Roadha Mihaaru
ސީިރިއާގެ ވައިގެ މަރުކަޒަކަށް މިސައިލް ހަމަލާދީފި

ސީިރިއާގެ ވައިގެ މަރުކަޒަކަށް މިސަައިލް ހަމަލާދީފި

09 އެޕްރީލް 2018

ދިމިޝްގު (އެޕްރީލް 9) - ސީރިއާގެ ވައިގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 9) - ސީރިއާގެ ވައިގެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ހިމްސް ސިޓީއާ ކައިރީގައިވާ ތިޔާސް ވައިގެ މަރުކަޒް ނުވަތަ ޓީ4 އަށް ވަނީ ވަރަށް ގިނަ މިސައިލް ހަމަލާތައް ދީފަ އެވެ. ރަސްމީ ނޫސް އެޖެންސީ ސާނާ އިން ބުނީ މިސައިލް ހަމަލާ ދިނީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށެވެ.

ސީރިއާ އަށް ވައިގެ ހަމަލާތައް ދީފައި ވަނީ އެ ގައުމުގެ އިރުމަތީ ޣޫތާ އަށް ކެމިކަލް ހަމަލާއެއްދީ އެތައް ބަޔަކު މަރާލާފައި ވަނިކޮށެވެ. އެ ހަމަލާއާ ގުޅިގެން ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ވަނީ ވަރަށް ގިނަ އިންޒާރުތައް ދީފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އިއްޔެ ފޯނުން ގުޅުއްވާ ވަނީ ސީރިއާ އަށް ރައްދު ދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު ސީރިއާ އަށް ހަމަލާ ނުދޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

"ސީރިއާ އަށް މި ވަގުތު އެމެރިކާ އިން އެއްވެސް ހަމަލާއެއް ނުދޭ. އެކަމަކު ސީރިއާގެ ހާލަތު މިދަނީ ވަރަށް ގާތުން ވަޒަން ކުރަމުން،" ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުން ވެސް މި އަހަރު ކުރީކޮޅު ވަނީ ސީރިއާގެ ބައެއް އަމާޒުތަކަށް ވައިގެ ހަމަލާދީފަ އެވެ. އެކަމަކު ތިޔާސް އަށް ދިން ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.