރާއި ހަތަރު ރިސޯޓު ލިބިގެން" ގައުމު ހިންގޭނެއޭ ބުނި އެމްޑީޕީ މީހުންނަށް އެކަން އެގޮތަށް ވިސްނިފައި އޮތަސް، އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އެއާޕޯޓަށް ލިބޭ އާމްދަނީ އާއި ރާއްޖެ އަށް ލިބޭ އާމްދަނީން ދަރަނި ދެއްކުމަކީ ސަރުކާރަށް ފަސޭހަ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިގްތިސާދު ފުޅާވެގެން ދިޔައިމަ، އެއާޕޯޓަށް އަންނާނެ މޫވްމަންޓް ބައްލަވާ،" ސައީދު ވިދާޅުވި އެވެ.
- ފުޓްސަލް ދަނޑާއި ސްޕޯޓްސް އެރީނާ އާއި ބަނދަރާއި ޕޯޓުގެ މަސައްކަތް ދަނީ ކުރިއަށް.
- ބޮލަކަށް ޖެހޭ މިންވަރު 4000 ޑޮލަރުން 10،000 ޑޮލަރަށް ވަނީ އަރާފައި.
- ރާއްޖޭގެ ރިޒާވް 200 މިލިިއަން ޑޮލަރުން 700 މިލިއަން ޑޮލަރަށް.
- ފުނަދޫގައި ހަތަރު މަސް ދުވަހަށް ތެޔޮ ރައްކާކުރެވޭ ނިޒާމެއް ވަނީ ގާއިމުކޮށްފައި.
ރައީސް ޔާމީނާ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި، އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަތްޕުޅުން ހަނާ އަޅުއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސައީދު ވަނީ އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުން މިސާލު ނަންގަވައިފަ އެވެ. ކެތު ލެބެއް ހަދައި ހިތުގެ ފަރުވާ ރާއްޖެ އިން ލިބެ އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ފަހިކޮށްދީފި އެވެ. އެއްވެސް ކުއްޖަކު ބާކީނުވާ ތައުލީމީ ސިޔާސަތާ އެކު، ފޮތްތަކުގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ޓެބްލެޓެވެ. ކޮންމެ ރަށެއްގައި ބޭސްފިހާރައެކެވެ. ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންމަނީ އެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން މިހާ ބޮޑަށް ހިންގި ޒަމާނެއް އަދި ނާދެ އެވެ. ދިވެހިން ދުށް ހުވަފެންތަކުގެ ހަގީގީ ކުލަ ޖެހެން ފަށައިފި އެވެ.
"ހުޅުމާލެ ބައްލަވާ މިއިން ދުވަހަކު، ނާންނަ ތަރައްގީ އެ އަންނަނީ. މިއިން ޒަމާނަކު ކޮންސްޓްރަކްޝަން ފެނުނުތޯ؟ ފުނަދޫއަށް ބަލާ، އެއް މަސް ދުވަހުގެ ތެޔޮ ރައްކާކުރެވޭ ތަނެއް ތިއީ މީގެ ކުރިން. މިހާރު ހަތަރު މަސް ދުވަހުގެ ތެޔޮ ރައްކާކުރެވޭނެ. ބައްލަވާ އެސްޓީއޯ ބޯޓަށް. ބޮޑު ފިއުލް ކެރިއާއެއް. މިއީ ރާއްޖޭގައި ހުރި އެއްޗެހިތޯ؟ މި ސަރުކާރުން ކުރި އިންވެސްޓްމަންޓެއް އެއީ. އަޅުގަނޑުމެންގެ ގައުމަށް ތެޔޮ ގެންނަނީ އަޅުގަނޑުމެންގެ ބޯޓަކުން. މިހިރީ ފެންނަން ހުރި ހަގީގަތް،" ވެލާނާގޭ 11 ވަނަ ބުރީގައި ހުންނަވައި ހުޅުމާލެ އާއި ފުނަދޫ އަދި ބަނދަރުކޮށްފައި އޮތް ތެޔޮ ބޯޓަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.
"މާލެ އާއި ހުޅުލެއާ ދެމެދު ނޭޅޭނެ ކަމަށް ބުނި ބްރިޖު ވެސް އެޅިއްޖެ ނޫންތޯ؟. ގައުމަށް އިންސާފުވެރި، ހަމަޖެހޭ ތަރައްގީ ކުރިއަރާދާ ވެރިކަމެއް ދިވެހިން އަބަދުވެސް އުންމީދުކުރީ. މި ސާބިތުކަން މަތީގައި ތިބެއްޖެ ނަމަ، މި ސަރަހައްދުގައި އޮތް އެންމެ މުއްސަނދި ގައުމަށް ވެގެންދާނެ."
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
އައިޑީ ކާޑް ގަތުން ފަދަ ކަމެއް ނުކުރަން: ޕީޕީއެމް
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
"އިބޫއަށް ލިބުނު ފުރުސަތުގެ ތަޖުރިބާ އޮތީ ކުރެވިފައި"
އިދިކޮޅުގެ ވެރިކަން އޮންނާނީ ދޮޅު އަހަރަށް: ރައީސް
65 އަހަރުގެ އިސްލާހާ މެދު އޮތީ ޚިޔާލު ތަފާތުވެފައި
ރިސޯޓް ހަދަން ލޯން ދީގެން މަޝްރޫއުތައް ނުހިންގޭނެ
ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން