Roadha Mihaaru
އިމްރާން ޖަލުގައި ހުރުމަކީ ތާރީޚުގައި ޖެހޭ ލައްގަނޑެއް

އިމްރާން ޖަލުގައި ހުންނެވުމަކީ ދިވެހި ތާރީޚުގައި ޖެހޭ ބޮޑު ލައްގަނޑެއް: މައުމޫން

25 ޖެނުއަރީ 2018

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އޭނާ ޖަލުގައި 1،000 ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ދިވެހި ތާރީޚުގައި ޖެހިގެންދާނެ ވަރަށް ބޮޑު ލައްގަނޑެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އޭނާ ޖަލުގައި 1،000 ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ދިވެހި ތާރީޚުގައި ޖެހިގެންދާނެ ވަރަށް ބޮޑު ލައްގަނޑެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މޭ 1، 2015 ނުވަތަ އެ އަހަރުގެ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން، އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިމްރާން ޖަލަށް ލާފައިވާ ހުންނަތާ 1،000 ދުވަސްވުން ފާހަގަކުރަން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި މައުމޫން ވިދާޅުވީ، އިމްރާނަށް އެ އަދަބު ދިނުމަކީ އެއިން ދިވެހި ގައުމު ސަލާމަތް ނުވެވޭނެ ފަދަ ބޮޑު ހުތުރެއް ކަމަށެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ މ. ކުނޫޒުގައި ކުރިއަށް ގެންދާ ޖަލްސާގައި މައުމޫން ވިދާޅުވި ގޮތުގައި އިމްރާނަކީ ވަރަށް ވަރުގަދަ ޒައީމެކެވެ. ތެދުވެރި މުވާތިނެކެވެ. ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އަދި ވަރަށް ވަރުގަދަ ޖިހާދެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިރޭގެ ޖަލްސާގައި މައުމޫނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ޖަލްސާގައި މައުމޫނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޚާއްސަ ގޮތެއްގައި ތިޔަ ހުރިހާ ބޭފުޅުން ވެސް ތިޔަ ވިދާޅުވާ ފަދައިން 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވުނު މޭ ޑޭގެ އިހުތިޖާޖުގައި އެމަނިކުފާނު އެ ކުރެއްވި ހިއްމަތާއި މަސައްކަތަކީ ދިވެހި ރައްޔިތުން ދުވަހަކު ވެސް ހަނދާން ނެތިގެންދާ ކަމެއް ނޫން. އެމަނިކުފާނުގެ ހިތްވަރުފުޅު އެ ދުވަހު ދެއްކެވި. އެމަނިކުފާނުގެ އަޒުމް އެ ދުވަހު ސާބިތުކޮށްދެއްވި. އެމަނިކުފާނަކީ ދުވަހަކު ވެސް ދެގޮތެއް ނުވާ އަދި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނެ ބޭފުޅެއްކަން އެ ދުވަހު އެންމެންނަށް ވަރަށް ރީތިކޮށް ދައްކަވައި ދެއްވި،" މި ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގެ އިސް މޭސްތިރި އިމްރާނަށް ތައުރީފު ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ހަރަކާތުގައި މިހާރު އިސްކޮށް އުޅުއްވާ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވީ މުޖުތަމައުގައި އެންމެ ބޮޑަށް ހަމަނުޖެހުން އުފައްދާ ކަމަކީ އަނިޔާވެރިކަން ކަމަށެވެ. އަދި ވިދާޅުވީ އަދުލުވެރިކަމާއި އިންސާފެއް ނެތް ތަނެއްގައި އަމާންކަމެއް ނޯންނާނެ ކަމަށެވެ. އެކަކު އަނެކަކާ ބައްދަލުކުރާއިރު ހިތްހެޔޮ ކަމެއް ނޯންނާނެ އެވެ.

މިރޭގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެންމެން ތިބޭނީ ވަރަށް ވަރުގަދައަށް ރުޅި އައިސްފައި. ހިތްހަމަނުޖެހިފައި. ގައުމުގައި ފެތުރިގެންދާނީ އަނިޔާވެރިކަން. ހަމަނުޖެހުން،" އަނިޔާވެރި ނުވުމަށާއި އަދުލުވެރިކަމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ ހުކުމުގެ ބިންގަލަކީ އަދުލުވެރިވުމާއި އިހްސާންތެރިވުމެވެ. އަދި ވިދާޅުވީ އެ ދެ ކަންތަަކާ ނުލައި އިސްލާމީ ހުކުމަކަށް ނުވާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ މީހެއްގެ ހައްގަކަށް، މުދަލަކަށް، އަބުރަކަށް އަރައިގަނެގެން ނުވާނެ ކަމަށެވެ.

