Roadha Mihaaru
ސީރިއާގެ 10 ހޮސްޕިޓަލަކަށް ވަނީ ވައިގެ ހަމަލާދީފައި

ސީރިއާގެ 10 ހޮސްޕިޓަލަކަށް ވަނީ ވައިގެ ހަމަލާދީފައި

07 ޖެނުއަރީ 2018

ދިމިޝްގު (ޖެނުއަރީ 7) - ވޭތުވެދިޔަ 10 ވަރަކަށް ދުވަހު ތެރޭ ވަނީ ސީރިއާގެ 10 ހޮސްޕިޓަލަކަށް ވައިގެ ހަމަލާދީފައި ކަމަށް އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ޖެނުއަރީ 7) - ވޭތުވެދިޔަ 10 ވަރަކަށް ދުވަހު ތެރޭ ވަނީ ސީރިއާގެ 10 ހޮސްޕިޓަލަކަށް ވައިގެ ހަމަލާދީފައި ކަމަށް އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.

އިދްލީބް ޕްރޮވިންސްގައި ހުންނަ އަންހެނުންގެ ޚާއްސަ ހޮސްޕިޓަލަކަށް ވަނީ ހަތަރު ދުވަސް ތެރޭ ދެ ފަހަރަށް ހަމަލާދީފަ އެވެ. ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ބުނީ ވައިގެ ހަމަލާތަކުގައި ފަސް މީހުން މަރުވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސީރިއާގެ ހޮސްޕިޓަލްތަކަށް ވައިގެ ހަމަލާތައް ދެމުންދާކަން އދ.ގެ އޮފިޝަލަކު ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަނެއްކޮޅުން ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އީސްޓަން ގޫޓާ އަށް ދިން ވައިގެ ހަމަލާތަކެއްގައި އާއްމުންގެ 17 މީހުން ވަނީ މަރުވެފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހުއްމެރިއްޔާ އަށް ދިން ހަމަލާތަކުގައި އާއްމުންގެ 12 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

ސީރިއާ ސަރުކާރާއި ރަޝިޔާގެ އަސްކަރިއްޔާ އިން ދަނީ އާއްމުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ނުދޭ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.