Roadha Mihaaru
ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!

ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!

14 މާޗް 2018

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަނެއްކާވެސް ސިޔާސީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ އެކު، އަނެއްކާވެސް ސިޔާސީ ދާއިރާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އެންޓި ޑިފެކްޝަން ބިލްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އެ ބިލްގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް ބިލްގައި ބުނާ އުސޫލުތައް ހިނގާނެ ކަމަށެވެ.

ބިލުގައި ފާހަގަ އެ ކުރަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ.

މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި ބިލާއި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަގާމުން ވަކިވާ ގޮތަށް ފާސްކުރި ދެ ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

މިއަދު ގާނޫނަކަށް ވި އެންޓި ޑިފެކްޝަން ބިލްގައި ބުނާ ޖުލައި 13 ގެ ކުރިން ވެސް އެ މެމްބަރުން ވާނީ ޕީޕީއެމުން ވަކިވެފަ އެވެ. ސިޔާސީ ޕާޓީން ވަކިވެއްޖެ ކަމަށް ސިޓީ ފޮނުވާ ހިސާބުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އަދި ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ވަނީ ޖުލައި 13 ގެ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި ވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކަމަށެވެ. އަދި ކުރީގެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ފެބްރުއަރީ 1ގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރުއްވައިފަ އެވެ.

މ. ކުނޫޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ ދެ ބިލް ފާސްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވާތީ ވަރަށް އަވަހަށް އެ މައްސަލަ ބަލައި އެ ދެ ބިލް ބާތިލް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެ ދެ ބިލަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ އިޖުރާތްތަކާ ހިލާފު ދެ ބިލް. އެހެންވެ އަޅުގަނޑުމެން އެ ބިލްތައް ބާތިލް ކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ،" އިބޫ ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ވުމުން، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

އެކަމަކު ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ. އަދި ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލިހާ ބެހޭ ބާބުގައި ސިޔާސީ ޕާޓީއަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވެ އެވެ. އެހެންކަމުން ގާނޫނީ މީހުންގެ ގަބޫލުކުރާ ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނު ގާނޫނުއަސާސީއާ މުޅިން ހިލާފެވެ.