Roadha Mihaaru
މިއަދަކީ އިރުމަތީ ޣޫތާގައި އެންމެ އަނިޔާވެރި ދުވަސް

މިއަދަކީ އިރުމަތީ ޣޫތާގައި އެންމެ އަނިޔާވެރި ދުވަސް

06 މާޗް 2018

ދިމިޝްގު (މާޗް 6) - ސީރިއާގެ އިރުމަތީ ޣޫތާ އަށް މެދުނުކެނޑި ހަމަލާދޭތާ 16 ދުވަސްވެފައިވާ އިރު މިއަދީ އެންމެ އަނިޔާވެރި ދުވަސް ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 6) - ސީރިއާގެ އިރުމަތީ ޣޫތާ އަށް މެދުނުކެނޑި ހަމަލާދޭތާ 16 ދުވަސްވެފައިވާ އިރު މިއަދީ އެންމެ އަނިޔާވެރި ދުވަސް ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.

އިިރުމަތީ ޣޫތާ އަށް ދޭ ވައިގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް ސީރިއާ ސިފައިން މިއަދު ދިން ވައިގެ ހަމަލާތަކުގައި ވަނީ އާއްމުންގެ 70 މީހުން މަރުވެފައި ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ. ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން އެހީގެ ތަކެތި ވެސް ޓްރަކްތަކުން ބޭލުމަށް ވަނީ ދަތިވެފަ އެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގުގެ އިރުން އޮންނަ ޣޫތާ ސިޓީ އަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ފޮނުވި 46 ޓްރަކުގެ އެހީ އެ ސިޓީ އަށް ގެންގޮސްފައި ވަނިކޮށެވެ. މި އެހީގެ ތެރޭން ބޮޑު ބައެއް ސީރިއާ ސިފައިން ވަނީ ހިފަހައްޓައިފަ އެވެ.

ސީރިއާގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތެއް ކަމަށްވާ ވައިޓް ހެލްމެޓްސް އިން ބުނީ ރޭ ދިން ކްލޮރިން ގޭހުގެ ހަމަލާއެއްގައި 30 މީހަކަށް ނޭވާލާން ދަތިވެފައިވާ ކަމަށެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ ހަމަލާތަކަށް ހުއްޓުމެއް ނުގެންނާނެ ކަމަށެވެ.