Roadha Mihaaru

ދޮޅު އަހަރުގެ ވެރިކަމެއް އިބޫ އަށް ނުހިންގޭނެ: ކާނަލް ނަޝީދު

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ.

ދޮޅު އަހަރުގެ ވެރިކަމެއް އިބޫއަށް ނުހިންގޭނެ: ނަޝީދު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

11 އޯގަސްޓް 2018

ދޮޅު އަހަރުގެ ވެރިކަމެއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އަށް ނުހިންގޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓަށް ފާޑުވިދާޅުވަމުން، ދޮޅު އަހަރެއްގެ ސަރުކާރަކަށް ނަޝީދު އިޝާރާތް ކުރެއްވީ، އިދިކޮޅު ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ގޮތަށް، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް އެމްޑީޕީގެ މެނިފެސްޓޯ ގައި ހިމަނާފައިވާތީ އެވެ.

އެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ.

ހުޅުމާލޭގައި ޕީޕީއެމުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާ. - ފޮޓޯ: ޕީޕީއެމް

ހުޅުމާލޭގައި ޕީޕީއެމުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާ. - ފޮޓޯ: ޕީޕީއެމް

އެމްޑީޕީގެ މެނިފެސްޓޯއަށް ފާޑު ކިޔައި، ނަޝީދު ވިދާޅުވީ އިބޫ އަށް ފަސް އަހަރުގެ ދައުރެއް ލިބިވަޑައިނުގަތުމަކީ މައްސަލައެއް ކަމަށެވެ. އަދި އިބޫ ވެރިކަމަށް ވަޑައިގެންފިނަމަ، "ބޯކިބާ ބަހާހެން" އެކި ޕާޓީތަކަށް ބައި އަޅަން ޖެހޭނެ ކަމަށް ވެސް ކާނަލް ނަޝީދު ވިދާޅުވި އެވެ.

"އަނެއްކާ ދޮޅު އަހަރު ފަހުން އިންތިހާބު ބާއްވަން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭ. އިބޫ އަށް އާއެކޭ ބުނެވޭކަށް ނެތް ދޮޅު އަހަރު ފަހުން ހޭދަކުރަން ޖެހޭ ހޭދަ ބޮޑުކަމުން...ރައީސުލްޖުމްހޫރިއްޔާއަކު، ހޮވަނީ ދޮޅު އަހަރަށް ސޮދަގާތް ކުރާކަށް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދަށް ބަލާއިރު، އިރުއިރުކޮޅާ އިންތިހާބެއް ބޭއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރިން، އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކާނަލް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ޖެހި ހިސާބުތަކުން، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަންނަވާ ގޮތަކަށް އެއްވެސް ހިސާބެއް ނުފެނުނެވެ. އަދި ހަމަޖެހުން ގާއިމު ކުރެވޭނީ މިހާރު ވެރިކަން ކުރައްވަން ތިއްބެވި އިލްމީ، ގާބިލް ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި އަބަދު އޮންނާނީ ކޯޅުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމަށް ހިދުމަތް ކުރުމުގެ ބަދަލުގައި އާރާއި ބާރު ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އައިސް، ޖަޒީރާ ރާއްޖެއެއް ނުހިންގޭނެ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕަޕެޓެއް ކަމަށެވެ.

އިބޫ އިއްޔެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: މިހާރު

އިބޫ އިއްޔެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: މިހާރު

ޔާމީން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމަށް "އަތް ޖައްސަވަން" އިބޫ ހުންނެވި އިރު، ޒުވާނުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންކަމުން، އިދިކޮޅު ވެރިކަމެއްގައި ޒުވާނުންނަށް ކަންކަން ކޮށްދޭނެ ކަމަށް ވައުދުވިޔަސް އެއްވެސް ކަމެއް ކޮށްނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯއަކީ "ލާދީނީ މެނިފެސްޓޯ" އެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"ޒުވާނުންގެ މެނިފެސްޓޯއެއް ގެނެސްދީ ޒުވާނުންނަށްޓަކައި ކަންކަން ފަހިކޮށްދީ ޒުވާނުންގެ ސަހަރުގެ ގޮތުގައި ތަރައްގީވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައި. ދެން މީގެ ކްރެޑިޓް އިބްރާހިމް މުހައްމަދު ސޯލިހް ނަންގަވަން އުޅޭނެ ކަމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން، އިންތިހާބު ކާމިޔާބު ކުރައްވައި ފަހުން، ޕީޕީއެމާ ގުޅިވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ނުކޮށްދެވުނު ކަމެއް ކުރަން، އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނޯންނާނެ އެވެ. ރައްޔިތުން ތިބީ "ބްރޭންޑަޑް" ދިރިއުޅުމެއް އުޅުމަށް ބޭނުންވެފައި ކަމަށާއި އެމީހުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ އަވަށުގައި ދިރިއުޅޭ މީހުން ބައިވެރިވަނީ. - ފޮޓޯ: ޕީޕީއެމް

ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި އެ އަވަށުގައި ދިރިއުޅޭ މީހުން ބައިވެރިވަނީ. - ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ، ޒުވާނުންނަކީ "ފުޓްބޯޅަ ކުޅެލައިގެން، އަމިއްލަވަންތަކަމާއެކު"، ރަނގަޅު ވަޒީފާއެއްގައި އުޅޭ ބަޔަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒުވާނުން މަގުމައްޗަށް ބިތްޖެހިފައި ތިބޭތަން ދެކެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފިކުރުގެ ބައެއް ކަމަށާއި އެ ފަލްސަފާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެމްޑީޕީން ފަހުރުވެރިކަމާއެކު "ދިވެހިރާއްޖެ" ކިޔުމުގެ ބަދަލުގައި "އަނެއް ދިވެހިރާއްޖެ" އާއި "ޖަޒީރާ ރާއްޖެ" ކިޔާތީ ޔާމީން ފާޑު ވިދާޅުވި އެވެ.

"ޖަޒީރާ ކޮންސެޕްޓަކީ ދިވެހިން އަޑު އެހި ކޮންސެޕްޓެއް ނޫން. މިއީ ރާއްޖެ ހިންގޭނެ ކޮންސެޕްޓެއް ނޫން. އެކަމަކު، ދޮން މީހުން އުޅޭ ގޮތަށް އުޅެންވެގެން އެހެން ކިޔަނީ،" ހުޅުމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.