Roadha Mihaaru
ޗައިނާ ސްޓޭޓްއާ ހަވާލުކުރީ 16 ޓަވަރު: އެޗްޑީސީ

ޗައިނާ ސްޓޭޓްއާ ހަވާލުކުރީ 25 ބުރީގެ 16 ޓަވަރު: އެޗްޑީސީ

22 ނޮވެމްބަރ 2017

ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް އިމާރާތް ކުރުމަށް އިއުލާން ކޮށްފައިވާ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 25 ބުރީގެ 16 ޓަވަރު ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިފްތިތާހް ކޮށްދެއްވި މަޝްރޫއުގައި ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމައިފަ އެވެ. ދިވެހި ސަރުކާރުން މި މަޝްރޫއުގެ ތަފްސީލުތައް އާއްމު ނުކޮށް އުޅެނިކޮށް، މުޅި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސްޓޭޓުން ކަމަށް ދޭހަވާ ގޮތަށް އެ ގައުމުގެ މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗައިނާގެ ނޫސްތަކުން ބުނި ގޮތުގައި ޗައިނާ ސްޓޭޓަށް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 434 މިލިއަން ޑޮލަރު (6.7 ބިލިޔަން ރުފިޔާ) އަށެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޗައިނާ ސްޓޭޓްއާ ހަވާލުކުރީ މި މަޝްރޫއުގައި ފުރަތަމަ އިއުލާންކުރި 7،000 ފްލެޓް އަޅަން ކަމަށެވެ. އެއީ، 25 ބުރީގެ 16 ޓަވަރެވެ. މި ފްލެޓްތައް އެޅުމުގެ ބައެއް މަސައްކަތްތައް އެ ކުންފުނިން މިހާރު ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ފްލެޓްތައް އަޅަން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އިން ލޯނު ވެސް ދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެކަމަކު އެއީ ކިހާވަރެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި ގެދޮރު އަޅަން ސަރުކާރުން މިހާތަނަށް ނަގާ އެންމެ ބޮޑު ލޯނު އައިސީބީސީން ދިނީ ހަތަރު ޕަސެންޓަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި 15 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.

ސޯޝަލް ހައުސިން އަށް އަމާޒުކޮށްފައިވާ 7،000 ފްލެޓް އަޅަނީ ދެ ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ގޮތަށް 550 އަކަފޫޓުގެ އެޕާޓްމަންޓެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު، އެ ތަނުގައި 15،000 ފްލެޓް އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި މި ހައުސިން ޔުނިޓްތައް 2019 ގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޔާމީން ވަނީ ދެއްވައިފަ އެވެ.