"ނުހައްގުން މީހަކު ހައްޔަރު ކޮށްގެން ނުވާނެ. މީހަކަށް އަދަބެއް ދީގެން ނުވާނެ. ހަމަ އެހެންމެ އަދުލުވެރިކަން މަތީގައި ދެމިތިބެން ޖެހޭނެ. އަދުލުވެރިވުމާއި އިހުސާންތެރިވުން މިއީ އިސްލާމީ ކޮންމެ ނިޒާމެއްގެ ވެސް އަސާސް. އިހުސާންތެރިވުމަކީ ވެސް ވަރަށް މުހިންމު ކަމެއް. އެއީ ހަމައެކަނި އަދުލުވެރިވުމަކުން ނުފުދޭނެ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިމްރާންގެ މައްޗަށް ދައުވާކޮށް ހުކުމް ކުރީ ބޭއިންސާފުން ކަމަށެވެ. އަދި އެއީ އަވަސްއަރުވާލައިގެން ކުރި ހުކުމެއް ކަމަށް ވިދާޅުވި އެވެ.

"މިއަދު ވެސް އެމަނިކުފާނު އެ ހުންނެވީ ކުޑަގޮޅީގައި، ވަރަށް އަނިޔާވެރި ގޮތެއްގައި. މިއީކީ އިސްލާމީ ނިޒާމެއްގައި ކަންތައް އޮންނަންވީ ގޮތެއް ނޫން،" މޭ ޑޭގެ މުޒާހަރާއާ ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާނާ ބެހޭ ގޮތުން މައުމޫން ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހުކުމަކާ ނުލައި ޖަލުގައި ހަ މަސް ދުވަސް ހޭދަކުރެއްވުމަށް ފަހު، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލުމުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ވަޑައިގަތުމުން  އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޝްވަތުގެ ތުހުމަތުގައި ހުކުމަކާ ނުލައި ޖަލުގައި ހަ މަސް ދުވަސް ހޭދަކުރެއްވުމަށް ފަހު، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލުމުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ވަޑައިގަތުމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބޫ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މައުމޫން މިރޭ ފާހަގަކުރެއްވި ގޮތުގައި އަނިޔާވެރި ކަމަކީ ހުރިހާ ނުބައެއްގެ އަސްލެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމީ ނިޒާމެއްގައި އަނިޔާވެރިކަން އޮވެގެން ނުވާނެ ކަމަށާއި އިމްރާނަށް އަދަބު ދީފައި ވަނީ އަނިޔާވެރިކަމުގެ ތެރެއިން ކަމަށެވެ.

މައުމޫން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމުގެ ކުރިން، ސަރުކާރުގެ އެތެރޭގެ ކަންކަން އިސްލާހު ކުރުމަށް އިމްރާން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވި ކަމަށެވެ. މައުމޫން ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ކަންކަން އިސްލާހު ކުރަން އުޅުއްވުމުން އެމަނިކުފާނަށް ވެސް ޖެހިވަޑައިގަތީ އިމްރާނަށް ކުރިމަތިވެވަޑައިގެންނެވި ކަންކަން ކަމަށެވެ. ސަރުކާރުގެ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.

"އަޅުގަނޑު ކުށްވެރިވީ. އަޅުގަނޑަށް މި ހުރިހާ ކަމެއް ވެސް މި އަންނަނީ،" ސަރުކާރުގެ ކަންކަން އިސްލާހު ކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވިކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ ހަދީސުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވީ އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ބުނާ ހައްގުގެ ބަސް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ އެ ޖިހާދު ކުރާ މީހަކަށް އިމްރާނަށް ލިބޭ ފަދަ އަނިޔާތައް ލިބޭނެ އެވެ.

"އެހެންވީމާ ޝޭހު އިމްރާނަކީ އެފަދަ ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިމްރާންގެ އިތުރުން މޭ ޑޭގެ މުޒާހަރާއާ ގުޅިގެން ޖަލުގައި ތިބި އެންމެން މިނިވަން ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

އިމްރާންގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އޭނާގެ އަނބިކަނބަލުންނާއި ބައްޕަ ވެސް ބައިވެރިވެވަޑައިގަތެވެ.