Roadha Mihaaru

އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި!

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ ބޮޑު ވަފުދެއް އިންޑިއާ އަށް މިހާރު ކުރަމުން ދާ ދަތުރުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިދިކޮޅު މެމްބަރުން އިންޑިއާއަށް ނުދިޔައީ ޔާމީނަށްޓަކައި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

10 ޑިސެމްބަރ 2019

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ މަޖިލިހުގެ ބޮޑު ވަފުދެއް އިންޑިއާ އަށް މިހާރު ކުރަމުން ދާ ދަތުރުގައި އިދިކޮޅުގެ އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިނުގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ޖަލަށް ލުމާ އެކު، ޕީޕީއެމް އާއި ޕީއެންސީން ގެންދަނީ އެމަނިކުފާނު ގެޔަށް ބަދަލުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ދެ ޕާޓީން ބުނާ ގޮތުގައި ޔާާމީން ޖަލަށް ލީ "ސިޔާސީ ދައުވާއެއް"ގަ އެވެ.

ޔާމީން ޖަލުން ނެރެވޭތޯ ޕީޕީއެމާއި ޕީއެންސީން ބޭރުގެ ބައެއް ޑިޕްލޮމެންޓުންނާ ވެސް ގެންދަނީ ބަައްދަލުކުރަމުންނެވެ.

ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ވުރެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެކު އެވެ. އެކަމަކު އާ ސަރުކާރުން ބޮޑަށް ކައިރިވަމުން ގެންދަނީ، އެންމެ އަށްޓެރި، އިންޑިއާއާ އެވެ.

މަޖިލިހުގެ ވަފްދު އިންޑިއާ އަށް ދިޔައީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށެވެ. މި ދަތުރުގައި އެ ގައުމުގެ އާސާރީ އަދި ގަދީމީ އެކި ތަންތަނަށް ވަފުދުން ޒިޔާރަތްކުރަން އޮތީ ހަމަޖެހިފަ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލިހުގައި ހިމެނޭ ސިޔާސީ ހުރިހާ ޕާޓީއެއް ވެސް ތަމްސީލްކުރަން މަޖިލިހުގެ އިދާރާ އިން ފުރުސަތު ދިނެވެ. އެކަމަކު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެއްވެސް މެމްބަރަކު އިންޑިއާ އަށް ވަޑައެއްނުގަންނަވަ އެވެ.

ވަފުދުގައި އެމްޑީޕީގެ ފަރާތުން ހިމެނެނީ މަޖިލިހުގެ ރައީސް ނަޝީދާއި ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް އަދި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ.

ދެން ވަޑައިގަތީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

މަޖިލިހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވެސް ވަފުދުގައި އިންޑިއާ އަށް ވަޑައިގެންނެވި އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ސޮއިކުރި އެމްއޯޔޫގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމެވެ. އަދި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރު އަޅާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ ދަތުރުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގެންނެވި އިރު، މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލާާށާއި 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ.

އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަމުގެ ކުށެވެ.

މާފުށީ ޖަލުގައި މިވަގުތު ހުންނެވި ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ބައެއް މެމްބަރުން މަޖިލިހުގެ ތަޅުމުގައި އިހުތިޖާޖް ވެސް ކުރެއްވި އެވެ. މަޖިލިސް މިހާރު ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.