Roadha Mihaaru
ބިލަބޮންގު ދަރިވަރުން އެމެރިކާގައި ބޮޑު ކާމިޔާބީއެއް

އެމެރިކާގައި ބޭއްވި މުބާރާތަކުން ބިލަބޮންގުގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް

21 ނޮވެމްބަރ 2017

އެމެރިކާގެ މަޝްހޫރު ޔާލެ ޔުނިވާސިޓީގައި ބޭއްވި "ވޯލްޑް ސްކޯލާސް ކަޕް - ޓޯނަމެންޓް އޮފް ޗެންޕިއަންސް" ގައި ބައިވެރިވި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެމެރިކާގެ މަޝްހޫރު ޔާލެ ޔުނިވާސިޓީގައި ބޭއްވި "ވޯލްޑް ސްކޯލާސް ކަޕް - ޓޯނަމެންޓް އޮފް ޗެންޕިއަންސް" ގައި ބައިވެރިވި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

ބިލަބޮންގުން މިއަދު ބުނީ މި މަހުގެ 10-14 އަށް ބޭއްވި މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ޓްރޮފީ އަކާއި އަށް މެޑަލް ލިބުނު ކަމަށެވެ. ޓްރޮފީ ލިބުނީ އެންމެ މޮޅު ލިޔުންތެރިންގެ ޓީމަށް ހޮވުމުންނެވެ.

މި މުބާރާތަކީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެއީ މަލްޓިޕްލް ޗޮއިސް ޓެސްޓެއް ހިމެނޭ ސްކޯލާސް ޗެލެންޖާއި ކަމެއް މީހަކަށް ވިސްނައި ދޭން ލިޔުމެއް ތައްޔާރުކުރަންޖެހޭ ކޮލޮބްރޭޓިވް ރައިޓިން އަދި ވާހަކަ ދެއްކުމަށް ދަރިވަރުން ފަރިތަކުރުމަށް ބާއްވާ ޓީމް ޑިބޭޓުގެ އިތުރުން ސްކްރީނެއްގައި އަޅުވާ ސުވާލުތަކަށް ޓީމް މެމްބަރުން ގުޅިގެން ޖަވާބުދޭން ޖެހޭ ސްކޯލާސް ބޯ އެވެ.

މީގެ އިތުރުން މި މުބާރާތުގައި، ކުދިން ގުޅިގެން މަސައްކަތް ކުރުމަށް ދަސްކޮށްދޭނެ އެވެ. އަދި ތަފާތު ކަންކަމާ ގުޅޭގޮތުން ދަރިވަރުން މަޝްވަރާ ވެސް ކުރާނެ އެވެ.

ދަރިވަރުން ކާމިޔާބު ކުރި މެޑަލާއި ވަނަތައް:

- އިންޑިވިޖުއަލް ރައިޓިންސް، ދެ ރަން މެޑަލް

- ސޯޝަލް ސްޓަޑީސް ކޮންސްޕިރިސީ އެންޑް ސްކޫލް ޓޮޕާ، ރިހި މެޑަލް

- މިތޮލޮޖީ، ރިހި މެޑަލް

- ސައިންސް، ދެ ރިހި މެޑަލް

- އިންޑިވިޖުއަލް ރައިޓިންސް، ހަ ވަނަ

- ޓޮޕް ރައިޓިން ޓީމް

އެމެރިކާގައި ބޭއްވި މުބާރާތަށް ބިލަބޮންގް ސްކޫލްގެ ޓީމް ކޮލިފައިވީ، މި އަހަރު ޖޫން މަހު ވިއެޓްނާމުގައި ބޭއްވި "ވޯލްޑް ސްކޯލާސް ކަޕް - ގްލޯބަލް ރައުންޑް" އިން ބޮޑު ކާމިޔާބީއެއް ހޯދުމުންނެވެ. އެ މުބާރާތުގައި ބިލަބޮންގު ޓީމުން 61 މެޑަލް ހޯދި އެވެ.

އެމެރިކާގައި ބޭއްވި މުބާރާތުގައި ދުނިޔޭގެ 50 ގައުމަކުން، 3،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

ބިލަބޮންގުގެ ދަރިވަރުން ވަނީ މި މުބާރާތުގެ އިތުރުން ލޯކަލް އަދި އިންޓަނޭޝަނަލް ގިނަ މުބާރާތްތަކުން ވެސް ރަން ވަނަތައް ހޯދާފަ އެވެ.