Roadha Mihaaru
އެންމެ މީހަކަށް ވުރެ ގައުމު މިއޮތީ ކުޑަވެފައި: ޖަމީލް

އެންމެ މީހަކަށް ވުރެ ގައުމު މި އޮތީ ކުޑަވެފައި: ޑރ. ޖަމީލް

29 ޖެނުއަރީ 2018

ރާއްޖޭގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އެންމެ މީހަކަށް ވުރެ ގައުމު ކުޑަވެފައި އޮތުން ކަމަށާއި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކޮށް، އެކުލަވައިލި ގާނޫނުއަސާސީ އަށް އަމަލުނުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އެންމެ މީހަކަށް ވުރެ ގައުމު ކުޑަވެފައި އޮތުން ކަމަށާއި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްކޮށް، އެކުލަވައިލި ގާނޫނުއަސާސީ އަށް އަމަލުނުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ އިރު، ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ހިންގައި، ކޮރަޕްޝަނާއި ފަސާދަ އާއްމުވެފައިވާ ކަމަށެވެ. މިއީ، ދިވެހި ރައްޔިތުންނަށް ވަންހަނާވެފައިވާ ކަންކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެންމެ މީހަކަށް ވުރެން ގައުމު މިއޮތީ ކުޑަވެފައި، އެއީ ވެގެންވާނެ ގޮތެއް ނޫން. ގައުމު ބޮޑުވާން ޖެހޭނީ. ގާނޫނުއަސާސީ އެންމެ ފަހުގެ އެއްޗަކަށް ވެގެންދާން ޖެހޭ އިރު، އެއްވެސް ހާލެއްގައި އެއްވެސް ފަރުދަކު ބޮޑެއް ނުވާނެ މުއައްސަސާތަކަށް ވުރެ،" ޖަމީލް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ވިދާޅުވީ، އެއާ ޚިލާފަށް ހުރިހާ ބާރުތަކެއް ވަނީ އެކެއްގެ މުށުތެރެ އަށް ޖަމާކުރައްވާފައި ކަމަށެވެ. ގާނޫނުއަސާސީގެ ހުރިހާ އިންފާރެއް މި ސަރުކާރުން ވައްޓާލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ހުރިހާ ބާރުތަކެއް ވަކިކޮށް ގާނޫނުއަސާސީ އެކުލަވައިލީ، ސަބަބުތަކަކާ ހެދި އެވެ. މައްސަލައަކަށްވީ، ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ގަބޫލުނުކޮށް ގާނޫނުއަސާސީއާ ޚިލާފަށް ކަންތައްތަކެއް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

ހިންގަން ނުވާ ކަންތައްތަކެއް، އިޖުރާއަތުތަކާ ޚިލާފަށް ކުރިއަށް ގެންދަން މަޖިލީހުގެ މެމްބަރުން ޖާގަ ދެއްވުމުގެ ނަތީޖާއަކީ، ޖަމީލް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީސް ވެސް މިހާރު ހުއްޓިފައި އޮތުމެވެ. އެ މަނިކުފާނު ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރީ ވެސް ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ކަން ފާހަގަކުރައްވައި، އެކަމަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ފާޑުވިދާޅުވި އެވެ.

އެއާއެކު ވެސް ޖަމީލް ވިދާޅުވީ، އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ދީފި ނަމަ ވަރަށް ގިނަ ކަންކަން އިސްލާހުވާނެ ކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ އިހްލާސްތެރިކަމެއް މި ކަމުގައި ހުރި ނަމަ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ނުބައިކޮށް ވަކިކުރި ކުރުން، އެއީ ވެސް ސައްހަ ކަމެއް ނޫން ކަމަށް ކަނޑައަޅަން ޖެހޭ. އިތުރު މީހަކު މަގާމަށް ގެންނަން ވާހަކަ ދެއްކުމުގެ ހުއްޖަތެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޖަމީލް ވިދާޅުވި އެވެ.