Roadha Mihaaru
އެމްއާރުޑީސީ އުވާލަން މަޝްވަރާކޮށްފި

އެމްއާރުޑީސީ އުވާލަން މަޝްވަރާކޮށްފި

22 ޖެނުއަރީ 2018

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލަން އެ ކުންފުނީގެ ބޯޑުން އިއްޔެ މަޝްވަރާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލަން އެ ކުންފުނީގެ ބޯޑުން އިއްޔެ މަޝްވަރާކޮށްފި އެވެ.

އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ އެމްއާރުޑީސީ އުވާލައި، އެތަނުގެ މަސައްކަތްތައް، ގުޅޭ އެހެން މިނިސްޓްރީތަކަށް ބަހާލުމެވެ. އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، އެ ކުންފުނިން ކުރާ މަސައްކަތުގެ އެންމެ ބޮޑު ބައި ބަދަލުކުރަން ވިސްނާފައި އޮތީ ހައުސިން މިނިސްޓްރީގެ ދަށަށް ކަން ވެސް އެނގިފައިވެ އެވެ.

އެމްއާރުޑީސީ އަކީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ހެދުން ވެސް މިދިޔަ ހަފުތާގައި ހަވާލުކުރީ އެ ކުންފުންޏާ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރިމަތިވެފައި އޮތް، އެމްއާރުޑީސީ އުވާލަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ވެސް ވަނީ އަޑުތައް އަރައިފަ އެވެ. އެކަމަކު މިކަމާ ގުޅޭގޮތުން، ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ވާހަކައެއް ނުދެއްކި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު އިއްޔެ ވިދާޅުވީ، އެމްއާރުޑީސީ އުވާލި ކަމުގެ އެއްވެސް ލިޔެކިޔުމެއް އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އެމްއާރުޑީސީ އުވާލަން އުޅޭ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ދޮގެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ހިންގުމަށް ރައީސް އަބްދުﷲ ޔާމީން ދުވަހުން ދުވަހަށް ގެންނަވާ ބަދަލުތަކުގެ މައުލޫމާތު، މީޑިއާ ހިއްސާކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ސަރުކާރުން މައުލޫމާތެއް ހާމަކުރަން ވެއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމްއާރުޑީސީ އުވާލާ ވާހަކަ ދައްކަމުން އަންނައިރު، އެއީ، މިހާތަނަށް އެންމެން ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރި ކުންފުންޏެވެ. ފަސް ވަނަ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި، ހަމްދީ އަގީލް އެ ކުންފުންޏަށް އައްޔަން ކުރެއްވީ މި މަހުގެ ކުރީކޮޅެވެ.