Roadha Mihaaru
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ

ބަލައި ފާސްކުރަން ދަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ

30 ޖެނުއަރީ 2018

ދައުލަތުގެ ޔުނިފޯމު އެޅި މުއައްސަސާތަކުން، ކޯޓު އަމުރު ހިފައިގެން ތަންތަން ބަލައި ފާސްކުރަން ދަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެން ކަމަށާއި އެ މަސައްކަތަށް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ ޔުނިފޯމު އެޅި މުއައްސަސާތަކުން، ކޯޓު އަމުރު ހިފައިގެން ތަންތަން ބަލައި ފާސްކުރަން ދަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެން ކަމަށާއި އެ މަސައްކަތަށް ހުރަސްއަޅާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވަން މިއަދު ކެމްޕެއިނެއް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ގާނޫނާ އެއްގޮތަށް އަމަލުކުރާ މުއައްސަސާތަކަށް، ސިޔާސީ މަގްސަދުތަކުގައި އެކި ގޮތްގޮތުން ހުރަސް އަޅަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ދޮގު ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ ކަމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ މީހުންނާ މެދު ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ ހުސައިން ވަހީދު/މިހާރު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުމުގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ ހުސައިން ވަހީދު/މިހާރު

"ކުށެއް މީހަކު ކޮށްފިއްޔާ އެ ކުށަށް އަދަބު ލިބޭނެ. އެ އަދަބު ދިނުމަށްޓަކައި އިޖުރާއަތުތަކެއް އޮންނާނެ. އެ އިޖުރާއަތުތައް ފުރިހަމަކޮށް، މުއައްސަސާތަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިން ކަންކަން ކުރައްވާނެ. އެކަމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގައި ހަމަޖެހިފައިި އެބައޮތް،" އަނިލް ވިދާޅުވި އެވެ.

އެ މީހަކު ގާނޫނާ ޚިލާފަށް ކަމެއް ނުކުރާހާ ހިނދަކު، ގާނޫނީ ހިމާޔަތް ލިބޭނެ ކަން ވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.

ބަލައި ފާސްކުރަނީ ގާނޫނާ އެއްގޮތަށް ކަމަށް ވިދާޅުވެ، ބަންޑާރަ ނައިބު މުއައްސަސާތައް ދިފާއު ކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތައް ބަލައި ފާސްކޮށް، ބައެއް މުދާތައް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފުލުހުންނާއި ކަސްޓަމަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އަދި، ރިޝްވަތުގެ ތުހުމަތުގައި، ދެ ވަނަ ފަހަރަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރަން، އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ އަމުރު ނެރުނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަނިލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތު ފަދަ ގާނޫނުތައް ހަދަނީ، މުޅި މުޖުތަމައުގެ ލާބަޔާއި މަންފާ އަށެވެ. މިފަދަ ގާނޫނުތައް ކިތަންމެ ބޮޑުކޮށް ޗާޕްކުރި ނަމަވެސް އޭގައިވާ މަފްހޫމް އޮޅުވާލައިގެން ހިތުހުރި ގޮތަކަށް ކަންކަން ކުރާ ނަމަ ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. ސިޔާސީ ބައެއް ސަބަބުތަކަށްޓަކައި ގާނޫނުތަކުގެ މަފްހޫމްތައް ވެސް ގަސްތުގައި އޮޅުވާލަމުންދާ ކަމަށް އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕޭން ފައްޓަވައި ދެއްވުމަށް ފަހު އެޓާނީ ޖެނެރަލް އަނިލް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕޭން ފައްޓަވައި ދެއްވުމަށް ފަހު އެޓާނީ ޖެނެރަލް އަނިލް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ގާނޫނުގައި އޮތް އެއްޗެއް އެނގިވަޑައިގެން ތިއްބަވައިގެން މަފްހޫމް އޮޅުވައިލަމުންދޭ. އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަން ދައުލަތުގެ މުއައްސަސާތަކުން އަމަންއަމާންކަން ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސްނާޅަން. އެއީ ދިފާއީ ވަކީލުން ކަމުގައި ވިއަސް އާއްމު ރައްޔިތުން ކަމުގައި ވިއަސް ސިޔާސީ މީހުން ކަމަށް ވިއަސް އެ ކަންތައް އެގޮތަށް ނުކުރަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އަނިލް ވިދާޅުވިީ ގާނޫނެއް ފާސްކޮށް ތަންފީޒުކުރަން ފެށުމުން ދިމާވާނެ ގޮންޖެހުންތައް ހުންނާނެ ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ވީހާ ވެސް ފުރިހަމަ ބަދަލުތަކަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވައިލުމުގެ މަސައްކަތް 2005 ގައި ފެށި ނަމަވެސް، އެ ގާނޫނު މަޖިލީހުން ފާސްވީ 2014 ގައި ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ގާނޫނަށް އަމަލުކުރުން ލަސްވެގެން ފާޑުކިއުންތަކެއް އަމާޒުވި ކަމަށެވެ. އެކަމަކު، "ހަމަ ތިބެފައި ގާނޫނެއް ގެނައީ ނޫން" ކަމަށާއި އެ ގާނޫނު ތަންފީޒުކުރަން ވެސް އިންތިޒާމީ ބޮޑެތި ބަދަލުތަކެއް މުއައްސަސާތަކުން ގެންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގައި ވަގުތު ނެގީ، މީހުން ތަމްރީން ކުރުމާއި އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

