Roadha Mihaaru
އައިލެންޑާސް އިން ޕްރީ ސްކޫލުތަކެއް ހުޅުވަނީ

އައިލެންޑާސް އަށް 10 އަހަރު، އާ ޕްރީސްކޫލްތަކެއް ހުޅުވަނީ

21 ޖެނުއަރީ 2018

ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން އިން ރަށްރަށުގައި އާ ޕްރީސްކޫލްތަކެއް ހުޅުވާނެ ކަމަށް ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަން އިން ރަށްރަށުގައި އާ ޕްރީސްކޫލްތަކެއް ހުޅުވާނެ ކަމަށް ބުނެފި އެވެ.

އައިލެންޑާސް އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް "ސެލެބްރޭޓިން ސޯޝަލް އެންޓަޕްރިނިއާޝިޕް"ގެ ނަމުގައި މިރޭ އަމީރު އަހުމަދު ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނިން ވަނީ ޕްރީ ސްކޫލްތަކަކާ އެކު އެއްބަސްވުމެއް ވެސް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރި ސްކޫލުތަކުން ދެން ކިޔަވައިދެމުން އަންނާނީ، އައިލެންޑާސް އިން ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލްގެ ކަރިކިއުލަމް އަށެވެ.

އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލަކީ އައިލެންޑާސްގެ އަމިއްލަ ބްރޭންޑެކެވެ. މިރޭގެ ރަސްމިއްޔާތުގައި އައިލެންޑާސްގެ ސީނިއާ މެނޭޖާ އޮފް ސީއެސްއާރު ހައްވާ ޝިއުނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އިގްރާ ކަރިކިއުލަމް އަންނަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންނަށް ވެސް ތައާރަފް ކުރުން ކަމަށެވެ. އަދި އެއަށްފަހު ކޮންމެ އަހަރަކު އިތުރު ގްރޭޑަކަށް ތައާރަފް ކޮށް، ގްރޭޑް ފަހަކާ ހަމައަށް އިގްރާ ކަރިކިއުލަމް ފުޅާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލްތަކުގެ ފުރެންޗަޒްގައި މިރޭ ސޮއި ކުރި ސްކޫލުތަކުގެ ވެރިން އައިލެންޑާސްގެ ޗެއާމަން އަބްދުއް ރަޝީދު (މ) އާއި އެކު.-- ފޮޓޯ: މިހާރު / ނިޝާން އަލީ

އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލްތަކުގެ ފުރެންޗަޒްގައި މިރޭ ސޮއި ކުރި ސްކޫލުތަކުގެ ވެރިން އައިލެންޑާސްގެ ޗެއާމަން އަބްދުއް ރަޝީދު (މ) އާއި އެކު.-- ފޮޓޯ: މިހާރު / ނިޝާން އަލީ

އޭނާ ވިދާޅުވީ، އައިލެންޑާސްގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އިގްރާ އިންޓަނޭޝަނަލް ޕްރީ ސްކޫލެއް ހުރުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ތިން ޕްރީ ސްކޫލް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެހެން ސްކޫލްތަކުގައި އިގްރާ ކަރިކިއުލަމް ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު ހުރި އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލްތައް:

