Roadha Mihaaru
އެފްޓީއޭގެ ފަހުގެ މަޝްވަރާތަކަށް ސައީދު ހޮން ކޮންގަށް

އެފްޓީއޭގެ ފަހުގެ މަޝްވަރާ ބައްދަލުވުމަށް މިނިސްޓަރު ސައީދު ހޮން ކޮންގަށް

24 ޖެނުއަރީ 2018

ރާއްޖެ އާއި ހޮން ކޮންގާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމް ކުރުމުގެ އެއްބަސްވުން ގާއިމް ކުރުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ރާއްޖެ އާއި ހޮން ކޮންގާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމް ކުރުމުގެ އެއްބަސްވުން ގާއިމް ކުރުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ހޮން ކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ސައީދު "މިހާރު" އަށް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އެ ގައުމުން ރާއްޖޭގެ އިގުތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ޚާއްސަކޮށް އެއީ ޚިދުމަތް ދިނުމުގެ ދާއިރާގައި މުހިންމު ސިނާއަތަކަށް ވާއިރު އޭގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ފައިނޭންސްގެ ދާއިރާއަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖެ އާއި ހޮން ކޮންގާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް ފަށާފައި ވަނީ ސެޕްޓެމްބަރު 28، 2016 ގަ އެވެ.

އޭރު، މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމުން ހޮން ކޮންގް ފަދަ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މާލީ މަރުކަޒަކަށް ރާއްޖެ ހަދަން ކުރާ މަސައްކަތުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ހޮން ކޮންގަކީ، މިނިސްޓަރު ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭން އެންމެ ގިނަ އަދަދަކަށް ފަރުމަސް ބޭރުކުރާ އެއް ގައުމެވެ.

ރާއްޖެއިން ހޮން ކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް ބާއްވާއިރު، މިފަދަ އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ ޗައިނާއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ސޮއިކޮށްފަ އެވެ. އެއީ އެހެން ގައުމަކާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

ރާއްޖެ-ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުން އިދިކޮޅު މީހުންގެ ފާޑުކިޔުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އަމާޒުވި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، ދުނިޔޭގައި އިގްތިސޯދީ ގޮތުން ދެވަނަ އަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާއާއެކު އެފްޓީއޭގައި ސޮއިކުރުމުން އެންމެ ބޮޑު ފައިދާއެެއް ލިބެނީ ރާއްޖެ އަށް ކަމަށެވެ.