"އަދިވެސް މި ގާނޫނަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކެއް އެބަހުރި. އެ ކަންކަން މަޖިލީހަށް މިދިޔަ އަހަރު ހުށަހަޅައިގެން ފާސްވޭތޯ މަސައްކަތް ކުރިން. އެކަން މިދިޔަ އަހަރު އަޅުގަނޑުމެންނަށް ހާސިލްކުރެވިފައި ނުވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި،" އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބޭފުޅުން އޭޖީ އަނިލް އާއި ޕީޖީ ބިޝާމާއެކު، މިއަދުގެ ހަފުލާގައި ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އާންމުން ހޭލުންތެެރި ކުރުވުމުގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބޭފުޅުން އޭޖީ އަނިލް އާއި ޕީޖީ ބިޝާމާއެކު، މިއަދުގެ ހަފުލާގައި ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ބަދަލުތައް، ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ގެނެވޭނެ އެވެ. އޭގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން މި ގާނޫނު ތަންފީޒުކުރުމުގައި އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް ވެސް އުއްމީދުކުރައްވާ ކަމަށް އަނިލް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނަކީ ވަރަށް އުނދަގޫ އެއްޗެއް ކަމަށާއި އެ ގާނޫނާ ހެދީ ކުށްކުރާ މީހުންނަށް އަދަބު ނުލިބި ފިލުމަށް ޖާގަ ދިނުމަށް ކަމަށް ވެސް ތުހުމަތުތަކެއް ކުރި ކަމަށް އަނިލް ވިދާޅުވި އެވެ. ކޮންމެ ގާނޫނެއް ވެސް ގެންނަނީ އާއްމު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، މުއައްސަސާތައް ހިންގަން ތިއްބެވި ބޭފުޅުންގެ ވެސް ހައްގުތައް ރައްކާތެރިކޮށްދެވި ޖަވާބުދާރީކުރެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ނުހިންގޭވަރުގެ ގާނޫނެއް ނޫން. މި ގާނޫނު ހިންގައިގެން މީހަކު ކުށުން ބަރީއަވެގެން ނުދާނެ. މި ގާނޫނު ހިންގައިގެން ކުށްވެރިން އަތުލެވޭނެ މާ ފަސޭހަ ގޮތްތަކެއް ވާނެ. އަދަބު ކަނޑައެޅޭނެ. އަޅުގަނޑުމެންގެ މުއައްސަސާތަކުން ވީ މިކަމަށް ހޭލުންތެރިވެ، ތައްޔާރުވާން،" އަނިލް ވިދާޅުވި އެވެ.

"ޖިނާއީ އިޖްރާއާތުގެ ގާނޫނު ދެނެގަތުން" ގެ ނަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ފެށި ކެމްޕެއިނަކީ މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ހޭލުންތެރި ކުރުވުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ކެމްޕެއިނެކެވެ.

މި ކެމްޕެއިން އަންނަ މާޗް މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕޭންގެ އޮންލައިން ޕާޓްނަރަކީ "މިހާރު" އެވެ. ދެން ހިމެނެނީ ޕީއެސްއެމް އާއި ޗެނެލް 13 އެވެ.