- މަނަދޫ އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

- ހުޅުދުއްފާރު އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

- ނައިފަރު އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

- ދަރަވަންދޫ އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

- ދަނގެތި އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

- ވިލިނގިލި އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް

އައިލެންޑާސްގެ ޑައިރެކްޓާ އަހުމަދު އަދުލީ ރަޝީދު ވިދާޅުވީ، އެ ކުންފުނިން އަބަދު ވެސް ބަލަނީ ވީހާ ވެސް ބޮޑަށް މުޖުތަމައު އަށް ފައިދާ ކުރުވޭނެ ގޮތްތަކަށް ކަމަށެވެ. އެގޮތުން އެ ކުންފުނި އުފެދުނު ފަހުން ހިއްސާދާރުންނަށް މިހާތަނަށް އެއްވެސް ފައިދާއެއް ބަހާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފައިދާ ބެހުމުގެ ބަދަލުގައި އަޅުގަނޑުމެންގެ މިކަހަލަ [ޕްރީ ސްކޫލް ހުޅުވުން ފަދަ] ކަންކަން ކުރީމަ އެކަމުގެ ފައިދާ މުޅި މުޖުތަމައު އަށް އެބަ ކުރޭ. އާއިލާތަކަށް އޭގެ ފައިދާ އެބަކުރޭ. އެ ބޭފުޅުން ހިތްހަމަ ޖެހިގެން އުޅޭތަން ފެނުނީމަ އަޅުގަނޑުމެންނަށް ފައިދާ އަށް ލިބޭ ރުފިޔާ އަށް ވުރެ މާ ބޮޑު އުފަލެއް އިހުސާސް ކުރެވޭ،" އަދުލީ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ އެ ކުންފުނީގެ ސީއެސްއާރު ފައުންޑޭޝަން ކަމަށްވާ "ފައުންޑޭޝަން ފޯ އަ ބެޓާ ފިއުޗާ" އިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، ބޭރުގެ މަޝްހޫރު ތަޖުރިބާކާރުން ގެނެސް، ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކުގައި 2،000 ވުރެ ގިނަ ޓީޗަރުންނަށް ހިލޭ ތަމްރީނު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އިގްރާ އިންޓާނޭޝަނަލް ޕްރީސްކޫލުތަކަކީ ރާއްޖޭގައި ހިންގާ މިފަދަ ޕްރީސްކޫލުތަކުގެ ތެރެއިން އެންމެ ކުޑަ ފީއެއް ނަގާ ތަންތަން ކަމަށެވެ.

އައިލެންޑާސްގެ ޑައިރެކްޓާ އަދުލީ މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު / ނިޝާން އަލީ

އައިލެންޑާސްގެ ޑައިރެކްޓާ އަދުލީ މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު / ނިޝާން އަލީ

އިގްރާ އިންޓަނޭޝަނަލް ޕްރީސްކޫލް ފްރެންޗައިޒްގެ ދަށުން ހިންގަން ބޭނުންވާ ސްކޫލްތަކަށް، އައިލެންޑާސް އަށް އިތުރު ފީއެއް ނުދައްކާ، އިގްރާ ކަރިކިއުލަމަށް ކިޔަވާދެވޭނެ ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.

އައިލެންޑާސްގެ ޗެއާމަން އަބްދުއް ރަޝީދު ވެސް ބައިވެރިވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މުނީރު އ. ސަފީލްދީން އެވެ. އައިލެންޑާސް އިން ވިޔަފާރީގެ ފައިދާ އަށް ވުރެ، ގައުމުގެ ތަރައްގީ އަށް ވިސްނައިގެން މަސައްކަތް ކުރާތީ އެކަން ފާހަގަކޮށް ސަފީލްދީން ވަނީ އައިލެންޑާސް އަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އިތުރު ވިޔަފާރިތަކުން އެކަން ނަމޫނާ އަކަށް ބަލައިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މުނީރު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު / ނިޝާން އަލީ

ޔުނިސެފުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މުނީރު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު / ނިޝާން އަލީ

ފާއިތުވި އަހަރުތަކުގެ ތެރޭގައި އައިލެންޑާސް އިން ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން އެ ކުންފުނީގެ ސީނިއާ މެނޭޖާ އޮފް އެޑްމިނިސްޓްރޭޝަން ފާތިމަތު ސަލްވާ ވިދާޅުވީ އެ ކުންފުނި ފެށިގެން ދިޔައީ 600 ދަރިވަރުންނާ އެކުގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު 3،200 އަށް އިތުރުވެފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ 11 ސްކޫލެއް ހިންގަމުން އަންނަ ކަމަށެވެ.