Roadha Mihaaru
އެނބޫދޫފަޅުގައި ދިވެހި އިންވެސްޓަރުންނަށް ވެސް ފުރުސަތު

އެނބޫދޫފަޅުގައި ދިވެހިންނަށް ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދެނީ

17 ޖެނުއަރީ 2018

ތައިލެންޑުގެ ސިންގް އެސްޓޭޓުން ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީކުރަމުން އަންނަ އިންޓެގްރޭޓެޑް ރިސޯޓަށް އަންނަ ބައިނަލްއަގްވާމީ ވިޔަފާރި ކުންފުނިތަކާ ދިވެހި އިންވެސްޓަރުން ގުޅުވައިދޭން ޚާއްސަ ފޯރަމެއް މިއަދު ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތައިލެންޑުގެ ސިންގް އެސްޓޭޓުން ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީކުރަމުން އަންނަ އިންޓެގްރޭޓެޑް ރިސޯޓަށް އަންނަ ބައިނަލްއަގްވާމީ ވިޔަފާރި ކުންފުނިތަކާ ދިވެހި އިންވެސްޓަރުން ގުޅުވައިދޭން ޚާއްސަ ފޯރަމެއް މިއަދު ފަށައިފި އެވެ.

އެ ފޯރަމް ހުޅުވަން ނެޝަނަލް އާޓް ގެލަރީގައި ބޭއްވި މި އިވެންޓްގައި ރާއްޖޭގެ 15 އިންވެސްޓަރަކާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވި އެވެ.

ކްރޮސް ރޯޑްސްގައި އެންމެ މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.

ސިންގް އެސްޓޭޓްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ތިޓީ ތޮންބެންޖަމަސް ކްރޮސް ރޯޑްސްގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދެއްވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ސިންގް އެސްޓޭޓްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ތިޓީ ތޮންބެންޖަމަސް ކްރޮސް ރޯޑްސްގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދެއްވަނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރާއްޖޭގެ އެންމެ ފުރަތަމަ އިންޓެގްރޭޓެޑް ރިސޯޓްގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ އޯޕަން ހައުސް އިވެންޓު މިއަދު ހެނދުނު 9:00 ން ހަވީރު 5:00 އަށް ކުރިއަށް ގެންދާނެ އެވެ.

މި އިވެންޓްގައި ބައިވެރިވާ ހެލްތު އެންޑް ވެލްނަސް އަދި ފުޑް އެންޑް ބެވަރޭޖަސް ބްރޭންޑްގެ ތެރޭގައި މެންގޯ ޓްރީ ބިސްޓްރޯ، އިންޑަސް، ކެނީ ރޮޖަސް، ނަރަޔާ އަދި ދިވާނަ ސްޕާ ހިމެނެ އެވެ.

"ރާއްޖެއަށް މި ފްރެންޗައިޒްތައް ތައާރަފުކޮށް، ކްރޮސް ރޯޑްސްގައި އިންވެސްޓްކުރުމުގެ ދޮރު ހުޅުވިގެންދާނެ. މި މަޝްރޫއު ވެގެންދާނީ އެތައް ރަށްތަކެއްގެ މައްޗަށް އެކުލެވިގެން އިންޓެގްރޭޓެޑް ލެޝާ އަދި މުނިފޫހިފިލުވުމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ފެނިގެންދާނެ އިންވެސްޓްމަންޓަކަށް،" ސިންގް އެސްޓޭޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސިންގް އެސްޓޭޓަކީ ތައިލެންޑްގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ކްރޮސް ރޯޑްސްގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިވެހި ވިޔަފާރިވެރިންތަކަށް ދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ކްރޮސް ރޯޑްސްގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިވެހި ވިޔަފާރިވެރިންތަކަށް ދެނީ --ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެ ކުންފުނިން ބުނީ ރާއްޖޭގައި ހިންގާ 680 މިލިއަން ޑޮލަރުގެ ކްރޮސް ރޯޑްސް ޕްރޮޖެކްޓް ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް އާރޯކަން ގެނެސްދިނުމާ އެކު ރާއްޖޭގެ ފަތުރުވެރިކަން މުނިފޫހިފިލުވުމުގެ މަންޒިލެއްގެ ގޮތުގައި ފާޅުވެގެންދާނެ ޕްރޮޖެކްޓަކަށް ކަމަށެވެ. އަދި ދުނިޔޭގައި ފުޅާވަމުން އަންނަ އާއިލީ -ލެޝަ ޓޫރިޒަމްގެ މާކެޓްގެ ޑިމާންޑަށް ރައްދު ދިނުމާ އެކު، ރާއްޖޭގައި ޒަމާނުއްސުރެ އޮތް 'އެއް ރަށް، އެއް ރިސޯޓް' ގެ މަފްހޫމަށް ފުރިހަމައަށް ރިޔާއަތްވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ސިންގް އެސްޓޭޓްގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ތިޓީ ތޮންބެންޖަމަސް ވިދާޅުވީ އެ ކުންފުނީގެ ވަރުގަދަ އެސެޓް ބޭނުންކޮށްގެން އެހެން ދާއިރާތަކަށް ވިޔަފާރި ފުޅާކުރަން ވަރަށް ބޮޑު އަހްމިއްޔަތު ކަމެއް ދޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހުނަރުވެރި އަދި ވިޔަފާރި ތަރައްގީ ކުރެވޭ ފަދަ ގާބިލު ޓީމެއް އޮތް ބައެއް. ހާއްސަކޮށް ހިދުމަތް ދިނުމާއި ޓޫރިޒަމް ދާއިރާގައި އަޅުގަނޑުމެންގެ ތަޖުރިބާ ފާހަގަކުރެވޭނެ. ދިވެހި ސަރުކާރުގެ އެހީތެރިކަމާއި ހިކުމަތްތެރިކަމާ އެކު މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އާ މާކެޓް ސެގްމަންޓެއް ހުޅުވިގެން ދާނެ އިންވެސްޓްމަންޓަކަށް،" އޭނާ ވިދާޅުވި އެވެ.