Roadha Mihaaru
ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ

ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ

09 ޖެނުއަރީ 2018

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މިދިޔަ އަހަރު މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަނެއްކާވެސް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މިދިޔަ އަހަރު މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަނެއްކާވެސް އެ ގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑެއިލީސްޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައުދާގެ މަރުގެ މައްސަލަ އެ ގައުމުގެ ފުލުހުން ފަސް ވަނަ ފަހަރަށް ބަލަން ފެށީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ ގައުމުގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައީ) އިން މި މައްސަލަ ތަހުގީގު ކުރަން ފެށީ ރައުދާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށް ކަނޑައަޅައި ބަންގްލަދޭޝް ފުލުހުން މައްސަލަ ނިންމާފައިވަނިކޮށެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

ފުލުހުންގެ ތަހުގީގީ ނަތީޖާތަކާމެދު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ދެކޮޅު ހަދަ އެވެ. އަދި އޭނާ ވަނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި ފުލުހުންގެ ހުށަހެޅުން ކޯޓުން ބަލައިނުގަތުމަށް އެދިފައެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. ވިލު ނޫކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާގެ މަރުގެ މައްސަލައާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކުން ވަނީ ޑޮކިއުމެންޓްރީއެއް ހަދާފަ އެވެ. ރައުދާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް އެ ޑޮކިއުމަންޓްރީގައި ބުނެފައިވެ އެވެ.